Support Us

ސިންގަޕޫރުގެ ރީތީގެ ރާނީއަކަށް ހަ ހަފުތާގެ ޖަލު ހުކުމެއް

މިސް ޔުނިވަރސް 2017 ގައި ވާދަކުރި ސިންގަޕޫރުގެ ރީތީގެ ރާނީ "ހުއްދަނެތް ވިޔަފާރިތަކެއް ކުރާން ރައްޓެހީންތަކެއްގެ ޑެބިޓްކާޑް ބޭނުންކުރިކަމުގެ ކުށް" ސާބިތުވެ ހަ ހަފުތާއަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފިއެވެ.

އުމުރުން 27 އަހަރުގެ އާޗްލީ ރީތާ ވޮން ކައި ލީން އަކީ އީ-ކުޅިވަރުތަކުގެ ކޮމަންޓޭޓަރެކެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުސްވި ފެބްރުވަރީ މަހު 11 ވަނަ ދުވަހު ޙުކުމްކުރީ "ނަހަމަ ގޮތުގައި ކޮންޕިޔުޓަރު ބޭނުންކުރުމާއި ސައިބަރު ސަލާމަތީ ޤާނޫނު"ގެ ދަށުން ހުށަހެޅުނު ހަތަރު ދަޢުވާއަކާއި އިތުރު 27 ކުށަކަށް ރިޢާޔަތްކޮށްފައެވެ.

އޭނާ 2016 ގައި ދެ ރައްޓެއްސެއްގެ ޑެބިޓްކާޑްގެ މަޢުލޫމާތު އެ މީހުންނަށް ނޭނގި ހިތު ދަސްކޮށްގެން (ނުވަތަ ނޯޓުކޮށްގެން) އޮންލައިނުން ވިޔަފާރިކުރާން އެ މަޢުލޫމާތު ބޭނުންކޮށްފައިވެއެވެ. މި ފަދަ ތިން ވަނަ މަޒުލޫމެއްގެ މައްސަލަ ވެސް ވިހާރު ގެންދަނީ ބަލަމުންނެވެ.

ފުރަތަމަ މަޒުލޫމަކީ، ވޮން ކައި ލީން އޭނާ ރައްޓެހިވެގެން އުޅުނު މީހާއާ ގުޅުން ކަނޑައިލި ދުވަސްވަރު އިޖުތިމާޢީ ގުޅުން އުފެއްދި 28 އަހަރުގެ ޒުވާނެކެވެ. މި ގޮތަށް ދެ މީހުން އެކީ ބޭރަށް ގޮސް އުޅުމުގެ ތެރޭގައި އެއް ރެޔަކު މި ފިރިހެންމީހާގެ ވޮލެޓް މޭޒުމަތީގައި ބާއްވައިފައި ފާހާނާއަށް ދިޔަ ވަގުތު އޭނާގެ ކާޑުގެ ހުރިހާ މައުލޫމާތެއް ވޮން ކައި ލީން ނޯޓުކޮށްލީއެވެ.

ފަހުން މި މަޒުލޫމަށް ފާހަގަކުރެވުނީ އޭނާގެ ކާޑުން އޭނާއަށް ނޭނގި ފައިސާތަކެއް އުނިވެފައިވާކަމެވެ. އެހެނީ ވޮން ކައި ލީން، އެކި ފަހަރު މަތީން އެ ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތުތަކެއް ހިންގައިފައިވެއެވެ. އެއީ 2016 ވަނަ އަހަރު އޮގަސްޓް، ސެޕްޓެމްބަރުގެ ތެރޭގައެވެ. ފައިސާގެ މި މުޢާމަލާތުގެ ތެރޭގައި 304 ޑޮލަރާއި 230 ޑޮލަރާއި 196 ޑޮލަރެއްގެ ފައިސާގެ މުޢާމަލާތު ހިމެނެއެވެ. މީގެ ތެރެއިން ފައިސާގެ އެއް މުޢާމަލާތަކަށް ހޭދަކޮށްފައިވާ ހުރިހާ ފައިސާއެއް އެ ޒުވާނާގެ ބެންކާ ވާހަކަދައްކައިގެން އޭނާގެ އެކައުންޓަށް އަލުން އިޢާދަކުރެވުނެވެ. އަނެއް ދެ މުޢާމަލާތަށްވާ ފައިސާ ވޮން ކައި ލީން އަނބުރައި އޭނާއަށް ރައްދުކޮށްދިނެވެ.

ވޮން ހިންގި ޖަރީމާގެ ސަބަބުން ގެއްލުން ލިބުނު އަނެއް މަޒުލޫމަކީ އުމުރުން 26 އަހަރުގެ އަންހެން ރައްޓެއްސެކެވެ. މީނާ އޮންލައިން ވިޔަފާރިއަކަށް ފައިސާ ދައްކާން އުޅުމުން އެކައުންޓްގައި އެ އަދަދަށް ފައިސާ ނެތްކަން ފާހަގަކުރެވުނީއެވެ. ނަމަވެސް މިއީ ގޯހެއްކަން އެނގުނީ އޭނާގެ ބައްޕަ، އޭގެ ކުރީން އެއް ލައްކަ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްދީފައިވާތީއެވެ.

މި މަޒުލޫމު އޭނާގެ ބެންކް އެކައުންޓް ޗެކްކުރުމުން ސާފުވީ ހޮޓެލް ކްލޯވަރގެ ކޮޓަރި ކުއްޔަށް 265 ޑޮލަރު އޭނާގެ ކާޑުން ކަނޑައިފައިވާ ކަމެވެ. މި މަޒުލޫމު ފުރަތަމަ މި ކަން ޝައްކުކުރީ އޭނާ ކުރީން ރައްޓެހިވެގެން އުޅުނު ފިރިހެން ކުއްޖެއްގެ މައްޗަށެވެ. އެހެންވެ މި ވާހަކަ ވޮން ކައި ލީން އާ ވެސް މި މަޒުލޫމު ހިއްސާ ކުރިއެވެ. ނަމަވެސް ވޮން ކައި ލީން އެހެން މީހެއްގެ ކާޑު ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތު ހިންގި ކަމުގެ ތުހުމަތު އޭރު ކުރެވިފައި އޮތީތީ ވޮންގެ މައްޗަށް ތުހުމަތުކޮށް އޭނާއާ އެ ވާހަކަ ދެއްކުމުން އޭނާގެ ކާޑުގެ މަޢުލޫމާތު ހިތުދަސްކޮށްގެން އޭނާގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރި ކަމަށް ފަހުން އެއްބަސްވީއެވެ.

މި އަންހެންކުއްޖާގެ އެކައުންޓުން އުނިވި ފައިސާ ޑީބީއެސް ބޭންކާ ވާހަކަދައްކައިގެން އަނބުރައި ޖަމާކޮށްދިނެވެ. އަދި ހޮޓެލް ކްލޯވަރއަށް ދައްކަންޖެހުނު ފައިސާ ވޮން އަލުން ދައްކައިދިނެވެ.

ޕަބްލިކް ޕްރޮސެކްޓަރގެ ނާއިބު ޗެން ޔައު ޑުއެން، ވޮންގެ މައްޗަށް އެންމެ މަދުވެގެން ދެ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާން އެދުނީ މި ބާވަތުގެ މައްސަލަތަކަށް ހަރުކަށި އަދަބު ދޭންޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ވޮން ޢަމަލުކުރީ ކާޑުގައިވާ ދިހަ ޢަދަދަކާއި މުއްދަތު ހަމަވާ ތާރީޚާއި ކާދުގައިވާ ސީވީ ކޯޑް ހިތު ދަސްކޮށްގެންނެވެ.

ޗެން ބުނި ގޮތުގައި ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ތިން މަޒުލޫމުން ވެސް ވޮން ކައި ލީނަށް މައާފުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ވޮންގެ ބަޔާން ނެގި ހިސާބުން އެއް މަޒުލޫމަކު އޭނާއާ ގުޅުން ކަނޑައިލީއެވެ.

މި ފަދަ މައްސަލަތައް ހިނގުން އިތުރުވަމުން އަންނާތީ މި ބާވަތުގެ ކުށަށް މިހާރަށް ވުރެ ހަރުކަށި އުގޫބާތް ކަނޑައެއެޅޭން ޖެހޭނެ ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ލަފާދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *