Support Us

މެލޭޝިއާގައި ކޮވިޑް19ގެ އާ ވޭދަނަތައް ދެވަނަ ފަހަރަށް ދަށަށް ހިނގައްޖެ

މިދިޔަ އާދީއްތަ ދުވަހު މެލޭޝިއާއިން ލިބުނު ޚަބަރުތައް ބުނާ ގޮތުގައި ކޮވިޑް19ގެ ވޭދަނަތައް މެލޭޝިއާއިން އަލަށް ފެންނަ މިންވަރު، ޖަނަވަރީ ފެށުނު ފަހުން ދެވަނަ ފަހަރަށް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

އާ ވޭދަނަތައް ރެކޯޑްކުރެވުނު ޢަދަދު ހޮނިހިރު ދުވަހު، 3400ގައި ހުރުމަށް ފަހު، އާދީއްތަ ދުވަހު މި އަދަދު 2464 އަށް ވަނީ ދަށަށް ގޮސްފައެވެ. މިކަން މެލޭޝިއާގެ ކަމަންތަރިއާން ކަސިއްހަތާން (ޞިއްހަތާ ބެހޭ ވުޒާރާ) އިން ވަނީ އިޢުލާނުކޮށްފައެވެ.

މިއީ ހުސްވި ޖަނަވަރީމަހު 13 ގައި ދަތުރުފަތުރުކުރުން ކޮންޓްރޯލްކުރުމުގެ އަމުރު ތަންފީޒުކުރާން ފެށިފަހުން ކޮވިޑްގެ އާ ވޭދަނަތައް ފެނުން މިހާ ދަށަށް ދިޔަ ދެވަނަ ފަހަރެވެ.

ޞިއްޙަތާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ ގޮތުގައި ކޮވިޑް ޖެހިފައިވާ 213،814 މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ރަނގަޅުވި ދުވަހެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ވެސް މި ދިޔަ އާދީއްތަ ދުވަހެވެ. އާދީއްތަ ދުވަހު އެކަނި ވެސް 4،525 މީހުން ރަނގަޅުވެގެން ދޫކޮށްލައިފައިވެއެވެ. އެހެންނަމަވެސް މަރުވާ ރޭޓަކަށް އަދި ބަދަލު އައިސްފައެއް ނުވެއެވެ. އާދީއްތަ ދުވަހު މަރުވި ކަމަށް ރެކޯޑްކުރެވުނު ޢަދަދާއެކު ކޮވިޑް19ގައި މެލޭޝިއާއިން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 965 އަށް އަރައިފައެވެ.

ކޮވިޑް19 ޖެހިގެން ރެކޯޑްކުރެވޭ ވޭދަނަތައް މަދުވެ، ބަލީން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނާތީ މެލޭޝިއާއިން ކޮވިޑް ކޮންޓްރޯލް ކުރުމަށް ޓަކައި އަޅައިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް ފަހި ގޮތަކަށް ފެންނަމުން އަންނަކަން ފާހަގަކުރެވެއެވެ.

ބައްތިރީސް މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މެލޭޝިއާއަކީ އިސްލާމީ ޤައުމެކެވެ. އެ ޤާއުމުގެ އާބާދީގެ 61.3 އިންސައްތައަކީ މުސްލިމުންނެވެ. ބުދު ދީނުގެ މީހުންގެ އިންސައްތައަކީ 19.8 އެވެ. ބާކީ އިންސައްތައަކީ ހިންދޫ ދީނާއި ސަގާފީ ދީންތަކާއި ދީނެއް ގަބޫލުނުކުރާ މީހުންނެވެ. މެލޭޝިއާއަކީ ދެކުނު އިރުމަތީ އޭޝިއާގައި ވަރަށް ބޮޑަށް ކުރިއަރައިފައިވާ ހިތް ފަސޭހަ ޤައުމެކެވެ.

(މަޢުލޫމާތު: މެލޭމެއިލް)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *