ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އޭނާ މިއަދު މަގާމުން ވަކިކޮށްފިއެވެ. މިއީ 2018 ގައި ވެރިކަމަށް އައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކޯލީޝަން ސަރުކާރުގެ ވަޒީރަކަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ފުރަތަމަ ފަހަރެވެ.
ކޯލީޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓުގައި އިންނެވި މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް 59 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މަލީހު ދިފާއުކުރެއްވުމަށް ރައީސް ސޯލިހު ވެސް އަދި މަޖިލިސްގައި ތިއްބަވާ ރައީސް ސޯލިހު ފެކްޝަންގެ އެއްވެސް މެމްބަރަކުވެސް އެއްޗެއް ވިދާޅެއްނުވެއެވެ.
ރައީސް ސޯލިހުގެ ކޯލީޝަން ސަރުކާރުގައި މިހާތަނަށް ވަނީ އިތުބާރު ނެތް ކަމަށް ފާސްކޮށް މަޖިލީހުން އެއް ވަޒީރަކު ވަކިކޮށް، ރައީސް ސޯލިހުގެ ލިޔުމަކުން އެއް ވަޒީރަކު މަގާމުން ވަކިކޮށް، ތިން ވަޒީރަކު އިސްތިއުފާ ދެއްވައިފައެވެ. އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފެވެ. ދެން، ހައުސިން މިނިސްޓަރު އާތިފާ ޝަކޫރެވެ. އޭގެ ފަހުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ، އޮފީސް މުވައްޒަފުންނާ ޖިންސީ ފުރައްސާރަކުރި މައްސަލައެއްގެ ތުހުމަތުގައި، އިސްތިއުފާ ދެއްވަން ރައީސް ސޯލިހު އެންގެވުމުން، އިސްތިއުފާ ނުދެއްވުމުން، މަގާމުން ވަކި ކުރައްވައިފައެވެ. އޭގެ ފަހުން ކޮވިޑް19 އިން ރައްކާތެރިވުމަށް ގެނައި ވެންޓިލޭޓަރުތަކެއްގެ ކޮރަޕްޝަންގެ މައްސަލައިގައި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.
މަލީހުގެ އިތުރުން އަމީނާއި އަލީ ވަހީދަކީ ވެސް މަހުޖަނު ގާސިމް އިބުރާހީމުގެ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ކެބިނެޓުގައި ތިއްބެވި ބޭފުޅުންނެވެ. ޝިދާތާ ފުރުއްވީ އަދާލަތުގެ ސްލޮޓެކެވެ. އާތިފާ، އެމް.އާރް.އެމްގެ ސްލޮޓެކެވެ.



advertisment