Support Us

ސީނުގެ "ސިނޯފާރމް" ވެކްސިނަށް ވިލާތުން އިތުބާރާއި ޔަގީންކަން ދީފި

ސީނުކަރައިން އުފައްދައިފައިވާ "ކޮވިޑް19″ގެ ވެކްސިނަށް އެންމެ ފަހުން އޭގެ ޙައްޤު މަޤުބޫލުކަން ލިބިއްޖެއެވެ.

މި މަޤުބޫލުކަން ކަށަވަރުވީ ވިލާތު އިއްތިޙާދުގައި ހިމެނޭ، ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުން އިސްނަގައިގެން، ސީނުކަރައިގެ ވެކްސިނާއި ރޫސީވިލާތުގެ ވެކްސިން ވިލާތުން ބަލައިގަތުމަށް ހުޅުވައިލުމާ ގުޅިގެންނެވެ.

މި މަހު ކުރީކޮޅު، ޖަރުމަނުވިލާރުގެ ޗާންސެލަރު އެންޖެލާ މާރކެލާއި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން، ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އެމާ) އިން ހުއްދަ ދީފައިވާ ކޮންމެ ވެކްސިނެއް އެ ބޭފުޅުންގެ ޤައުމުތަކަށް ގެނައުމަށް ހުޅުވައިލައި އެކަމަށް ވަނީ ގޮވައިލައްވައިފައެވެ.

މި ދިޔަ ހޯމަ ދުވަހު މެކްރޯން ވިދާޅުވެފައިވަނީ "ކޮވިޑް19އާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބުކުރުމަށް ޓަކައި ސީނުކަރައާއި ރޫސީވިލާތުގެ ވެކްސިނަކީ ދުނިޔެއަށް މުހިންމު ދެ ވެކްސިން" ކަމުގައެވެ. "އަޅުގަނޑުމެން ސީނުކަރައާއި ރޫސީންނާއެކު މަސައްކަތްކުރާން އެބަޖެހޭ" ކަމަށާއި "އޭރުން އަޅުގަނޑުމެން ހުރިހާ ޤައުމަކަށް ބޭނުންވާ ވަރަށް އެ ޤައުމުތަކުގެ ސައެންސީން ވެކްސިން ތަރައްގީ ކުރާނެ" ކަމަށް މެކްރޯން ވިދާޅުވިއެވެ. "މިހާރު އަޅުގަނޑުމެން މަޝްޣޫލުވެގެން މި އުޅެނީ ކޮވިޑްގެ އާ ވައްތަރުތަކާ ހަނގުރާމަކުރުގައި. މިއީ ޒަމާނާ ދެކޮޅަށް ބޭއްވޭ ހަގީގީ ރޭހެއް،" ފަރަންސޭސި ހަފުތާ މަޖައްލާއެއް ކަމަށްވާ 'ލެ ޖާރނަލް ޑޫ ޑިމާންޝޭ' އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވިއެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީއިން މިހާތަނަށް ހުއްދަދީފައި އޮތީ އިނގިރޭސިވިލާތާއި އެމެރިކާގައި އުފެއްދި ވެކްސިން ކަމަށްވާ ފައިޒާރ-ބަޔޯއެންޓެކާއި މޮޑާރނާއާއި އަސްޓްރާޒެންކާއާއި މި ތިންވެކްސިނަށް އެކަންޏެވެ. ސީނުކަރައިން އުފެއްދި ވެކްސިނާއި ރޫސީން އުފެއްދި ވެކްސިނަށް ވިލާތުން ހުއްދަ ދިނުމުން އެ މީހުން ހުއްދަކޮށްފައިވާ ވެކްސިނުގެ ބާވަތްތައް ފަހަކަށް އެރީއެވެ.

ކުރީން ހުއްދަ ދީފައިވާ ވެކުސިން ހީކުރިވަރަށް ވުރެ މަދުވުމާއެކު މި ޢަލަމީ ވަބާއިން ވިލާތު ޤައުމުތައް އަރައިގަނެ އެ މީހުންގެ އިޤުތިޞާދީ އާންމު ޙާލަތަށް އަވަހަށް ރުޖޫޢަވުމާމެދު އޮތީ ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ. އެ ޤައުމުތަކުގެ އިސްވާރުންނަށް ފިއްތުނަތަކާ ކުރިމަތިވަމުން އަންނާތީ ބަދީލީ ޙައްލަކަށް އެ މީހުންނަށް އޮތީ ބޭނުންވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް19 ވެކްސިން ވިލާތަށް ފޯރުކޮށްދޭ މިންވަރު މަދުކޮށްފައިވާކަމަށް "އެސްޓްރާޒެނެކާ"އިން މިދިޔަމަހު ވަނީ އިޢުލާނުކޮށްފައެވެ. އުފެއްދޭ މިންވަރު މަދުކަމުގެ ބަދުނާމު ވެސް އެ މީހުންގެ ބޮލުގައިވަނީ އެޅިފައެވެ. އަދި  އޮކްސްފޯރޑް ޔުނިވަރސިޓީއާ ގުޅިގެން އުފައްދާ "ޖެބް" ވެސް އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި ވަނީ ބޭނުންކުރާން ފަށައިފައެވެ.

މިދިޔަ ޖަނަވަރީމަހު އެމެރިކާގެ ރިޔާސަތާ ޖޯސެފް ބައިޑް ޙަވަލުވެވަޑާއިގަތުމަށް ފަހު، އިސްކަންދޭ ކަންކަމުގެ އެންމެ ކުރިއަށް "ކޮވިޑާ ހަނގުރާމަކުރުން" ލެއްވުމާ ގުޅިގެން "ފައިޒާރބައޯޓެކް" ވެކްސިން ވިލާތަށް ފޯރުކޮށްދޭ މިންވަނީ ލަފާކުރި ވަރަށް ވުރެ މާ ބޮޑަށް މަދުވެފައެވެ.

ވައިރަހާ ހަނގުރާމަކުރުން ވިލާތުގައި އޮތްލެއް ބަލިކަށިކަމުން، މިހާރު ވިލާތުން އުންމީދުކުރަނީ ވެކްސިންގެ ބޮޑު ޢަދަދެއް ދާދިއަވަހަށް ހޯދުމަށެވެ.

ވިލާތުގެ ބައެއް އިސްވާރުން ސީނުކަރައިގެ ވެކްސިނާމެދު ދެކޭ ގޮތް ބަދަލުވުމަކީ ސީނުކަރައަށް ވެސް އުފާވެރި ޙައިރާންކަމެއް ލިބުނު ކަމެކެވެ. ނަމަވެސް "ނިއުޔޯކް ޓައިމްސް" (ނޫހު)ގައި "މިއީ ސީނުކަރައާއި ރޫސީވިލާތުގެ ވެކްސިނަށް އިތުބާރުކުރާންވީ ވަގުތު" ކަމަށް ލިޔުނު ސުރުޚީގެ ސަބަބުން މި އިތުބާރުވަނީ އިތުރުވެފައެވެ.

ވިލާތުގެ ބޭސްވެރިކަމާބެހޭ ޢިލްމީ މަޖައްލާއެއް ކަމަށްވާ "ލާންސެޓް"ގައި މި ހަފުތާގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުގައި "އެ ޤައުމުތަކުގެ ވެކްސިން ރަނގަޅަށް މަސައްކަތްކުރާ ކަމުގެ ހެކި ވަނީ ލިބިފައެވެ." އެ ރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ވެކްސީންގެ އަޖުމަބެލުމުގެ އެންމެ ފަހު މަރުޙަލާއިން ސާބިތުވެފައިވަނީ ރޫސީވިލާތުގެ ވެކްސިން، "ސްޕުޓްނިކް ވީ" 91.9 އިންސައްތަ ކާމިޔާބު ކަމަށެވެ.

ސީނުކަރައިގެ ވެކްސިންގެ ބަރާބަރުކަމާއި ކަށަވަރުކަން ވެސް ޢަދަދުތަކުން ހާމަވެފައިވެއެވެ. ސީނުން އުފައްދައިފައިވާ ވެކްސިން "ސިނޯފާރމް"، އެކުވެރި އަރަބު އިމާރާތުގެ ބޭސްއުފައްދާ މީހުން ތަޙުލީލުކުރުމަށް ފަހު ޑިސެންބަރު 9 ގައި ހާމަކުރި ގޮތުގައި، އެ ވެކްސިންގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ކްލިނިކް ޓެސްޓްތަކުން ޔަގީންކޮށްދެއެވެ. އަދި ވެކްސިން ބޭނުންކުރާ މީހުންގެ 86 އިންސައްތައަށް އެ ވެކްސިނުން ކޮވިޑް ދިފާޢުކޮށްދޭނެއެވެ. ނަމަވެސް ޑިސެންބަރު މަހު 29ގައި އެ ޤައުމުގެ "ކާރިސާތަކާބެހޭ މަރުކަޒު"ން ހާމަކުރި ރިޕޯޓެއްގައި ބަޔާންކުރާ ގޮތުގައި ސީނުކަރައިގެ "ސިނޯފާރމް" ވެކްސިނުން 100 އިންސައްތަ ރައްކާތެރިކަން ވަނީ ކަށަވަރުވެފައެވެ.

ސިޔާސިއްޔަ ގޮތުން ކުރީން ސީނުކަރައިގެ ވެކްސިނާ ވިލާތުން ދެކޮޅު ހެދިޔަސް އެ ވިސްނުން ބަދަލުކޮށް "ޖުޣުރާފީ ސިޔާސިއްޔަތަށް" ބެލުމެއްނެތި ޢިލްމީ ގޮތެއްގައި ވެކްސިނާމެދު ވިސްނާން މަޖުބޫރުވީ ސީނުކަރައިގެ ވެކްސިންގެ ޔަގީންކަން ކަށަވަރުވުމާއެކު، ކޮވިޑުން ރައްކާތެރިވުމަށް ޓަކައި ވިލާތަށް ވެސް ހުރި ގޮންޖެހުންތަކުގެ ސަބަބުންނާއި އިތުބާރުހުރި ވެކްސިން އެ ޤައުމުތަކަށް ބޭނުންވާ ވަރަށް ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުންނެވެ. ސީނުކަރައިން މީގެ ކުރީން ވެކްސިން ހަދިޔާކުރަމުން ގެންދިޔައީ ފަގީރު ގައުމުތަކަށާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް އެކަންޏެވެ.

ކަން މިހެން ހުރުމާއެކު ސީނުކަރައިގެ ވެކްސިންގެ ބަރާބަރުކަމާއި ނަތީޖާ ރަނގަޅުކަން ކަށަވަރުވުމާއެކު "ޖުޣްރާފީ ސިޔާސިއްޔަތު" (ޖިއޯ ޕޮލިޓިކްސް) ދޫކޮށް ސީނުގެ ވެކްސީން ލިބޭތޯ މަސައްކަތްކުރާން ވިލާތަށް މިހާރުވަނީ މަޖުބޫރުވެފައެވެ.

ދުނިޔޭގެ ޢިލްމީ ތަޙުލީލުތަކުގެ މައްޗަށް ބިނާކޮށް އާންމުކޮށްފައިވާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ދުނިޔޭގައި އުފައްދައިފައިވާ ކޮވިޑް ވެކްސިންގެ ތެރެއިން އެންމެ އިތުބާރު ބޮޑު ދެ ވެކްސިނަކީ ސީނުކަރައިގެ "ސިނޯފާރމް"ވެކްސިނާއި ރޫސީވިލާތުގެ "ސްޕުޓްނިކް ވީ" ވެކްސިންކަން ހާމަވުމާއެކު ވިލާތުން ގޮތް ދޫކޮށް އެ ވެކްސީންތަކަށް ރުހުން ދޭން މިހާރު މިވަނީ މަޖުބޫރުވެފައެވެ. އިތުބާރުގެ ގޮތުން ބަލާއިރު ތިންވަނައަށް ފާހަގަކުރެވޭ ވެކްސިނަކީ އިނގިރޭސިވިލާތުގެ "ފައިޒާރބައޯޓެކް" ވެކްސިނެވެ.

ކޮންމެއަކަސް "ޔޫރަޕްގެ ބޭސްވެރިކަމާ ބެހޭ އެޖެންސީ" އިން ސީނުކަރައިގެ ވެކްސިނާއި ރޫސީ ވިލާތުގެ ވެކްސިނަށް ރުހުންދީ އިތުބާރު ކަށަރުކޮށްދިނުމަކީ ސިޔާސީ ގޮތުން ވެސް އެ ދެ ޤައުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބެލެވެއެވެ. (މަޢުލޫމާތު: ދަ ސްޓާރ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *