އުޚުތަކު ކިޔައިދިނެވެ.
އަހަރެންގެ ޙަޔާތަށް އިސްލާމީ ފޭރާމުގެ ނިވާކަން ލިބެންފެށީ ގުރޭޑު 10 ގައި ކިޔަވަމުން ދިޔަ ދުވަސްވަރުގައެވެ. އެއީ އަހަރެންގެ ޢުމުރުން 16 އަހަރުގައެވެ. ދީނުގެ ރަނގަޅު ޢިލްމުގެ ތެރެއަށް ލޯހުޅުވުނީ އިސްލާމް މުދައްރިސުގެ ސަބަބުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ދިރިއުޅުމާއި ގުޅުންހުރި ކައިވެނި އަދި ވަރީގެ ފިލާވަޅުތަކަކީ އަހަރެން ވަރަށް ޝަޢުޤުވެރިވީ ފިލާވަޅުތަކެކެވެ. އެހެނީ އެ ފިލާވަޅުތަކަކީ އަހަރެންގެ ދިރިއުޅުމަށް މުހިއްމު ފިލާވަޅުތަކެއް ކަމުގައި ދެކެވެމެވެ. ކައިވެނި ކުރުމުގެ ޝަޢުޤު ހިތުގައި އަށަގަނެފައިވާލެއް ބޮޑީ ކަމުގައިވެސް ވެދާނެއެވެ.
ކޮންމެއަކަސް މަދަރުސީ ދައުރު ނިމި ޙަޤީޤީ ދިރިއުޅުމާ ކުރިމަތިލައިފީމެވެ. އަހަރެންނަކީ ދީނުގެ އަސާސްތަކަށް ލޯބިކުރާ އަދި ޢަމަލުކުރަމުންދާ ޒުވާން ޖިންސުއްލަތީފަކީމެވެ. އަހަރެންގެ ދީންވެރިކަމާއި އަޚްލާޤުގެ ރަނގަޅުކަމުން ކައިވެންޏަށް ވަރަށް ޅައުމުރުގައިވެސް ހުށަހެޅުންތައް އައެވެ. އެންމެންނަށް އެނގޭނޭހެން އަހަރެންނަކީ ޚުލުޤު ހެޔޮ ރަނގަޅު ކުއްޖަކީމެވެ. އިސްލާމީ ޝަރުޢީ ޢިލްމު އުނގެނުމަށް ޔުނިވާސިޓީއާއި ގުޅުނީމެވެ. އަހަރެންގެ ޢިލްމީ ޙަޔާތް ނިންމާލީ އިސްލާމީ ޝަރީޢާ އިން ޑިގްރީ ހޯދުމަށް ފަހުގައެވެ. މިވަރުން ޙަޔާތައިގެން ކުރިއަށްދާން ފަޞޭޙަވާނޭކަމުގައި ދެކިގެންނެވެ. ޙަޤީޤަތަށް ބުނާނަމަ އަހަރެން ތަޢުލީމު ޙާޞިލުކުރީ އިސްލާމީ ރިވެތި ޢިލްމުން އަހަރެންގެ ދަރިން ތަރުބިއްޔަތު ކުރުމުގެ މާތް މަޤުޞަދުގައެވެ. ވަޒީފާއެއް ހޯދުމުގެ ބޭނުމުގައެއް ނޫނެވެ.
ތަޢުލީމީ ޙަޔާތަށްފަހު ދެން ދަތުރުކުރަން ފެށީ ޒަވާޖީ ޙަޔާތައިގެންނެވެ. ރަނގަޅު ދީންވެރި ޞާލިޙު ބައިވެރިޔެއް ﷲގެ ރަޙުމަތުން އަހަރެންނަށް ލިބުނެވެ. އަހަރެންގެ އެ ޙަޔާތުގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ ހިލެއެވެ. އެހެނީ އަހަރެންގެ ފިރިމީހާއީ އޯގާތެރި، އަޅާލާ، ލޯބިދީ ހެދި ފިރިއެކެވެ. މައްސަލައެއް ދިމާވިޔަސް ލޯބިން ޙައްލުކޮށްދެއެވެ. އަޑުލައި ނުހަދައެވެ. އަދި ނަފުރަތުގެ ބަހެއް ނުބުނޭމެއެވެ. އެހެންނަަވެސް އަހަރެންވެސް ހިތް ހަމަނުޖެހޭ ކަންކަން ހުރެއެވެ. ކޫސަނި ކަންކަމޭ ބުންޏަސް ރަނގަޅުވާނެއެވެ. އިންސާނުންވީމައި ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި ކަންކަން ހުންނާނެެވެ.
ފިރިމީހާ އަކީ ދަޢުވަތުގެ މައިދާނުގައި މަސައްކަތްކުރާ ހީވަގި މީހެކެވެ. އަހަރެންނަށް ވަގުތު މަދުވެގެން ޝަކުވާކުރެވެނީއެވެ. ފިރިމީހާގެ މަަސައްކަތަކީ އެކަމަށް އަހަރެން ކެތްތެރިވެއްޖެނަމަ ޘަވާބާއި ދަރުމަ ލިބޭނޭ ކަމެއްކަން އަހަރެންނަށް އެނގޭވެސްމެއެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެމެންގެ ކައިވެންޏަށް ﷲގެ ރަޙުމަތާއި ބަރަކާތުން ދެ ކުދިން ލިބިއްޖެއެވެ. އުޅެމުން އައީ އުފާވެރި ދިރިއުޅުމެކެވެ. ފާގަތި ދިރިއުޅުމެކެވެ. މައްސަލައެއް ދިމަވެއްޖެނަމަ ލޯތްބާއެކު ޙައްލުކުރެވެއެވެ.
އެއް ދުވަހަކު އަހަރެންގެ ފިރިމީހާ، އޭނާ ދެވަނަ ކައިވެންޏެއްކުރަން ބޭނުންވާ ކަމުގައި ބުންޏެވެ. އޭނާ ކައިވެނި ކުރަން ބޭނުންވަނީ ކާކާތޯ އަހަރެން ސުވާލުކުރީމެވެ. ޖަވާބުގައި، ކައިވެނި ކުރަން އުޅޭ އަންހެނާއަކީ ކުރިން ތިން ކައިވެނި ކޮށްފައިވާ އަދި ދެ ކުދިންގެ މަންމައެއް ކަމުގައި ބުންޏެވެ. އެ އަންހެނާގެ ބައްޕަވެސް ދުނިޔޭގައި ނެތުމުން އުޅެމުންދަނީ އުނދަގޫ، ދަތި ދިރިއުޅުމެއް ކަމުގައި ބުނެދިނެވެ. ފިރިމިހާގެ ވާހަކަތައް އަޑުއެހުމަށްފަހުގައި އަހަރެން އެކަމާ ވިސްނާލާން ބޭނުންކަމުގައި ބުނީމެވެ.
ލޮބުވެތި ކިޔުންތެރިިންނޭވެ! ދީނުގެ ޢިލްމު ހާޞިލުކޮށްގެން ހުރި މި އުޚުތާ އޭނާގެ ފިރިމީހާއަށް ދޭނޭ ޖަވާބަކީ ކޮބައިތޯއެވެ؟ ކޮންމެއަކަސް އުޚުތާ ކިޔައިދިނެވެ.
ފިރިމީހާ އެވާހަކަ ދެއްކުމަށްފަހު، ހަފްތާއެއް ވީއިރުވެސް އެކަމާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރެއެވެ. އޭގެ މަސް ދުވަސް ފަހުން އަހަރެން ބުނީމެވެ. ތިބާ އެ އަންހެނާއާ ކައިވެނި ކުރާ ވާހަކަ ދެއްކުމަށްފަހު އެކަމާމެދު އެއްޗެއް ނުބުނެ ތިޔަހުންނަކީ ކިހިނެއްވެގެން ހެއްޔެވެ؟ ފިރިމީހާގެ ޖަވާބު ވަރަށް ކުރެވެ. އެއީ ތިބާ އެކަމާމެދު ވިސްނާނެތީއޭ އޭނާ ބުންޏެވެ. އަހަރެން ބުނީމެވެ. ތިޔަ ކަމުގައި އަހުރެން ވިސްނައިފީމެވެ. އަހަރެންނަށް ފެންނަ ގޮތް ފިރިމީހާގެ ކުރިމަތީގައި ހުށަހެޅީމެވެ. އެ އަންހެނާއަށް ކޮންމެ މަހަކު މާލީގޮތުުން އެހީތެރިވުމަށް އަހަރެން އެދުނީމެވެ. އެކަމަކު އޭނައާ ކައިވެނިކޮށް ޙަޔާތެއް ނުފެށުމަށް ބުނީމެވެ. ފިރިމީހާ އަހަރެންގެ ވާހަކަތައް އަޑު އެހިއެވެ. އަދި ބަދަލުގައި ރައްދެއް ނުދެއެވެ. އެދުވަހުގެ ފަހުން ދެވަނަ ކައިވެންޏެއް ކުރުމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދި އަހަރެމެންގެ އުފާވެރި ޙަޔާތް ބަދަލެއް ނެތި ކުރިއަށްދެއެވެ.
އެއީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެވެ. ފިރިމިހާ ނަމާދުކޮށްގެން ގެޔަށްއައިސް ހެނދުނުގެ ޛިކުރުތައް ކިޔުމަށް ކުދިވެރިންނާއެކު އުޅުމަށްފަހު، ބޮލުގައި ރިއްސާތީވެ އޮށޯވެލާ ވާހަކަ ބުންޏެވެ. އަދި އަހަރެންނަށް ވަރަށް ލޯބިން ހިނިތުންވުމެއްދިނެވެ. އެކަންތައް އަދިވެސް ލޯކުރިމަތިން ސިފަވާ ކަހަލައެވެ. ކޮންމެ ކުއްޖަކަށް ވަކިވަކިން ދޮނެއްދީ ބައްދާލުމަށްފަހު މަންމައަށް އެހީތެރިވުމަށާއި ބަސްއަހައިގެން އުޅުމަށް ނަޞޭޙަތް ދިނުމަށްފަހު އޭނާ އޮށޯތެވެ. އެއީ އޭނާގެ އެންމެ ފަހު ހިނިތުންވުންކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ ކޮންމެއަކަސް ހުކުރު ވަގުތުވާން ކައިރިވެފައިވާތީ ފިރިމީހާ ހޭލެއްވުމަށް އަހަރެން ދިޔައީމެވެ. އެހެނަސް އޭނާ ދުނިޔެ ދޫކުރީއެވެ. އަހަރެންނާއި ދަރިން ދޫކޮށް ދިއުންވީ އަހަރެންނަށް އެތަކެއް ނިކަމެތި ކަމެއް ލިބުނު ކަމަކަށެވެ.
އާނއެކެވެ. އަހަރެން ހުވަފަތްވީއެވެ. ދަރިން ޔަތީމުވީއެވެ. ފިރިއެއްގެ އޯގާތެރި ފިރުމުންތަކާއި ލޯބިން އަހަރެން މަޙުރޫމުވީއެވެ. ބައްޕައެއްގެ އަޅާލުމާއި ލޯބިން ދަރިން މަޙުރޫމުވީއެވެ. ވިސްނުމަށް ދުވަހަކުވެސް ނުގެނެވޭވަރުގެ ބުރައަކަށް ދިރިއުޅުންވީއެވެ.
ފިރިއެއްގެ އޯގާތެރިކަމާއި އަޅާލުން ލިބުމަކީ އަންހެނާގެ ޠަބީޢަތް އެކަމަށް އެދޭނޭކަމެކެވެ. ފިރިމީހާ ނެތުމުން ހާދަހާ ހިތްދަތިވިއެވެ. މިއީ ދުލަކުން ޤަލަމަކުން ބަޔާންކޮށްދޭން ފަޞޭޙަ ވާހަކަތަކެއް ނޫނެވެ. ބުނެދިނަސް އިޙްސާސުކުރެވޭނީ މިފަދަ ޙާލަތެއް ކުރިމަތިވީމައެވެ. މިޙާލެއްގައި އެކަނިވެރި ދަތި ދިރިއުޅުމެއް އުޅޭތާ އަހަރެއްވީއެވެ. ޢާއިލާގެ މީހުންގެ އެހީތެރިކަމާއި ސަރުކާރުން ލިބޭ އެއްޗަކުން ކިރިޔާ ފުދެނީއެވެ.
އަހަރެންނަށް ދިރިއުޅުމުގެ ކަންތަކާމެދު އިތުރަށް ވިސްނަން މަޖުބޫރުވިއެވެ. ފިރިއަކު ނެތުމުގެ އިޙުސާސަކީ ހާދަ ހިތްދަތި އިޙުސާސެކެވެ. އެހެނަސް މިޔަދު އަހަރެންނާ އިންނާނެ މީހެއް ވާނެ ހެއްޔެވެ؟ އަހަރެންގެ ދަރިންނަށް އަޅާލާނެ މީހަކު ހުރެދާނެ ހެއްޔެވެ؟ ދެ ކުދިންގެ މަންމައަކާއި ހަވާލުވާނެ މީހަކު ހުރެދާނެ ހެއްޔެވެ؟ މިއީވެސް ގޮންޖެހުންތަކެކެވެ.
މި ޙާލެއްގައި އަހަރެން ދިރިއުޅެމުން ދިޔައީމެވެ. އެއް ދުވަހަކު އަހަރެންގެ ރައްޓެއްސެއްގެ ފަރާތުން މީހަކު އަހަރެންނާ އިންނަން ޝަޢުޤުވެރިވީކަން އެނގުނެވެ. އަހަރެން އުފާވިއެވެ. އެހެނެއް ކަމަކު މާޒީ ހަނދާންކުރުވަން މަޖުބޫރު ކުރުވިއެވެ. އަހަރެންނާ އިންނަން އެދުނު މީހާ އެދުނީ ދެވަނަ އަނތްބެއްގެ ގޮތުގައި ކައިވެނިވުމަށެވެ. ފިރިމީހާ އެފަދަ ކަމަކަށް އެދުނު ދުވަހު ކަންތައް ކުރެވުނު ގޮތް މިއަދު އިޙްސާސްކުރެވުނެވެ. އަންހެނަކު ވާނޭ އެކަނިވެރިކަން މިއަދު އެނގެއެވެ. ލޯތްބާއި އަޅާލުން ލިބޭން އެދޭނޭވަރު ވިސްނިއްޖެއެވެ.
މިއަަދު ހަނގު އަނތްބެއްގެ ގޮތުގައި އަހަރެން ހޭދަކުރަމުން މިދަނީ ﷲގެ ރަޙުމަތުން އުފާވެރި ދުވަސްތަކެކެވެ. ފިރިއެއްގެ އަޅާލުން ލިބ،ި ހިމާޔަތުގައި މީހަކު ހުރިކަމުގެ ފުރިހަމަ އިޙްސާސް މިއަދު ކުރެވެއެވެ. އިސްލާމް ދީނުގައި ދެ އަނތްބަށް ކައިވެނިވުން ހުއްދަކުރައްވާފައިވުމުގެ ހިކުމަތް އެންމެނަށްވެސް އެނގެއެވެ. ޢަމަލު ކުރުމުގެ މަރުޙަލާގައި މައްސަލަ ދިމާވަނީ ދުނިޔަވީ ގޮތުން ވިސްނޭތީއެވެ. މިއީ އަހަރެންގެ ވާހަކައެވެ.
ލޮބުވެތި އުޚުތުންނެވެ. މިއީވެސް އުޚުތެއްގެ ވާހަކައެވެ. ވާހަކައިން ޢިބުރަތެއް ލިބުނު ކަމަށް އުއްމީދު ކުރަމެވެ!




advertisment