ރަށްފުށުގައި ދިރިއުޅުނު މީހަކު އޭނާގެ އަނބިމީހާ ވަރިކުރިއެވެ. ރަށުގެ މީހުން އޭނާގެ އަނބިމީހާ ވަރިކުރީ ކޮން ކަމަކާތޯ ބެލުމަށް އެ ފިރިހެންމީހާގެ ކައިރިޔަށް ދިޔައެވެ.
އޭނާ ބުންޏެވެ: "އަހަރެން އޭނާ ވަރިކުރީ އެއްފަހަރުއެވެ. އަހަރެން ބޭނުން ކަމުގައި ވަނީނަމަ ޢިއްދައިގެ ދުވަސްތަކުގައި އޭނާއާ ރުޖޫޢަ ކުރެވިދާނެއެވެ. އަދި އޭނާ އެ އިނީ ޢިއްދައިގައެވެ. އަހަރެން ކަލޭމެންނަށް އޭނާގެ ކިބައިގައިވާ އުނިކަންތައްތައް ހާމަކޮށްފިނަމަ، ދެން އޭނާ އެނބުރި އަހަރެންގެ ދިރިއުޅުމަށް ގެންނާނީ ފަހެ ކިހިނެއް ހެއްޔެވެ؟"
ރަށުގެ މީހުން އެ ފިރިހެން މީހާގެ އަޑުއެހުމަށް ފަހު ދިޔައެވެ. އަދި އަންހެން މީހާގެ ޢިއްދަ ނިމެންދެން މަޑުކުރިއެވެ. އެއަށްފަހު އެ ފިރިހެން މީހާގެ ކައިރިއަށް ދިޔައެވެ. އަދި ކުރިން އެމީހުން ފިރިހެންމީހާއާ ކުރި ސުވާލު ކުރިއެވެ.
އޭނާ ބުންޏެވެ: "އަހަރެން އޭނާގެ ކިބައިގައިވީ އުނިކަންތައްތައް ކަލޭމެންނަށް ޙިއްސާކޮށްފިނަމަ، ދެން އޭނާ (ކުރީގެ އަނބިމީހާ) އާއި ކައިވެނިކުރުމަށް އެންމެ އެކަށީގެންވާ މީހަކު، އޭނާ ހޯދާނީ ފަހެ ކިހިނެއް ހެއްޔެވެ؟"
ރަށުގެ މީހުންނަށް އެ އަންހެން މީހާ އެހެން މީހަކާ ކައިވެނި ކުރިކަން ހަމަ އެނގުމާއެކު، އެމީހުން އެއްކަލަ ފިރިހެން މީހާގެ ގެޔަށް ކުރިން ކުރި ސުވާލާއިގެން ހިނގަޖެއެވެ.
އެ ފިރިހެންމީހާ ބުންޏެވެ: "އަހަރެންނަކީ މިހާރު އެ އަންހެނާއަށް ހިލޭ މީހަކަށްވާއިރު، އަހަރެން ކަލޭމެންނަށް އެހެން ފިރިހެނެއްގެ އަނބިމީހާއާ ބެހޭގޮތުން ބުނެދޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ އަދި އޭނާގެ (އަންހެނާގެ) ޢިއްޒަތާއި އަބުރު ނަގާލާނީ ކިހިނެއް ހެއްޔެވެ؟"
ސުބުޙާނަالله. މިއީ الله އަށްޓަކައި ފިރިމީހާ އަދި އަނބިމީހާ، ކައިވެނީގެ ގުޅުން ކެނޑުނު ކަމުގައިވިޔަސް ނުވަތަ އެކުގައިވިޔަސް އެމީހެއްގެ "އަޚްލާޤު" ބަހައްޓަންޖެހޭ ގޮތުގެ ލާމަސީލު މިސާލެކެވެ.
އުފަލުގައި ނުވަތަ ހިތާމައިގައި ވިޔަސް، ކައިވެނީގެ ދަތުރުގައި ހޭދަކުރާ ދުވަސްތަކުގެ ސަބަބުން ޚާއްޞަ ގުޅުމެއް އުފެދެއެވެ. އެކަކު އަނެކަކުގެ ސިއްރުތައް ހިފެހެއްޓެންޖެހެއެވެ. އަނބިމީހާ ފިރިމީހާގެ ސިއްރު ހިފަހައްޓަންޖެހެއެވެ. އަދި ފިރިމީހާވެސް އަނބިމީހާގެ ސިއްރު ފުރިހަމައަށް ހިފަހައްޓަން ޖެހެއެވެ.
މާތް الله އަޅަމެންނަކީ އެކަކު އަނެކަކުގެ ސިއްރުތަކަށް ރައްކާތެރިވާ ބައެއްކަމުގައި ލައްވާށި! އަދި އަޅަމެންގެ ކައިވެނިތަކުގައި ބަރަކާތް ލައްވާށި! އާމީން




advertisment
One Response
ހަމަ މި ގޮތަށް ސަރުކާރުގެ ވަޒީފާތަކުގައި ވެސް ޢަމަލުކުރާން ޖެހޭ ގޮތެވެ. ވަޒީފާއާ ޙަވާލުވުމަށް ފަހު ތިމާގެ ނުކުޅެދުންތެރިކަން ފޮރުވުމަށް ޓަކައި "ކުރީސަރުކާރު، ކުރީ ސަރުކާރު" ކިޔައިލަ ކިޔައިލައި ތިބުމަކީ ތިމަތިމާމެންގެ ނުކުޅެދުންތެރިކަމާއި ނާޤާބިލުކަން ނޫން އެހެން ކަމެއް ޙާޞިލުވާޏެ ކަމެއް ނޫނެވެ.