ރޫސީވިލާތުގެ ރައީސް ލަޑިމީރު ޕޫޓިންގެ ސިޔާސީ ވާދަވެރިޔެއް ކަމުގައިވާ އެލްކްސީ ނަވަލްނީ ވިހަކޮށްގެން މަރައިލުމަށް މަސައްކަތް ކުރުމާއި އޭނާ ޤައުމަށް އެނބުރި ވަޑައިގަތުމުން ޖަލަށްލައިފައި ވާތީ، ރޫސީވިލާތާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމަށް ސީއެންއެން އިން ބުނެފިއެވެ.
ސީއެންއެން ބުނާގޮތުގައި އެމެރިކާއިން ރޫސީވިލާތާ ދެކޮޅަށް ފިޔަވަޅު އަޅާނީ ޔޫރަޕްގެ އިއްތިޙާދާއެކު މަޝްވަރާކޮށްގެން އެ ދެފަރާތުގެ ދެމެދުގައި ވިލަރެސްކޮށްގެންނެވެ. ރޫސީވިލާތާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާއި މި ފިޔަވަޅުތައް އަޅާނެ ވަގުތު ކަނޑައަޅާނީ މި ދެ ފަރާތުގެ ދެމެދުގައި ބޭއްވޭ މަޝްވަރާތަކަށްފަހުގައި ކަމަށް ސީއެންއެން ބުންޏެވެ.
ރޫސީވިލާތާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމެރިކާއިން ބުނާ ސަބަބުތަކުގެ ތެރޭގައި އެމެރިކާގެ ދީމުޤްރާޠީ ނިޒާމަށް ދެމުންގެންދާ ސައިބަރު ޙަމަލާތައް ވެއެވެ. މީގެ އިތުރަށް އެމެރިކާގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ "ސޯލަރ ވިންޑްސް" އަށް މޮސްކޯއިން ދެމުންގެންދާ ޙަމަލާތަކާއި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން މަރާ މީހުންނަށް މޮސްކޯއިން އިނާމުދެމުންދާ މަސްއަލަ ވެސް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ވެއެވެ. ވޮޝިންގްޓަން ބުނާގޮތުގައި ރޫސީވިލާތުގެ މިފަދަ "ނާތަހްޒީބު" ޢަމަލުތައް ހުއްޓުވަން އެމެރިކާއަށް "މަޖްބޫރުވެގެން" ވެއެވެ.
ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި މިއީ ރައީސް ޓްރަމްޕްގެ ސިޔާސަތާ ދިމާ އިދިކޮޅު ސިޔާސަތެކެވެ. ރައީސް ޓްރަމްޕް ރަޝިޔާއަށް ލުއިދެއްވަމުންދާ ކަމަށް އަބަދުވެސް ތުހްމަތު ކުރެވުނެވެ. މިކަން 2018ގެ ހެލްސިންކީ ސަމިޓްގައި ވަނީ ފާހަގަކުރެވިފައެވެ.
އެމެރިކާގެ ސިޔާސީ ބޭބޭފުޅުން ތުހްމަތު ކުރައްވާގޮތުގައި 2016ގައި އެމެރިކާގައި ބޭއްވުނު އިންތިޚާބު ޓަރަމްޕަށް ކާމިޔާބު ކުރެއްވުނީ މޮސްކޯގެ އެހީއާއެކުގައެވެ. ނަމަވެސް އެކަމުގެ ތެރެއަށް މޮސްކޯ ވަދެފައިނުވާނެ ކަމަށް މޮސްކޯއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެމެރިކާގެ ޖާސޫސީ އިދާރާއިން ތުހްމަތުކުރާ ގޮތުގައި އެ އިންތިޚާބު ޓްރަމްޕަށް ކާމިޔާބު ކުރެއްވުނީ ޕޫޓިންގެ އެހީފުޅުގައެވެ.
ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުން
އަނެއްކޮޅުން ޔޫރަޕްގެ އިއްތިޙާދު ބުނާގޮތުގައި ރަޝިޔާގެ އިދިކޮޅު ބޭފުޅެއް ކަމުގައިވާ ނަވަލްނީގެ މަސްއަލާގައި ރަޝިޔާގެ އިސް ހަތަރު ބޭފުޅަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މިހާރު ވަނީ ނިމިފައެވެ.
މި މަސްލާގައި އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ދެ ތަޖުރިބާކާރަކު ނާވަލްނީގެ މަސްއަލަ ބެލުމަށް ބައިނަލްއަޤްވާމީ ކޮމެޓީއެއް އެކުލަވައިލުމަށް ވަނީ ގޮވައިލައްވައިފައެވެ. އޭނާ ވަގުތުން ދޫކޮށްލުމަށް ވެސް މި ދެ ބޭފުޅުން ވަނީ ގޮވައިލައްވައިފައެވެ. އދގެ ކޮމެޓީއެއްގެ މުޤައްރިރެއް ކަމުގައި އެގްނެސް ކަލަމާރު ވިދާޅުވާ ގޮތުގައި ނާވަލްނީ އަވަހާރަކޮށްލަން ކުރެވުނު މަސައްކަތުގެ ޒިންމާ މޮސްކޯއަށް އުފުއްލަންޖެހޭނެއެވެ. އދގެ މި މަސްއޫލުވެރިއާއަކީ ސުޢޫދީ ނޫސްވެރިޔާ ޖަމާލް ޚަޝްޤަޖީގެ މަސްއަލަ ބެލި ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި ނާވަލްނީ އަވާހަރަކޮށްލަން ބޭނުންކުރި ވިހަ މާއްދާ ނޮވިޗޮކް އަކީ ސަރުކާރަށް ނޫން ފަރާތަކަށް ލިބޭނެ އެއްޗެއް ނޫނެވެ. ނަވަލްނީގެ ހަށިގަނޑުން ފެނުނު މި މާއްދާއަށް ބަދަލު ގެނެވޭނީ އެކަމުގެ މައިދާނުގައި ވަރަށް ތަޖްރިބާ ހުރި ބަޔަކަށެވެ. އދގެ މި މުޤައްރިރު ވިދާޅުވި ގޮތުގައި ރޫސީވިލާތުގެ ޖާސޫސީ އިދާރާއިން ނާވަލްނީއަށް ދާއިމީ ސިފައެއްގައި ފާރަލައިފައި ވެއެވެ. މޮސްކޯގެ ބަހެއް ނެތި މި ކަމެއް ނުކުރެވޭނެއެވެ.
ޖަރްމަނުގައި ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ރަޝިޔާއަށް އެނބުރި ވަޑައިގަތީ މި ހުސްވި މަހުއެވެ. އޭނާއަށް ދެވުނު ވިހަގޭހަށް ފަރުވާ ހޯއްދެވުމަށް ޓަކައި ޖަރްމަނުގައި އެތައް މަހެއް ހޭދަކުރެއްވިއެވެ. އޭނާ ތުހްމަތު ކުރައްވާ ގޮތުގައި މިއީ ރައީސް ޕޫޓިންގެ ޙަމަލާއެކެވެ. މި ތުހްމަތާ ޕޫޓިން އިންކާރު ކުރައްވައެވެ.
ނަވަލްނީ ޖަލަށްލުމާ ވިދިގެން އޭނާއަށް ތާއީދުކުރާ މީހުން ވަނީ ރަޝިޔާގައި މުޒާހަރާތަކާއި އިޙްތިޖާޖުތައް ފަށައިފައެވެ. އޭނާ ދޫކޮށްލުމަށް ވިލާތުގެ ޤައުމުތަކުން ދަނީ ގޮވައިލަމުންނެވެ.



advertisment