Support Us

އިކޮނޮމިކް ޑިވްލޮޕްމަންޓް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ -ފޮޓޯ: މަޖިލީހުގެއިދާރާ

ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ ހިންގެވުން ފައްޔާޒާ ހަވާލުކުރައްވައިފި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޯލޮޖީ ވަގުތީގޮތުން ހިންގެވުމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަވާލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައި ވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަޤާމުގައި ހުންނެވި މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްޔެ ފާސްކުރައްވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ނަމަވެސް، އެމް.ޑީ.ޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެކަންކުރިއިރު، މަލީހު ދިފާއުކުރެއްވުމަށް ރައީސް ސޯލިހު އެއްވެސް ބަސްފުޅެއް ވިދާޅުވެފައެއްވެސް ނުވެއެވެ.

މަލީހު ވެގެން ގޮސްފައި ވަނީ 2018 ގައި ވެރިކަމަށް އައި ރައީސް ސޯލިހުގެ ކޯލީޝަން ސަރުކާރުގެ ވަޒީރަކަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ފުރަތަމަ ވަޒީރަށެވެ.

ކޯލީޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓުގައި އިންނެވި މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް 59 މެމްބަރަކު އިއްޔެ ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މަލީހު ދިފާއުކުރެއްވުމަށް ރައީސް ސޯލިހު ވެސް އަދި މަޖިލިސްގައި ތިއްބަވާ ރައީސް ސޯލިހު ފެކްޝަންގެ އެއްވެސް މެމްބަރަކުވެސް އެއްޗެއް ވިދާޅެއްނުވެއެވެ.

ރައީސް ސޯލިހުގެ ކޯލީޝަން ސަރުކާރުގައި މިހާތަނަށް ވަނީ އިތުބާރު ނެތް ކަމަށް ފާސްކޮށް މަޖިލީހުން އެއް ވަޒީރަކު ވަކިކޮށް، ރައީސް ސޯލިހުގެ ލިޔުމަކުން އެއް ވަޒީރަކު މަގާމުން ވަކިކޮށް، ތިން ވަޒީރަކު އިސްތިއުފާ ދެއްވައިފައެވެ. އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފެވެ. ދެން، ހައުސިން މިނިސްޓަރު އާތިފާ ޝަކޫރެވެ. އޭގެ ފަހުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ، އޮފީސް މުވައްޒަފުންނާ ޖިންސީ ފުރައްސާރަކުރި މައްސަލައެއްގެ ތުހުމަތުގައި، އިސްތިއުފާ ދެއްވަން ރައީސް ސޯލިހު އެންގެވުމުން، އިސްތިއުފާ ނުދެއްވުމުން، މަގާމުން ވަކި ކުރައްވައިފައެވެ. އޭގެ ފަހުން ކޮވިޑް19 އިން ރައްކާތެރިވުމަށް ގެނައި ވެންޓިލޭޓަރުތަކެއްގެ ކޮރަޕްޝަންގެ މައްސަލައިގައި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

މަލީހުގެ އިތުރުން އަމީނާއި އަލީ ވަހީދަކީ ވެސް މަހުޖަނު ގާސިމް އިބުރާހީމުގެ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ކެބިނެޓުގައި ތިއްބެވި ބޭފުޅުންނެވެ. ޝިދާތާ ފުރުއްވީ އަދާލަތުގެ ސްލޮޓެކެވެ. އާތިފާ، އެމް.އާރް.އެމްގެ ސްލޮޓެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *