މާދަރީ ބަހަކީ އެއީ ޤައުމެއްގެ ލޯ އެ ލޮލުގެ ފެނުން
މާދުރާ ގާތާ ބެލޭ ނަޒަރާ އެ ނަޒަރު ދެވޭ ދިނުން
މާދަރީ ބަހަކީ އެއީ ޤައުމެއްގެ ހިތް އެ ހިތުގެ ތެޅުން
ވާދަޔާ ޖޯޝާ ހިނގާ ޖަޒުބާތުތަކުގެ އޮހޭ އޮހުން
މާދަރީ ބަހަކީ އެއީ ޤައުމެއްގެ ވިސްނުން އަދި ޚިޔާލް
ބާއްޖަވެރި އުންމަތްތަކުގެ ބާރާ އެ ބާރު ހިނގާހިނގުން
މާދަރީ ބަހަކީ އެއީ ޤައުމެއްގެ އަޑު އެ އަޑުގެ ނިދާ
ސާބިތުވެ ތިބުމާ ހިތާ ރޫޙާ ގުޅޭ ގުޅުވޭ ގުޅުން
މާދަރީ ބަހަކީ އެއީ ޤައުމެއްގެ ނިތް އެ ނިތުގެ ވިދުން
ހާދަ މަތިވެރިޔޭ އެހެން އެތަކެއް ދުލުން ބުނެވޭ ބުނުން
މާދަރީ ބަހަކީ އެއީ ޤައުމެއްގެ އަތް އެ އަތުގެ ވުޖޫދު
ވާދަވެރި އީޖާދުތައް ފަރުމާވެ ކުލަ ޖެހިދާ ޖެހުން
މާދަރީ ބަހަކީ އެއީ ޤައުމެއްގެ އަސް އެ އަހުގެ ލަގަން
ދާންޖެހޭހާ މަންޒިލަށް ވާސިލްވުމާ އެ ދެވޭ ދެވުން
މާދަރީ ބަހަކީ އެއީ ޤައުމެއްގެ އުފެދުން ދިރިއޮތުން
މާދަރީ ބަސް މަރުވުމުން ނެގެނީ އެ ގައުމެއް ކަށްބިމުން