Support Us

އެސްޓްރާޒެނެކާއާއި ސިނޯފާމްގެ ދެ މިލިއަނަށްވުރެ ގިނަ ޑޯޒު ކެމްބޯޑިއާއަށް ހިލޭ

ދުނިޔޭގެ ޤައުމުތަކަށް ކޮވިޑް19ގެ ވެކްސިން ފޯރުކޮށްދިނުމުގެ ޙަރަކާތް (ކޯވެކްސް) ގެ އެހީގައި "އެސްޓްރާޒެނެކާ" ވެކްސިންގެ ތިން ލައްކަ 24 ހާސް ޑޯޒު ކެމްބޯޑިއާއަށް ދީފިއެވެ.

މި ވެކްސިންތައް ޕްނާމްޕެން ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ލިބުނީ އިއްޔެގެ ވަގުތެއްގައެވެ. ކެމްބޯޑިއާއަށް ބޭނުންވާ ވެކްސިންގެ ބާކީ ބައި، ފަހުގެ ތާރީޚެއްގައި ލިބޭނެ ކަމަށް "ދަ ޕްނާމްޕެން ޕޯސްޓް" (ނޫހުން) ޚަބަރުދެއެވެ.

ވެކްސިންގެ މި އެހީއާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުން ވެކްސިންގެ މި އެހީއާ ޙަވާލުވެވަޑައިގަތީ ކެމްބޯޑިއާގެ ޝާހީ ސަރުކާރުގެ މަންދޫބެއްގެ ހައްސިއްޔަތުން ޞިއްޙަތާ ބެހޭ ވަޒީރު މަމް ބުން ހެންގއާއި ޑަބްލިޔޫއެޗްއޯއިން ކެމްބޯޑިއާއަށް ކަނޑައަޅުއްވައިފައި ހުންނަވާ މަންދޫބު ޑރ. ލީ އެލިއަންއާއި ޔުނިސެފްގައި ކެމްބޯޑިއާ ތަމްސީލުކުރައްވާ ފޮރޫގް ފޮޔޮއުޒަތެވެ.

މި ވެކްސީން ޖެހުމުގެ ޕްރޮގްރާމް މާދަމާ ފަށާނެ ކަމަށް ވެސް ކެމްބޯޑިއާއިން ޚަބަރު ލިބެއެވެ. ވެކްސިން ޕްރޮގްރާމް އިފްތިތާޙުކުރެއްވުމުގެ ގޮތުން އެންމެ ފުރަތަމައަށް ވެކްސިން ޖަހާނީ ބޮޑުވަޒީރު ހުން ސެންގެ ގައިކޮޅަށް، ކަލްމެޓް ހޮސްޕިޓަލްގައެވެ.

ޞިއްޙީ ވުޒާރާގެ ތަރުޖަމާނު އޮރް ވަންޑީން ހާމަކޮށްފައިވާ ގޮތުގައި 2021 ގެ ފުރަތަމަ ބައިގައި 1.1 މިލިޔަން ޑޯޒުގެ "އެސްޓްރާޒެނެކާ" ވެކްސިން ކެމްބޯޑިއާއަށް ލިބޭނެއެވެ. އެއީ "ކޮވެކްސް"ގެ އެހީގައެވެ. ސޯޅަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކެމްބޯޑިއާއަށް ބޭނުންވާ ވެކްސިންގެ 20 އިންސައްތައަށްވާ 6.4 މިލިއަން ޑޯޒު "ކޮވެކްސް" މެދުވެރިވެގެން ފޯރުކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ. އެއީ 3.2 މިލިއަން މީހުންނަށް ކޮންމެ މީހަކަށް ދެ ޑޯޒު ޖަހާން ބޭނުންވާ މިންވަރެވެ.

ކެމްބޯޑިއާގައި ހުންނަ ސީނު ސަފާރާއިން ބުނެފައިވާ ގޮތުގައި ސީނުކަރައިން ކެމްބޯޑިއާއަށް "ސިނޯފާރމް" ވެކްސިންގެ ހަތަރު ލައްކަ ޑޯޒު ހަދިޔާކުރާނެއެވެ. މި ވެކްސިން ވެސް އެޕްރީލު މަހުގެ ތެރޭގައި ކެމްބޯޑިއާއަށް ލިބޭނެ ކަމަށް ބެލެވެއެވެ.

ފެބްރުވަރީ ހަތްވަނަ ދުވަހު ސީނުކަރައިން ކެމްބޯޑިއާއަށް ހަދިޔާކުރި ހަ ލައްކަ "ސިނޯފާރމް"ކޮވިޑް ވެކްސިނަކީ ސީނުކަރައިން ކެމްބޯޑިއާއަށް ހަދިޔާކުރާން ކަނޑައެޅި އެއް މިލިއަން ވެކްސިންގެ ތެރެއިން ފުރަތަމަ ބައެވެ.

ޤައުމީ ދިފާޢާ ބެހޭ ވުޒާރާއިން ކުރީން އިޢުލާނު ކޮށްފައިވާ ގޮތުގައި ސީނުކަރައިން ކެމްބޯޑިއާއަށް ކުރީން ހަދިޔާކުރި ސިނޯފަރމް ވެކްސިން، ސިފައިންގެ 75 ހާހަށްވުރެ ގިނަ މީހުންނަށް މިހާރު ވަނީ ޖަހައިފައެވެ.

ކެމްބޯޑިއާގައި ހުންނަވާ ޑަބްލިޔޫއެޗްއޯގެ މަންދޫބު ޑރ. ލީ އެލިއަން ވިދާޅުވެފައިވަނީ އިއްޔެއަކީ ކެމްބޯޑިއާއަށް ތާރީޚީ ދުވަހެއް ކަމުގައެވެ.

"އަހަރެމެން ޑަބްލިޔޫއެޗްއޯ މީހުން މިއަދު ކެމްބޯޑިއާ މީހުންނާ އެކު ތިބެވުނީތީ ފަޚުރުވެރިވަމެވެ. އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިން ޖެހުމުން، އަދި ޢާންމު ޞިއްޙީ މިންގަނޑުތަކަށް ޢަމަލުކުރެވެމުން އަންނަ ނަމަ، މި ޢާލަމީވަބާ (ކޮވިޑް) ނިމުމަކަށް އަންނާނެއެވެ." އޭނާ ވިދާޅުވިއެވެ.

(ޙަވާލާ: ދަ ޕްނާމްޕެމް ޕޯސްޓް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *