ޗައިނާގެ ބިރުތަކާ ކުރިމަތިލުމަށް ޓަކައި ވިސްނުންތޫނު ހަތިޔާރުތައް ތަރައްޤީ ކުރުމަށް ގޫގްލްގެ ކުރީގެ ޗެއަރމަން އެރިކް ޝްމީތުގެ މުޤައްރިރުކަމުގެ ދަށުގައި އޮންނަ އެމެރިކާގެ ކޮމެޓީއަކުން އެމެރިކާއަށް ގޮވާލައިފިއެވެ.
މި ކޮމެޓީގެ މި ރަސްމީ ރިޕޯޓް މިހާރު ވަނީ ރައީސް ބައިޑްނަށާއި އެމެރިކާގެ ކޮންގްރެސްއަށް ހުށައަޅައިފައެވެ. މި ރިޕޯޓްގައި ރައީސް ބައިޑްނަށާއި އެމެރިކާގެ ބައިވެރީންނަށް މަޝްވަރާ އަރުވާފައި ވަނީ ހެދިވިސްނުމުން މަސައްކަތްކުރާ ހަތިޔާރުގެ ނިޒާމުތައް އުފެއްދުން މަނާކުރުމަށް ގޮވައިލާ ބައިނަލްއަޤްވާމީ ގޮވައިލުންތަކާ ދެކޮޅުހެއްދެވުމަށެވެ. މިފަދަ އެދުންތަކަށް އިޖާބަ ނުދެއްވުމަށެވެ. މި ރިޕޯޓް ބުނާގޮތުގައި މިފަދަ މުޢާހަދާއެއް އެކުލަވައިލެވުނަސް ޗައިނާއާއި ރަޝިޔާއިން އެ މުޢާހަދާއަށް ޢަމަލުކުރާނެ ކަމަކަށް ނުފެނެއެވެ.
ނުރައްކާތެރި ރިޕޯޓެއް
މި ހުށައެޅުމާ ދެކޮޅުހައްދަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ވަރަށް ނުރައްކާތެރި ރިޕޯޓެކެވެ. މި ކަމުގެ ސަބަބުން "ޒިންމާދާރުކަމެއްނެތް" ހަތިޔާރުގެ ވާދަވެރިކަމެއް ފެށިގެން ދިޔުމުގެ ބިރު ބޮޑުވެގެން ދާނެއެވެ. ހަނގުރާމަވެރި ރޮބޯޓުތައް އުފެއްދުން ހުއްޓުވުމަށް ގޮވައިލާ ޙަމަލާގެ ތަރްޖަމާނު ނޯލް ޝާރކީ ވިދާޅުވިއެވެ. "މިއީ ވަރަށް ބިރުވެރި ވަރަށް ނިރުބަވެރި ރިޕޯޓެކެވެ. މިކަމުގެ ސަބަބުން ހެދިވިސްނުމުން އުފައްދާ ހަތިޔާރު އުފެއްދުމުގެ ރޭސް މެކުހަށް ދާނެއެވެ. މިފަދަ ހަތިޔާރުގެ ނުރައްކާތެރިކަމަކީ މަރައިލަންވީ ކާކުކަން ނިންމާ ފަރާތަކީ އޭތި އަމިއްލައަށް ކަމުގައި ވުމެވެ." އޭނާގެ ފާޑުވިދާޅުވުން ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި ފަދަ ޤަރާރެއްގެ ނުރައްކާތެރިކަމާމެދު ސަމާލުވެ ވަޑައިގަތުމަށް މި މައިދާނުގެ ޢިލްމުވެރީންނަށް ގޮވައިލަމެވެ." އޭނާ ވިދާޅުވިގޮތުގައި "މި ކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ޙުރްމަތް ކެނޑިގެންދާނެތެވެ."
އެހެނަސް މި ރިޕޯޓް ބުނާގޮތުގައި ހަތިޔާރުގެ ޒާތީ ނިޒާމުތައް ރަނގަޅަށް އަޖުމަބެލި ޢަސްކަރީ އިންސާނީ އަމުރުވެރިކަމުގެ ދަށުގައި ބެހެއްޓިއްޖެނަމަ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ އަރާރުމެއް ނުވާނެއެވެ.
ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީ އެއްބަސްވޭ
މި ރިޕޯޓް ފާސްކުރުމަށް އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ ކޮމެޓީން ވަނީ އިއްތިފާޤުވެފައެވެ. މި ރިޕޯޓްގައި އައިސްފައިވާ ކަންކަމަށް ޢަމަލުކުރަން ފެންނަކަމަށް މި ކޮމެޓީން ވަނީ ވަޞިއްޔަތް ކޮށްފައެވެ. ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ވެރީންނަކީ ގޫގްލްގެ ކުރީގެ ޑިރެކްޓަރު އެރިކް ޝްމީތާއި ރައީސް އޮބާމާއާއި ރައީސް ޓްރަމްޕްގެ ވެރިކަމުގައި ދިފާޢީ ވަޒީރުކަމުގެ ނާއިބުކަމުގައިހުންނެވި ރޮބަރޓް ވަރކެވެ. މި ކޮމެޓީގެ މެންބަރުންނަކީ އެމަޒަން ކުންފުނީގެ އައު އެގްޒެކަޓިވް ޑިރެކްޓަރު އެންޑީ ޖާރސީއާއި، ގޫގްލް ކުންފުނީގެ ހެދިވިސްނުމާ ބެހޭ ބައިގެ ޑިރެކްޓަރު ޑރ. އެންޑްރޫ މޯރ އާއި މައިކްރޯސޮފްޓް ކުންފުނީގެ ހެދިވިސްނުމާބެހޭ ބައިގެ ޑިރެކްޓަރު ޑރ. އެރިކް ހޯރވިންޓަރޒާއި އޮރެކްލް ކުންފުނީގެ ޑިރެކްޓަރު ސާފްރާ ކާޓަރޒެވެ.
އަދި 2030 ވަނަ އަހަރާ ހަމައަށް ދެވޭއިރު، ހެދި ވިސްނުމުގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ޤައުމަށް ވުމަށް ޗައިނާއިން ކުރާ މަސައްކަތްތަކާ ކުރިމަތިލުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ރިޕޯޓުގައި ތަފްޞީލުކޮށް ގެނެސްފައިވެއެވެ.
މި ރިޕޯޓް ބުނާގޮތުގައި އެމެރިކާގެ ޢަސްކަރީ ވެރީން މިކަމާމެދު ވަރަށް ކަންބޮޑުވެ ވަޑައިގަންނަވައެވެ. އެބޭފުޅުން ވިދާޅުވިއެވެ. "ކުރިއަށް އޮތް އަހަރުތަކުގައި އެމެރިކާއަށް އެ ޤައުމުގެ ޢަސްކަރީ އަދި ޓެކްނޮލޮޖީ އިސްކަމާއި އުސްކަން ގެއްލިގެންދާނެއެވެ." ހެދިވިސްނުން ބޭނުންކޮށްގެން މަސައްކަތްކުރާ ޓެކްނޮލޮޖީގެ މައިދާނުގައި ކުރިއަށް ދިޔުމަށް ޗައިނާ ދޫކޮށްލެވިއްޖެނަމަ އެމެރިކާގެ ކަނޑުގެ ބާރުތަކަށް ޙަމަލާދޭން ޗައިނާއިން ފޮނުވާނީ ހެދިވިސްނުމުގެ ދަށުން މަސައްކަތް ކުރާ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ އައިނުތަކެކެވެ." މި ރިޕޯޓްގައި އިތުރަށް ބުނެފައި ވެއެވެ. "ހެދިވިސްނުން ބޭނުންކުރާ ހަތިޔާރުތައް ތަރައްޤީ ނުކޮށްފިނަމަ އަހުރެމެންގެ ބާރުތައް ވާވެގެންދާނެއެވެ. އަހުރެމެންގެ ދުޝްމަނުންގެ އައު ވިސްނުންތަކާ އެއްގޮތަށް އަހުރެމެން މަސައްކަތްނުކޮށްފިނަމަ ހަނގުރާމައިގެ މައިދާނުގައި އަހުރެމެންނަށް ކާމިޔާބެއް ނުލިބޭނެއެވެ."
މި ރިޕޯޓް ނިމުތު ކުރާގޮތުގައި ހެދިވިސްނުމުގެ ސަބަބުން ޢަސްކަރީ އެންމެހާ ކަންތައްތަކަށް އަސާސީ ބަދަލުތަކެއް އަންނާނެއެވެ. މި ކަމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލާން ޖެހޭނީ ވާދަވެރި އެޕްތަކާއި ޗިޕްތަކާއި ޕްރޮގްރާމުތަކުންނެވެ. މި ރިޕޯޓް ބުނާގޮތުގައި ހެދިވިސްނުމުގެ ހަތިޔާރުތައް "ނުރަނގަޅު" ގޮތަކަށް ފަރުމާކުރެވިއްޖެނަމަ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އެބަ އޮތެވެ. މި ރިޕޯޓް ބުނާގޮތުގައި "ހެދިވިސްނުމުގެ ޤާބިލުކަންނެތި މި ޤާބިލުކަން ލިބިފައިވާ ދުޝްމަނަކާ ކުރިމަތިލުން ވެގެންދާނީ ބޮޑު ކާރިސާއަކަށެވެ."
އެހެންކަމުގައި ވިޔަސް، ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ޤަރާރުގައި ހެދިވިސްނުންތެރި ހަތިޔާރު ހިމެނުމަށް މި ރިޕޯޓު ވަޞިއްޔަތެއް ނުކުރެއެވެ. މި ރިޕޯޓް ގޮވައިލަނީ ނިޔުކްލިއަރ ހަތިޔާރުގެ ތަޅުދަނޑި މިހާރުވެސް އޮތްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ބޭއްވުމަށެވެ.
މުހިއްމު ވަޞިއްޔަތްތައް
މި ކޮމެޓީގެ މަސައްކަތް ފެށިފައިވަނީ މާރިޗް 2019ގައެވެ. މި ރިޕޯޓްގައި އައިސްފައިވާ މުހިއްމު ބައެއް ވަޞިއްޔަތްތައް
- މި މަސްއަލައިގައި އެމެރިކާއާއެކު އެއްބާރުލުމަށާއި ޒިންމާދާރުވުމަށް މޮސްކޯއަށާއި ބޭޖިންގަށް ހިތްވަރުދިނުން.
- އެމެރިކާއން ހެދިވިސްނުމުގެ ޕްރޮގްރާމުތައް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމާއި 2026އާ ހަމައަށްދާއިރު އެމެރިކާއިން މި ޞިނާޢަތަށް 32 ބިލިއަން ޑޮލަރު ހޭދަކުރުން
- ހެދިވިސްނުމުގެ ދާއިރާގައި ގެންގުޅެން ޖެހޭ ސިޔާސަތުތައް ކަނޑައެޅުމަށާއި ރައީސަށް ލަފާއެރުވުމަށް ޓަކައި އައު އިދާރާއެއް އުފެއްދުން.
- އެހެން ޤައުމުތަކުގައި ތިބި މި ޞިނާޢާތުގެ "ސިކުނޑިތައް" އެމެރިކާއަށް ގެނައުމަށް ޓަކައި ހިޖްރަކުރުމުގެ ފިޔަވަޅުތައް ލުއިކުރުން. މި މައިދާނުގައި ޗައިނާގެ ސިކުނޑިތައް އަތުލައިގަތުމަށް ޚާއްޞަ އަހައްމިއްޔަތެއް ދިނުން.
- ސުމޭކު ޤާބިލުކަން ތަރައްޤީ ކުރުމަށާއި ކުރިއެރުވުމަށް އަމާޒުކޮށް އައު ޔުނިވަރސިޓީއެއް ޤާއިމުކުރުން . މި ޔުނިވަރސިޓީގައި ސަރުކާރުގެ ކަމާބެހޭ މުވައްޒަފުންނަށް ތަމްރީނު ދިނުން.
- މި މައިދާނުގައި ޗައިނާގެ ޤާބިލުކަމާއި ކެރިފޯރުންތެރިކަމުގެ މިންވަރު ވަޒަންކޮށް ޗައިނާއަށް މި މަސައްކަތުގައި ކުރިއަށް ދެވެން ހުރި މަގުތައް ބަންދު ކުރުމަށް ޙަރަކާތްތެރިވުން
- ޗިޕްތަކާއި ސެމިކޮންޑަކްޓަރުފަދަ ހެދިވިސްނުން ތަރައްޤީ ކުރުމަށް ބޭނުންކުރެވިދާނު ސާމާނު ޗައިނާއަށް ވިއްކާ ކުންފުނިތަކުން އިންސާނީ ޙައްޤުތަކާ ޚިލާފު އެއްވެސް އެއްޗެއް އުފެއްދުމުގައި މި ތަކެތި ބޭނުން ނުކުރުމަށް ޝަރްޠުކުރުމާއި މި ޝަރްޠާ ޚިލާފުވާ ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އެޅުން
ޗައިނާ ޙަރަކާތްތެރިވޭ
ޗައިނާ ދެކޭގޮތުގައި މިއީ އެ ޤައުމަށް ވަރަށް ޙަޔަވީ މަސްއަލައެކެވެ. ޗައިނާގެ ޞިނާޢަތާއި ޓެކްނޮލޮޖީއާ ބެހޭ ވުޒާރާއިން ބުނާގޮތުގައި ޗިޕްސް އުފައްދާ ޗައިނާގެ ކުންފުނިތަކަށް ސަރުކާރުން ވަރަށް ވަރުގަދައަށް އެހީވާނެއެވެ. ޗައިނާ ބުނާގޮތުގައި 2025 ވަނަ އަހަރާ ހަމައަށް ދެވޭއިރު އެ ޤައުމަށް ބޭނުންވާ ޗިޕްސްތަކާއި ސެމިކޮންޑަކްޓަރުތަކުގެ 70 އިންސައްތަ އެ ޤައުމުގައި އުފެއްދޭނެއެވެ. ޗައިނާ އަތުގައި ހުރީ ތަންކޮޅެއް ކުރީގެ ބައު މެޝިނަރީކަން ރިޕޯޓަރުން ފާހަގަކުރެއެވެ.



advertisment