ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓެއް ގާއިމްކުރުމަަށް އިންޑިއާ އިން 7.6 މިލިއަން ރުފިޔާ ދޭން އެއްބަސްވެއްޖެއެވެ.
An MoU to set up a MVR 7.6 million Fish-processing plant in N.Kendhikulhudhoo was signed during the recent visit of External Affairs Minister @DrSJaishankar to the Maldives ????????
For more details about the project, pls. see our Press Release ????????@KK_Council @MoFAmv pic.twitter.com/3YzeZhgpXn
— India in Maldives (@HCIMaldives) February 23, 2021
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރު މިމަހު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ސޮއިކުރި މި އެމް.އޯ.ޔޫގެ ދަށުން، ކެނދިކޮޅުދޫގައި ކަންނެލި އަދި އެހެނިހެން މަސް ގަނެ، ޕްރޮސެސްކުރުމަށް ގާބިލު، ކުޑަ-ސްކޭލް ގޭދޮށު މަސް ޕްލާންޓެއް ގާއިމްކުރެވޭނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ވެއެވެ. މި ޕްލާންޓްގައި 20 ޓަނުގެ ގަނޑުފެން އުފެއްދުމުގެ ކޭޕޭސިޓީގެ އިތުރުން، 10 ޓަނުގެ މަސް ސްޓޮކް ކުރެވޭނެ ފިނި ކޮޓަރިއެއް ހުންނާނެ ކަމަށާއި މި ޕްލާންޓްގައި އެކި ކަހަލަ މަސް ކިރާ، ކަނޑައި، ސާފުކޮށް، ފިނިކޮށް، ވެކިއުމްކޮށް ބަންދުކޮށް، ކޮލިޓީ ޓެސްޓުކޮށް ޕްރޮސެސް ކުރުމަށް ބޭނުންވާ ފުރިހަމަ އާލާތްތައް ހުންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"މި މަޝްރޫއުގެ ސަބަބުން ދިވެހި މަސްވެރިންނަށް ހެޔޮ އަގުއައުގައި ހިދުމަތްތައް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، މަހުގެ އުފެއްދުންތަކުގެ ޕޯޓްފޯލިއޯ އަދި ވެލިއު އިތުރުވެ، މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭ އަދަދު އިތުރުވެ، ޕްލާންޓް ގާއިމު ކުރެވޭ ރަށާއި ކައިރީގައި ހުންނަ އެހެން ރަށްތަކުގެވެސް އިގްތިސާދު ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ކަންނެލި މަހުގެ މާކެޓްގެ ޕްރޮސެސިންއަށް ދިމާވެފައިވާ ކެޕޭސިޓީގެ ދަތިކަން ހައްލުކުރުމަށްޓަކައި ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ވަރަށްވެސް މުހިންމު މަޝްރޫއުއެކެވެ." އެ ބަޔާނުގައިވެއެވެ.
ކެނދިކުޅުދޫގެ މި މަޝްރޫއު އަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 200 މިލިއަން ރުފިޔާ (12.5 މިލިއަން ޑޮލަރުގެ) ގެ ދަށުން އިންޑިއާ އާއި ދިވެހިރާއްޖެ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 30 ކުދި އަދި މެދު ފަންތީގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ތަކުގެ ތެރެއިން އެއް މަޝްރޫއުއެވެ. މި މަޝްރޫއު ތަކަކީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ސަރުކާރުން ހޮވާފައިވާ، ސިއްހީ، ތައުލީމީ، ދެމެހެއްޓެނިވި ތަރައްގީ، އަދި އަންހެނުންނާއި ކުޑަކުދިން ބާރުވެރިކުރުވުމުގެ ދާއިރާތަކާއި ގުޅޭ މަޝްރޫއުތަކެކެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޖީޑީޕީގެ 4.1 އިންސައްތަ، ވަޒީފާގެ ބާޒާރުގެ 20 އިންސައްތަ އަދި ފިޒިކަލް އެކްސްޕޯޓްގެ 98 އިންސައްތަ ނިސްބަތްވާ މަސްވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އިންޑިއާއަށް ލިބޭ ފަޚުރެކެވެ.
އިންޑިއަން ހައި ކޮމިޝަނާއި ފޮރިން މިނިސްޓްރީ އަދި އައްޑޫ ސިޓީ ކައުންސިލްގެ މެދުގައި ޑިސެމްބަރ 2019 ގައި ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ދަށުން އައްޑޫ ސިޓީގެ މަރަދޫ، ހިތަދޫ، އަދި ހުޅުދޫގައި 23 މިލިއަން ރުފިޔާ (1.5 މިލިއަން ޑޮލަރުގެ) މަސް ޕްރޮސެސިން ޕްލާންޓްތައް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމުގައި ވެސް އެ ބަޔާނުގައިވެއެވެ. މީގެ އިތުރުން އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުގެ އެސް.އޯ.އީ އެއް ކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތައް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށްކަން ފާހަގަކޮށްފައިވެއެވެ.



advertisment