Support Us

ގެއްލުނު އަނބިމީހާގެ ހަށިގަނޑު ވަޅުލައިފައި އޮއްވައި ފެނުމުން މަރުގެ ޖަވާބު ލިބިއްޖެ

ގެއިން ފިލައިގެން ދިޔަފަހުން ނުފެނިގެންކަމަށް ބުނެ ރިޕޯޓްކުރެވިފައިވާ އަންހެނެއްގެ މަރުވެފައިވާ ހަށިގަނޑު ބުރާސްފަތި ދުވަހު ފެނުމުން އޭނާގެ މަރާމެދު ކުރެވުނު ސުވާލުތަކަށް ޖަވާބު ލިބިއްޖެއެވެ. އުމުރުން 38 އަހަރުގެ މި އަންހެން މީހާ ފެނުނީ ފެންއަޅާ ކަހަލަ ނޫކުލައިގެ ޕްލާސްޓިކް ހަމަކަށް ލައި، ކާސިންޖީފަތް ހައްދާ ދަނޑެއްގައި ވަޅުލައިފައި އޮއްވައެވެ.

މި މަރުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރެވިފައިވަނީ އަންހެންމީހާގެ ފިރިމީހާއަށެވެ. އެއީ 43 އަހަރުގެ ފިރިހެނެކެވެ. ބެލެވޭ ގޮތުގައި އަންހެންމީހާ މަރައިލައިފައިވަނީ މެލޭޝިއާގެ ޖެހޯރުސިޓީގެ ކޮތާ ތިންގގީގެ ސައުޖާނާ އަވަށުގައި ހުންނަ އެ ދެމަފިރިންގެ ގޭ ގޯތިތެރޭގައި ކުނިކަހާން އޮއްވައި ބަޑިން ހަމަލަދީގެންނެވެ.

ޖަހޯރުގެ ފުލުހުންގެ ވެރިޔާ ދާތޫ އައްޔޫބް ޚާން ވިދާޅުވާ ގޮތުގައި މި ޖަރީމާގެ ސަބަބަކީ ދެމަފިރިންގެ ދެމެދުގައި އުފެދިފައިވާ ރުޅިވެރިކަމެކެވެ. މި ކަން ފާހަގަކުރެވުނު އެއް ސަބަބަކީ އަންހެނުން ވަރިކުރިކަމަށް ލިޔެފައިވާ ސިޓީއެއް އެ މީހުންގެ ގެ ފާސްކުރިކުރުމުގައި ގޭތެރެއިން ފެނިފައިވާތީއެވެ.

ފުލުހުން މި މައްސަލަ ބަލާން ފަށައިފައިވަނީ ދެކުދިންގެ މަންމައެއް ގެއްލިގެން އުޅޭކަމަށް އެ މީހުންގެ އަވަށްޓެރިއަކު ހޯމަދުވަހު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

ފުލުހުންގެ ވެރިޔާ ވިދާޅުވާ ގޮތުގައި މި މަރާމެދު ތުހުމަތުކުރެވެނީ އެ އަންހެންމީހާގެ ފިރިމީހާއަށާއި ފިރިމީހާގެ ގާތް ރައްޓެއްސެއްކަމަށްވާ އުމުރުން 32 އަހަރުގެ ފިރިހެނަކަށެވެ. މި ދެ މީހުން ވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

"މަރައިލި އަންހެންމީހާގެ ފިރިމީހާ، ތަހުގީގަށް ފުރަތަމަ ބަޔާންދީފައިވަނީ ހޯމަދުވަހު ދޭއްޖަހާ އެހާކަންހާއިރު، އޭނާގެ އަނބިމީހާ، ގެއިން ނުކުތްފަހުން އެނބުރި ގެއަށް ނާންނަނީ ކަމަށެވެ. ތުހުމަތު ކުރެވޭ މީހާ ބުނެފައިވަނީ އޭނާގެ އަންހެނުން ގެއިން ނުކުތީ ދެމަފިރިންގެ މެދުގައި އުފެދުނު ދެބަސްވުމަކަށް ފަހުގައި ކަމަށެވެ. އެހެންނަމަވެސް އޭނާގެ އަންހެނުން ކުނިކަހާން އޮއްވައި ރައިފަލަކުން ޙަމަލަދީ މަރައިލީ ކަމަށް ފަހުން އެއްބަސްވިއެވެ. މި ފިރިހެންމީހާއަކީ ހައިމާކު ދުއްވާ މީހެކެވެ. (އެކްސްކަވޭޓަރ ޑްރައިވަރެކެވެ.)

"އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ ފެންއަޅާ ކަހަލަ ނޫކުލައިގެ ހަމެއްގެ ތެރޭގައި ބެޑްޝީޓަކުން އޮޅައިލައިފައި ބަންދާރ ޕެނަވާރުގެ ކާސިންޖީ ދަނޑެއްގައި ދެ މީޓަރު ފުނުގައި ވަޅުލައިފައި އޮއްވައެވެ. މިއީ އެ މީހުންގެ ގެޔާ 30 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ." ޖޮހޯރު ފުލުސް ހެޑްކުއާރޓަރުގައި ހުކުރު ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ދާތޫ އައްޔޫބްޙާން ވިދާޅުވިއެވެ. "މަޒުލޫމުގެ ހަށިގަނޑު ވަޅުލައިފައި އޮތްތަން ހުކުރުވިލޭރޭ 10:30ގައި ފުލުހުންނަށް ދެއްކީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއެވެ."

"ފުލުހުން ތުހުމަތުކުރާ މީހާގެ ގެއާއި ގޯތިތެރެ އިތުރަށް ބެލިބެލުމުން ތެރެއިން، އެއަރރައިފަލަކާއި އެހެން ބަޑިއަކާއި ބައެއް އުންޑަތައް އެ ގެއިން ފެނިފައިވެއެވެ. އަދި ހަތަރު ފުރޮޅުލީ ދުއްވާ އުޅަނދަކާއި ހައިމާކެއް (އެކްސްކަވޭޓަރ) އެ ގެއިން ފެނިފައިވެއެވެ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

އައްޔޫބުޚާނު ވިދާޅުވި ގޮތުގައި "ލަފާކުރެވެނީ ތުހުމަތުކުރެވޭ މީހާގެ ހައިމާކުން ކުރީން ވަޅުކޮނުމަށްފަހު، އޭނާގެ ހަތަރުފުރޮޅުލީ އުޅަނދުގައި މަޒުލޫމުގެ ހަށިގަނޑު، ކާސިންޖީފަތް ދަނޑަށް ގެންގޮސް އެ ފެންއަޅާ ހަމަށް ލައިފައި ވަޅުލީ ކަމަށެވެ."

މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން (މަޒުލޫމުގެ ފިރިމީހާއާއި އޭނާގެ އެކުވެރިޔާ) މިހާރުވަނީ ކޯޓުއަމުރެއްގެ ދަށުން ހަދުވަހުގެ މުއްދަތަކަށް ޖަލަށްލެވިފައެވެ. މި މައްސަލަ ތަޙުޤީޤުކުރަނީ "މަރުތަކާ ބެހޭ ގާނޫނު"ގެ 302 ވަނަ މާއްދާގެ ދަށުންނާއި "ހަތިޔާރު ގެންގުޅުމުގެ ގާނޫނު"ގެ 36 ވަނަ މާއްދާގެ ދަށުންނެވެ. ޤާމޫނުގެ އެ މާއްދާތަކަށް ބަލާއިރު، މި ދެ މީހުންގެ މައްޗަށް މި ކުށް ސާބިތުވެއްޖެނަމަ އެ މީހުންގެ މައްޗަށް އަންނާނީ މަރު ޙުކުމެކެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ތިން ދުވަހުގެ ތެރޭގައި މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް މައްސަލަބަލައި ނިންމައިލެވޭނެއެވެ. (ނިއު ސްޓްރެއިޓްސް ޓައިމް)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *