އެމެރިކާއިން މޮސްކޯއަށް އަދަބުދިނުމުގެ ގަސްތުގައި އަޅަން ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ރޫސީވިލާތާ ދެކޮޅަށް އުފުލައިލި "ޢުދްވާނީ ވަޅިއެއް" ކަމަށް ރަޝިޔާގެ ޚާރިޖިއްޔާއިން ސިފަކޮށްފިއެވެ. އެއީ އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކުގައި އަޅައި ވިހެލި އިތުރު ތަފާލެއް ކަމަށް ވެސް ރަޝާގެ ޚާރިޖިއްޔާއިން ބުންޏެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑްން މި މަހުގެ ދެ ވަނަ ދުވަހު ހާމަކުރެއްވި ގޮތުގައި މޮސްކޯއިން ރައީސް ޕޫޓިންގެ ސިޔާސީ ވާދަވެރިއެއް ކަމުގައިވާ އެލެކްސީ ނަވަލްނީ ވިހަކޮށް އަވަހާރަކޮށްލުމަށް މަސައްކަތްކޮށްފައިވާތީ މޮސްކޯއާ ދެކޮޅަށް ވޮޝިންގްޓަނުން ފިޔަވަޅު އަޅާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެމެރިކާއިން ރޫސީވިލާތާ ދެކޮޅަށް ފިޔަވަޅު އަޅާނީ ޔޫރަޕްގެ އިއްތިޙާދާ މަޝްވަރާކޮށް ދެ ފަރާތުން ވިލަރެސްކޮށްގެންނެވެ. މޮސްކޯއިން ވަނީ ނަވަލްނީ ވިހަކުރުމުގެ މަސްއަލައާ މޮސްކޯއާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެފައެވެ. އަދި އެކަން ސާބިތުކޮށްދޭނެ އެއްވެސް ދަލީލެއް ދެއްކިފައިނުވާ ކަމަށް ވެސް މޮސްކޯއިން ބުންޏެވެ.

ރަޝާގެ އިންޒާރު
އެމެރިކާއަށް ރައްދު ދެއްވަމުން ރޫސީވިލާތުގެ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިއާ ޒަޚަރޯފާ ވިދާޅުވިއެވެ. "މިއީ އަހުރެމެންގެ ދާޚިލީ ކަންތައްތަކާ ބެހުމަށް ދައްކާ ބަހަނާތަކެކެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެން ލޯމަރައިގެން ތިބޭނެ ކަމަށް ހީނުކުރާށެވެ! އަޅާ ކޮންމެ އެތިފަހަރަކަށް އަހުރެމެން ވެސް އެތިފަހަރެއް އަޅާނޫއެވެ. އެކަމަކު ހަމަ އެފަދަ ފިޔަވަޅަކަށް ވުން ލާޒިމުވެގެން ނުވެއެވެ."
ރޫސީ ޚާރިޖީ ވަޒީރު ސަރޖީ ލެވަރޯފް އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި އެމެރިކާގެ ކޮންމެ ފިޔަވަޅަކަށް މޮސްކޯއިން ވެސް ހަމަ އެފަދަ ފިޔަވަޅަކުން ރައްދުދޭނެއެވެ. ޔޫރަޕްގެ އިއްތިޙާދުގައި ހުންނަވާ ރޫސީ މަންދޫބު މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވި ގޮތުގައި ރޫސީ ހަތަރު މަސްއޫލުވެރިޔަކާ ދެކޮޅަށް އިއްތިޙާދުން އަޅާފައިވާ ފިޔަވަޅަށް މޮސްކޯއިން ވަރަށް އަވަހަށް ރައްދުދޭނެއެވެ.
ޒަޚަރޯފާ ވިދާޅުވި ގޮތުގައި ބުއްދި ޤަބޫލުކުރާ ހަމަތަކުގެ މަތިން މޮސްކޯއާއެކު ވާހަކަ ދެއްކުމުގެ މަގު އިޚްތިޔާރު ކުރަން ބޭނުންވާނަމަ އެ މަގުވެސް ވޮޝިންގޓަނަށް އިޚްތިޔާރު ކުރެވިދާނެއެވެ. އެހެނަސް އެމެރިކާއިން އަޅައި ފިޔަވަޅަކުން މޮސްކޯ ސިހިގެން ނުދާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މާޒީއަށް ބަލާއިރު އެމެރިކާގެ މިފަދަ ފިޔަވަޅުތައް ވަނީ ނާކާމިޔާބު ވެފައެވެ. ކުރިއަށް އޮތް ތާނގައިވެސް ވާނީ ނާކާމިޔާބެވެ. މަޤްޞަދު ޙާޞިލެއް ނުކުރެވޭނެތެވެ.
ރޫސީވިލާތުގެ މަސްއޫލުވެރިއާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވި ގޮތުގައި އެމެރިކާއަކީ އަދަބު ދިނުމަށް ޓަކައި ފިޔަވަޅުއެޅުމުގެ ބަލި ކަށީގައި ހިފާފައިވާ ޤައުމެކެވެ. "އަހުރެމެންނަށް މި ފަދަ ޙަމަލާތަކުން ދިފާޢުވާން އެނގޭނެއެވެ. އަހުރެމެން އަހުރެމެންގެ ޤައުމީ މަޞްލަޙަތުތައް ޙިމާޔަތް ކުރާނަމެވެ. އަހުރެމެންގެ ނަސޭހަތަކީ އަލިފާނާ ނުކުޅޭށެވެ!"
އެމެރިކާގެ އިސް މަސްއޫލުވެރިއަކު ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި ރޫސީވިލާތުގެ އިދިކޮޅު ސިޔާސީ ވާދަވެރިއެއް ކަމުގައިވާ ނަވަލްނީއަށް ދެވުނު ވިހަ ގޭހުގެ ޙަމަލާއާ ވިދިގެން އެމެރިކާއިން ރަޝާ ސަރުކާރުގެ އިސް ހަތް މަސްއޫލުވެރިއަކާ ދެކޮޅަށް ފިޔަވަޅު އަޅާނެއެވެ. މި ބޭފުޅުންގެ ބޭންކް އުޞޫލުތައް ގަނޑުކުރެވޭނެއެވެ. މީގެ އިތުރަށް ބަޔޮލޮޖިކަލް އަދި ކެމިކަލް ޢުންޞުރުތައް އުފެއްދުމުގެ މަސައްކަތް ކުރާ ރަޝާގެ 14 ފަރާތަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅޭނެއެވެ. އެއީ ވިޔަފާރިކުރާ 13 ފަރާތެކެވެ. ރަޝާގެ ނުވަ ފަރާތަކާއި ޖަރްމަނުގެ ތިން ފަރާތަކާއި ސްވިޒަރލޭންޑްގެ ފަރާތަކާއި ރަޝިޔާގެ ރިސަރޗް މަރްކަޒެކެވެ.
އެ ބޭފުޅުންނާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން ފިޔަވަޅު އަޅާ ރަޝާގެ އިސް ބޭފުޅުންނަކީ އެލެގްޒެންޑަރ ޕެސްޓްރެކީން (ޖިނާއީ ތަޙްޤީޤުތަކާ ބެހޭ ކޮމެޓީގެ ވެރިޔާ) އާއި އީގޯރު ކްރަސްނޯފް (ރަޝާގެ ޕްރޮސިކިޔުޓަރ ޖެނެރަލް) އާއި ވިކްޓަރ ޒޮލޮޓޯފް (ނޭޝްނަލް ގާރޑްގެ ވެރިޔާ) އާއި އެލެގްޒަންޑަރ ކްލެޝިންކޯފް (އިއްތިޙާދީ ޖަލުތަކާ ބެހޭ ޑިޕާރޓްމެންޓްގެ ވެރިޔާ) އެވެ.
ނަވަލްނީ ޖަލަށް
ރައީސް ޕޫޓިންގެ ސިޔާސީ ވާދަވެރިއެއް ކަމުގައި މަޝްހޫރުވެފައިވާ އެލްކްސީ ނަވަލްނީ ޖަރްމަނުގައި ފަރުވާ ހޯއްދެވުމަށް އެތައް މަހެއް ހޭދަކުރެއްވުމަށްފަހު ރަޝާ އެނބުރިވަޑައިގަތުމުން އޭނާ ވަނީ ވައިގެބަދަރުން ހައްޔަރުކޮށްފައެވެ. އޭނާ ގެންދެވުނީ މޮސްކޯއިން ބޭރުގައި ހުންނަ ޖަލަކަށެވެ. އެއީ ވްލެޑިމީރު ސަރަޙައްދުގައި ހުންނަ "އަދަބުދިނުމުގެ މުއައްސަސާ" އެކެވެ. މިއީ ވަރަށް ޙާލު ދެރަ ޖަލެއް ކަމަށް ހުޅަނގުން ބުނެއެވެ.



advertisment