މުބާރިކު ފަތިހަކުން ދުނިޔޭގެ ލޯތައް ހުޅުވިގެން ދިލުނީ
އިބާރާތުން ބަޔާން ނުވެވޭ ޒަމާނެއް ރީތި ދެން ފެށުނީ
ނިޔާ އަނިޔައިގެ ދަރުބާރުން ނިޔާ ނެތި ގެއްލިފައި ވަނިކޮން
ރިޔާސަތުގައި އަދުލުވެރި ތާޖުތައް ޒީނަތްވެގެން އެޅުނީ
ކިބުރުވެރި ބަސްތަކުން ތިބި ވާދަކުރުމަށް ނުކުމެ އަސްވާރުން
ލިބުނު މައިތިރި ސަވާރީ ގައި ނުކުމެ ދުއްވާ ފަހާލެވުނީ
ހިފައި ގޮށްމުށުގެ ބާރުން ހައްގުތައް ކަސްތަޅު އަޅާފައިވާ
ވަފާތެރިކަމުގެ ލުއި ހަތިޔާރަކުން އަބަދަށް ކޮށައިލެވުނީ
ހިތަށްއެރިހާ ދިމާއެއް ގަސްދުކޮށްގެން ތިރިވިހާ ތިރިވުން
މިތަންގައި ލެއްވި މަގުސަދު އޭގެ އަސްލަށް ޚާއްސަ ކޮށްލެވުނީ
ގޮތެއް ނެތި ހާލުގައި ތިބިހާ ޔަތީމުންނާއި މިސްކީނުން
ފޮތެއްގެ ނިވައިފަތުން ހިނިތުން ހަގީގީ ޒާތުގައި ވެވުނީ
ވަށައިގެން ކަޅުވިލާތައް ފެތުރިފައި އޮތް ޖާހިލީ ރޭތައް
އަރައިގެން ރޯޅިއެއް ގައި އައި މުޅިން ގޮސް ރޫޅި އަލިވިލުނީ
ޖިނާޔަތުގައި އުފުލިހާ ފާރުތައް ތިރިކޮށް ބިމާހަމައިން
ބިނާ މަތިވެރި މިދީނުގެ ބިންމަތީ އާރާސްތު ކޮށް ނިމުނީ
ޞަލާތާ އަދި ސަލާމުގެ މާތަކުން ވަސްމީރު ގުލްހާރެއް
ފަލާޙުގެ އެންމެ ޠާހިރު ހައިބަތަށް ލޯބިން ގަތައިލެވުނީ
