...

Support Us

ނަކަތް ތާވަލު

މީވެސް "އެހީގެ އަތެއް" ތެދޭ ދަސްކޮށްލުމަށް އެދެމޭ ޅެމުން
ހީވެސް ނުވާފަދަ ލާބަޔާ މަންފާ ލިބޭނެޔެ ދަސްވުމުން

ކުރަމުން މިދާ މަސްވެރިކަމަށް ފާގަތިކަމެއް އަންނާނެޔޭ
އުޅުމުގެ ކުރިން މަސްވެރިކަމާ، ހުރިހައި ނަކަތް އެނގިފައިވުމުން

ހުޅަނގާއި އިރުވައި މޫސުމޭ މުޅި އަހަރުގައި ދެމި އޮންނަނީ
ކުޅަދާނަ މަސްވެރިޔެއް ކަމަށް ވާނީ ނަކަތްތައް ދަސް ވުމުން

ހުޅަނގުގެ އަށާރަ ނަކަތް މިތާ ފުރަތަމަ ބަޔާންކޮށްދޭނަމޭ
ގުޅަމުން ނަކަތްތައް އިރުވައިން ނުވަޔެއް މިތާ ހަމަކޮށް ފަހުން

"އައްސިދަ" ނަކަތް ލައިގަންނަނީ އަށް ވަނަ ދުވަހު އެޕްރީލުގައި
އައްސިވެ ނުދާށޭ ފިނިވިޔަސް، ވެހިގަންނަ ގިނަ ވާރޭއަކުން

ވާތީ ކުރީއްސުރެ ކަން މިހެން، އެޕްރީލް މަހާ ގުޅިގެން މިކަން
ބާވީހުގައި ފެށެޔޭ "ބުރުނު" ވިއްސާރަ ވެސް ދަމަހައްޓަމުން

"ކެތި" ނަކަތަކީ ގަދަ ނަކަތެކޭ، މެއި މަހު ހަޔެއް ގައި ފެއްޓެނީ
ގެތިފައިވި "ރޯނު" އައީ ފަހުން ވިހި ވަނަ ދުވަހު ހަމަ މެއި މަހުން

"މިއަހެލި" ނަކަތް ޖޫން މަހު ތިނެއް ގައި ލައިގަތީމާ މަސްވެރިން
މިއަދަކު ފުރާނެ ކަމެއް ނެތޭ ދާނެ ތަނެއް ހަމަ ނެތްކަމުން

"އަދަ" މޫސުމަށް ކުރިމަތި ވަނީ، ވިއްސާރަޔާ ބޮޑު ދިޔަވަރާ
ޢަދަދެއް ނެތޭ ފަށި އައުމަކުން ޖޫން މަހު ސަތާރަ ދުވަސް ފަހުން

ބިރުވެރިވި ގަދަފަދަ ކޮޅިގަނޑެއް އައުމުން ޖުލައި ފުރަތަމަ ދުވަހު
ކުރިމަތިވަނީކަން ވިސްނެޔޭ މި "ފުނޯސް" ނަކަތް (ތަސްލީމުވުން)

ފަނަރައިގަޔޭ ބަލަ "ފުސް" ނަކަތް މި ޖުލައިމަހުން ލައިގަންނަނީ
ބަނަކަން އުޑަށް ވެރިވާނެހެން ފުސްތައް ދަނީ ހަމަ މަޑުމަޑުން

"އަހުލިހަ" ނަވާވީސްވަވަނަ ދުވަހު މި ޖުލައި މަހުން ފެށުނެއްކަމަކު
އަހުލީ މަސައްކަތް މަސްވެރިން ކުރަމުން ދެޔޭ ހަމަ މިންނަތުން

އާގަމަ ވެދާ ފަދައިން އޮގަސްޓް އެގާރަވާ ތާރީޚުގައި
"މާ" (ގަދަ ނަކަތް) ކުރިމަތިވަނީ، ނިސްބަތްވެފައި ވާތީ އަލުން

ސައުވީސް، އޮގަސްޓް މަހުން އައިސް "ފުރަ" މޫސުމޭ ކުރިމަތިވަނީ
އައު މޫސުމެއް!! ނުފުރައި ތިބީވިއްޔާ ނެތޭ ދަތުރެއް ލިބުން

ސެޕްޓެމްބަރުން ހަތްވަނަ ދުވަހު "އުތުރަ"އިގެ ކަންތައް ފެއްޓުނަސް
މެޕްތައް ބަލައި ވިސްނައި ތިބީ ވިއްޔާ އޮތީ ދަތުރޭ ލިބުން

"އަތަ" ނަކަތަށޭ ސެޕްޓެމްބަރުން،ފެށެނީ އެކާވީސް ވަނަ ރެއިން
ގަތަކަސް ބިރެއް ހަމަ ކަމުފޮޅާކަށް ނޯވެޔޭ ނުފުރައި ތިބުން

ކިތަކަށް ދަތުރުތޯއޭ ފަހަށް ޖައްސައިލުމަށް މަޖުބޫރުވީ
"ހިތަ"އިން އެކެއް އޮކްޓޯބަރުން ހަތަރެއް ކަމަށް ވާތީ ސަފުން

ހެއި ނާރަޔެއް ނުފުރާނެޔޭ މޮޅު ކެޔޮޅުމެއް މަހަކަށް ހިލާ
"ހެއި" މޫސުމަށް އޮކްޓޯބަރުން ވާތީ އަށާރަ ކަލަންޑަރުން

ފުރަނީ މަހަށް ސިހުމާ ނުލައި ހަލަބޮލިވެފައި ކަނޑު ގަދަވިޔަސް
ފުރަތަމަ ދުވަހު މި ނޮވެމްބަރުން އައިމާ "ވިހާ"، ވިހަ ވައިތަކުން

"ނޮރަ"އޭ ނޮވެމްބަރު ސާދައިން ފެށިގެން ގުނަން ޖެހިފައި ވަނީ
"ދޮށަ"އޭ ހަތާވީސް ވަނަ ދުވަހު ފެށިފައިވަނީ މި ނޮވެމްބަރުން

ދިރުވައިދެމުން މުޅި ރޫޙު ވެސް އައިމާ ބިރާ މޮޅިތައް ފިލައި
އިރުވައިގެ ފުރަތަމަ ނަކަތަކީ "މުލަ"އޭ ޑިސެމްބަރު ދިހަޔަކުން

"ފުރަހަޅަ" ދިމާކޮށްލާނެޔޭ ތޭވީސް ދުވަހު މި ކަލަންޑަރުން
ހުރަހަށް ކުރީން ހުރި ވައި އައިސް އިރުމަތި ފަރާތުން ބުރުވަމުން

ހަޔަކުން "އުތުރުހަޅަ" ޖެނުއަރީ މަހުގައި އައިސް ލައިގަންނަނީ
ވަޔަކުން ނިޝާންތައް ދައްކަމުން ގަދަކަން މި މޫސުމުގައި އަލުން

މަޑުކަމުގެ ސާލެއް ފަތުރަމުން އައުމުން ހުވަން ކަނޑު އޮއްބަމުން
ގަނޑުގައި ލިޔަން ހަމަ ޖެނުއަރީ އޮނަވިހި ކަމަށް ސާބިތުވުމުން

"ދިނަށަ"އެ ފެބްރަރީ އެކެއްގައި ވަންނަނީ މަޑު ރޯޅި އިން
ގިނަ މީހުނަށް ހިތް ހަމަ ޖެހުން ލިއްބައި ދެވޭނޭ ފަދަ އަކުން

ފެބްރަރީ ސާދައިގަޔޭ "ހިޔަވިހާ" ލައިގަންނަނީ
ގެންބުރަކަށް ބާރެއް ނެތޭ ހައްޔަރު ކުރީމާ ބޯސަލުން

ބުރަކަން މުޅީން ކެނޑި ކަނޑުތަކުން ގަދަކަން މުޅިން ނެތި ދާފަހުން
"ފުރަބަދުރުވާ" ލައިގަންނަނީ މި މަހުން ހަތާވީސް ވާ ހިނދުން

ބާރައިގަޔޭ މާރިޗު މަހުން "ފަސްބަދުރުވާ" ލައިގަންނަނީ
ވާރޭގެ އަސަރޭ ފެންނަނީ ގަދަ ފުސް ނުވާހެން ދަށް އުޑުން

މާރިޗު މަހުގެ ސައްބީހުގައި "ރޭވަ"އިގެ ކަންތައް އައިފަހުން
މޫރިތިވި އިރުވައި މޫސުމޭ ނިމެނީ ވަދާޢުގެ ރަމްޒަކުން

ހުޅަނގުގެ އަށާރަ ނަކަތް މިތާ އިރުވައިގެ ނުވަ ނަކަތާ އެކީ
ކުޅަދާނަކަން ނެތް ގަލަމަކުން ލިޔެދީ މި ނިންމީ ނަޒުމަކުން

އަބަދާ އަބަދު ކުރަނީ ދުޢާ މަސްވެރިކަމަށް މޮޅު ގޮތް އަދައި
ޢަބްދުލް ޢަޒީޒު ޖަމާލް އަބޫ-ބަކުރުގެ ގަލަން  ބާއްވައިލަމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.