Support Us

ކޮވިޑްގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން އެހީތެރިވަނީ

ޢާލަމީވަބާ (ކޮވިޑް)ގެ ސަބަބުން އެންމެ ނިކަމެތި ހާލުގައި އަދިވެސް ހުރި ކުންފުނިތަކާއި ދަތިހާލުގައި ތިބި ވަކިވަކި ފަރުދުންނަށް ފޯރުކޮށްދޭ އިތުރު އެހީތެރިކަމެއް އިޢުލާނުކުރުމަށް ޓަކައި ސަރުކާރުން ބަލަމުން ގެންދާކަން މެލޭޝިއާއިން ހާމަކޮށްފިއެވެ.

މާލީ ވަޒީރު ތެންކޫ ތާދޫ ސްރީ ޒަފްރުލް ތެންކޫ ޢަބްދުލްޢަޒީޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ މި އައު އިސްނެގުން އަމާޒުކުރާނީ ޢަލަމީވަބާގެ ސަބަބުން އެންމެ ބޮޑަށް ނޭދެވޭ އަސަރު ފޯރި ވިޔަފާރިތަކަށާއި މެލޭޝިއާގެ ވަކިވަކި ރައްޔިތުންނަށެވެ.

"އެންމެ ބޮޑަށް އެހީތެރިކަން މުހުތާދުވެފައިވަނީ ކޮންކޮން ކުންފުނި ތަކަކަށްތޯ ކޮންކޮން ފަރުދުންނަކަށްތޯ ހޯދައި ބަލައި ޑޭޓާ އެއްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިފީމެވެ." މާލީ ވަޒީރު ޒަފުރުލް ވިދާޅުވިއެވެ. "އެހެންނަމަވެސް މި ގޮތަށް ފާހަގަކުރެވޭ ދާއިރާތަކަށާއި ވަކިވަކި ފަރުދުންނަށް އަޅުގަނޑުމެން (މާލީ ވުޒާރާއިން) އެހީތެރިވާނީ ކޮން ގޮތަކަށްތޯ ބެލުމުގެ މަޝްވަރާތައް ގުޅުންހުރި މިނިސްޓްރީތަކާއެކު އަޅުގަނޑުމެން މި ގެންދަނީ ކުރަމުންނެވެ. މިކަން ދާދި ކައިރި މުއްދަތެއްގައި އަޅުގަނޑުމެން އިޢުލާނުކުރާނަމުއެވެ."

މާލީވަޒީރު ޒަފުރުލް މިކަން ހާމަކުރެއްވީ "ޕްރިކަތާން ނާސިއޮނަލް" (ޤައުމީ އިއްތިހާދު) ކޯލިޝަން ސަރުކާރަށް އެއް އަހަރުފުރުމުގެ މުނާސަބަތުގައި، މި ދިޔަ ބުރާސްފަތި ދުވަހު ބޭއްވި މީޑިއާ ކޮންފަރެންސެއްގައި، މާލީ މުޒާރާއަށް ޙާޞިލުކުރެވުނު ކަންތައްތަކާއި ނެރެވުނު ނަތީޖާގެ މައްޗަށް ވާހަކަފުޅުދައްކަވަމުންނެވެ.

ޒަފުރުލް ވިދާޅުވި ގޮތުގައި "އިޤްތިޞާދު އަލުން ޙަރަކާތްތެރިވެ ފަށައިގަނެވިފައި ވިޔަސް ކުދި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ދާއިރާ ފަދަ ބައެއް ދާއިރާތައް، ޢާލަމީ ވަބާގެ ކުރީން އޮތް ޙާލަތަށް އަނބުރައި އިއާދަކުރާން އަދިވެސް ވަނީ ނުކުޅެދިފައެވެ. މި ދާއިރާތަކަށް މި ގޮތް ދިމާވެފައިވަނީ ކޮވިޑްގެ ސަބަބުން ބައިނަލްއަޤުވާނީ ބައެއް އިންސަރަހައްދުތައް ބަންދުކުރެވި، ދަތުރުފަތުރުކުރުމުގައި ހުރި ހުސްތަކުގެ ސަބަބުންނާއި، މި ޢާލަމީވަބާއިން ސަލާމަތްވުމަށްޓަކައި ޢަމަލުކުރެވެމުންދާ ހަރުކަށި މިންގަނޑުތަކުގެ ސަބަބުންނެވެ."

"މާލީ ވުޒާރާއިން ބައިވެރިވި ބައެއް ދަންފަޅިތަކުން ފާހަގަކުރެވިފައިވާ ގޮތުގައި، ސަރުކާރުން ފޯރުކޮށްދޭ ޢިނާޔަތްތަކުގެ މަޢުލޫމާތު އެހީތެރިކަމާ މެދު ކުދިފަންތީގެ ވިޔަފާރިތަކާއި ވަކިވަކި ފަރުދުންގެ ޖީބުތަކާހަމައަށް އަދި ފޯރައިފައެއް ވެސް ނެތެވެ. މި ކަމާ ގުޅިގެން ސަރުކާރުން ބަލަމުން މި ގެންދަނީ މިކަން ފުޅާކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިގަތުމަށް ތައްޔާރުވާށެވެ. އެއީ ލިބޭންހުރި އެހީތެރިކަމުގެ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރައްޖެކަމުގެ ކަށަވަރުކަން ހޯދުމަށް ޓަކައެވެ."

ތެންކޫ ޒަފަރުލް ޔަގީންކަން ދެއްވި ގޮތުގައި ސަރުކާރުން މި ނެގި އިސްނެގުމުގެ ފައިދާއާއި އެހީތެރިކަން ޤައުމުގެ އިޤުތިޞާދަށް ކުރާނީ މިހާރު ފެށިފައިވާ ވެކްސިން ދިނުމުގެ ޕްރޮގްރާމާއެކުއެކީގައެވެ. "އިޤްތިޞާދު އަލުން ރަނގަޅުކުރުމުގެ އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ދިނުމުގެ ޕްރޮގްރާމެވެ." އޭނާ ވިދާޅުވިއެވެ. "އިޤުތިޞާދުގައި ޙިއްސާކުރާ ކުދި ވިޔަފާރިތަކަކީ ޤައުމީ އުފެއްދުންތެރިކަމުގެ 39 އިންސައްތައާ ކައިރިކުރާ މިންވަރެއް ޙިއްޞާކުރާ ދާއިރާއެކެވެ. އަދި އެ ޞިނާއަތަކީ ވަޒީފާގެ ބާޒާރުގެ 70 އިންސައްތަ ޙިއްޞާކުރާ ދާއިރާއެވެ. ޝައްކެއް ނެތެވެ. ޤައުމުގެ ދަރަނި އިތުރުވެއްޖެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ކަމަށް އެހީތެރިވާން ސަރުކާރުން ގެންގުޅޭ މިންގަނޑުތަކުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ވަސީލަތްތައް އަޅުގަނޑުމެން ހޯދާނަމެވެ."

އަނެއްކޮޅުން ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑުން ބަލާއިރު މެލޭޝިއާގެ އާމްދަނީއަށްވުރެ ކުރެވުނު ޚަރަދު އިތުރުވި މިންވަރު (ޑެފިސިޓް) 2019 ގައި 3.4 އިންސައްތައިގައި ހުރިއިރު، މި ނިސްބަތް 2020 ގައި ވަނީ 6.2 އިންސައްތައަށް އިތުރުވެފައެވެ.

ތެންކޫ ޒަފަރުލް ވިދާޅުވީ އެ މަނިކުފާނުގެ ވުޒާރާއިން އަމާޒު ހިފައިފައިވަނީ، ޤައުމުގެ އިޤުތިޞާދު ރަނގަޅުވަމުން އަންނަ ނިސްބަތަށް ރިޢާޔަތްކޮށް، 2021ގައި 6.2 އަށްވުރެ ޑެފިސިޓް ކުޑަކުރާށެވެ. އަދި، ވެހި އިޤްތިޞާދު ރަނގަޅުކުރުމަށް ޓަކައި ތަފާތު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދޭށެވެ.

އިޤުތިޞާދީ ކުރިއެރުމުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން ތުންކޫ ޒަފަރުލް ވިދާޅުވީ ރައްޔިތުންގެ ޙާލަތު ރަނގަޅުކޮށް ކުދިވިޔަފާއރިތައް އަލުން ކޮޅަށް ނަގައި ވަޒީފާތައް އިތުރުކުރުމަށް ޓަކައި ސަރުކާރުން ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ސަރުކާރުންދޭ ތާއީދު އިތުރުކުރައްވާނެކަމަށެވެ. ސަރުކާރުން ތަޢާރަފުކުރާ "ސްކީމް ޖަނާކަރްޖާ" (އާ ވަޒީފާ އުފައްދާން ޔަގީންކަންދޭ އިސްކީމު) އާއި ކުރުމުއްދަތުގެ ވަޒީފާގެ ޕްރޮގްރާމްގެ ދަށުން އިތުރު ވަޒީފާތަކަށް މީހުން ޢައްޔަންކުރާން ދޭ ޢިނާޔަތާއެކު އިތުރު ފަސް ލައްކަ އާ ވަޒީފާ އުފެއްދޭނެ ކަމަށެވެ. "އަދި އަޅުގަނޑުމެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ޓަކައި ނަގުދު ފައިސާއިން ވެސް އެހީތެރިކަން ފޯރުކޮށްދޭނަމެވެ." އޭނާ ވިދާޅުވިއެވެ. "މި ދިޔަ އަހަރުގެ މޭމަހުން ފެށިގެން ހުސްވި ފެބްރުއަރީ މަހާ ހަމައަށް ތަފާތު އިޖުތިމާޢީ އެހީތެރިކަން ރައްޔިތުންނަށް ވަނީ ފޯރުކޮށްދެވިފައެވެ. މީގެ ތެރޭގައި ބޭންކްތަކަށް ދައްކާންޖެހޭ ދަރަނި ފައިސާ ނުދައްކައި މަޑުކުރުން ވެސް ހިމެނެއެވެ."

ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ފޯރަނީ ހަމަހަމަކަމާއެކު، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކަން ކަށަވަރުކުރުމަށް ވެސް ޚާއްޞަ އިންތިޒާމެއް ހަމަޖެއްސިފައިވާ ކަމަށާއި އަދި މާލީ ވުޒާރާއިން ވެސް އެކަން ވަރަށް ގާތުން ބަލަމުން ގެންދާކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

މާލީ ދާއިރާއިން ކުރެވިފައި އަދި ކުރާން ހުރި ވަރަށް ގިނަ ކަންކަމުގެ ތަފްޞީލު ދެއްވުމަށްފަހު، ޒަފްރުލް ވިދާޅުވީ، ސަރުކާރުގެ ނިޔަތަކީ ކަނޑައެޅޭ އެކިއެކި ވަކިވަކި އިޤްތިޞާދީ ދާއިރާތައް ބެލެހެއްޓުންތެރިކަމާއެކު އަލުން ފަށައިގަނެ، "ޕްރިހާތިން ޕެކޭޖް" (ކަންބޮޑުވުންތަކަށް އެހީތެރިވާ ޕްރޮގްރާމް)ގެ ތެރެއިން އެހީތެރިވެގެން ރައްޔިތުންގެ ފުރާނައާއި އާންމު ދިރިއުޅުން އެކުއެކީގައި ޙިމާޔަތްކުރުން ކަމަށެވެ.

"ދެހާސް އެކާވީސް ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ޢާންމު ޞިއްޙަތުގެ ރައްކާތެރިކަމާއި އިޤްތިޞާދު އަލުން ކޮޅަށް ނެގުމާ ދެމެދުގެ ތިލަފަތްހަމަކަން ގެނެވޭނެއެވެ."

ތުންގކޫ ޒަފްރުލްގެ ތަފްޞީލީ ވާހަކަފުޅުތައް ނިންމައިލެއްވުމުގެ ކުރީން މި މަސައްކަތުގައި މާލީ ވުޒާރާގެ މުވައްޒިފުންގެ ފަރާތުން ލިބެމުން އަންނަ އިޚުލާސްތެރި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ.

އޭނާގެ ތަފްޞީލީ ވާހަކަފުޅުތައް ނިންމައިލެއްވީ މެލޭޝިއަށް މި ޢާލަމީ ވާބާއިން މުޅީން އަރައި ގަނެވި، މެލޭޝިއާއަށް އަބަދުވެސް ޙިމާޔަތާއި ރައްކާތެރިކަން އޮތްކަމުގެ ޔަގީންކަމުގެ އުންމީދު އާކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *