Support Us

"އީރާން ބޭނުންވަނީ ޢަމަލު، ބަހެއްނޫން" 

ނިޔުކްލިޔަރު އެއްބަސްވުމުގައި 2015 ވަނަ އަހަރުގެ ސޮއިކުރި ފަރާތްތަކުގެ ކިބައިން އީރާނުން ދެކޭން ބޭނުންވަނީ "ޢަމަލު" ކަމަށާއި "ފޮނި ބަސްތަކެއް ނޫން" ކަމަށް އީރާންގެ އެންމެ މަތީ އިސްވާރު އާޔަތުﷲ ޢަލީ ޚާމަނީ ވިދާޅުވެއްޖެއެވެ. ޚާމަނާއީ މިހެން ވިދާޅުވީ، ނިޔުކްލިޔަރ އެއްބަސްވުން ޓްރަމްޕްގެ ސަރުކާރުން އުވައިލި އުވައިލުން މިހާރުގެ ސަރުކާރުން އަނބުރައި އިޢާދަކުރެވިދާނެކަމަށް އެމެރިކާ ސަރުކާރުން ހާމަކުރުމާ ވިދިގެންނެވެ.

"އަހަރެމެން ވަރަށް ރީތި ލަފުޒުތަކާއި ވަޢުދުތައް ވަނީ އަޑުއަހައިފައެވެ. އެ ކަމަކު ޢަމަލީ ގޮތުން އެ ހުރިހާ ކަމަކާ ވަނީ ޚިލާފުވެފައެވެ. އަދި އިދިކޮޅު ފިޔަވަޅުތައް ވެސް ވަނީ އަޅައިފައެވެ. (ޢަމަލު ނުކުރާ) ބަސްތަކާއި ވަޢުދުތަކަކީ މާ ރީތި އެއްޗެއް ނޫނެވެ. އަނެއް ފަރާތުން (އަހަރެމެން ބޭނުންވަނީ) ހަމައެކަނި ޢަމަލެވެ. އަހަރެމެން ވެސް ޢަމަލުކުރާނަމެވެ." ޓީވީއިން ދުރަށް ދެއްކި ތަޤްރީރެއްގައި ބުދަދުވަހު ޚާމަނާއީ ވިދާޅުވިއެވެ.

މި އެއްބަސްވުމަށް އީރާނުން ފުރިހަމައަށް ޢަމަލުކުރާން ތައްޔާރަށް ތިބި ނަމަ، ނިޔުކްލިއަރ އެއްބަސްވުމުން ނުކުތުމަށް 2018 ވަނަ އަހަރު ޓްރަމްޕް ނިންމި ނިންމުން ވޮޝިންޓަނުން އަނބުރައި އިޢާދަކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ތެހެރާނުން ބުނަނީ ފުރަތަމަ ޢަމަލުކުރާން ޖެހޭނީ ވޮޝިންޓަނުން ކަމަށެވެ.

އެމެރިކާއާއި އެކީގައި ސީނުކަރައާއި ރޫސީ ވިލާތާއި ޖަރުމަނުވިލާތާއި ފަރަންސޭސި ވިލާތާއި އިނގިރޭސިލާތުން 2015 ވަނަ އަހަރު އީރާނުން ސޮއިކުރި އެއްބަސްވުމުގައި އީރާނުން އެއްބަސްވެފައިވަނީ އީރާނަށް އަޅައިފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލައިފި ނަމަ، އީރާނުން ކުރިޔަށް ގެންދާ ޔުރޭނިއަމް ފައްކާކުރުމުގެ ޕްރޮގްރާމް ޗެކްކޮށް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ކަމާ ބެހޭ ފަރާތްތަކަށް ދޭނެ ކަމަށެވެ. އީރާނުން މިކަން މި މަގަށް ކުރިވެސްމެއެވެ.

އީރާނުން ނިޔުކްލިޔަރ ހަތިޔާރު ހަދާން މަސައްކަތްކުރާކަމަށް އެމެރިކާއާއި އިޒްރޭލުން ކުރާ ތުހުމަތުތަކަށް އީރާނުން އަބަދު ވެސް އިންކާރުކުރެއެވެ. އީރާނުން ބުނާ ގޮތުގައި އެ ގައުމުން ކުރިޔަށް ގެންދާ ނިޔުކްލިއަރ ޕްރޮގްރާމަކީ ވަރަށް ހަރުކަށިކަމާއެކު މަދަނީ ބޭނުމަކަށް ޓަކައި ތަރައްގީކުރާ ޕްރޮގްރާމެކެވެ.

ޓްރަމްޕް ސަރުކާރުން ނިޔުކްލިޔަރ އެއްބަސްވުމުން ވަކިވެ، ދަތިކުރުމުގެ ފިޔަވަޅުތައް އަޅާން ފެށިފަހުން އީރާނުންވެސް ވަނީ އެ އެއްބަސްވުމުގެ އެކި މާއްދާތަކަށް ޢަމަލު ނުކުރާން މަޑުމަޑުން އަންނަނީ ޚިލާފުވަމުންނެވެ. އަދި މަޑުމަޑުން ނިޔުކުލިއަރ ޕްރޮގްރާމް ވެސް ކުރިޔަށް ގެންދާން ވަނީ ފަށައިފައެވެ.

(މަޢުލޫމާތު: ރޭޑިއޯފްރީޔޫރަޕް ރޭޑިއޯލިބަރޓީ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *