...

Support Us

ނިރުބަވެރީންގެ ލިސްޓުން ޙޫޘީން ކަނޑައިލުމުން ސުޢޫދީން ފާޑު ކިޔައިފި  

ޔަމަނުގެ ޙޫޘީ "އަންޞާރު ﷲ" ޖަމާޢަތަކީ ނިރުބަވެރި ޖަމާޢަތެއް ކަމަށް ރިޔާޟުން އަދިވެސް ބަލާނެކަމަށް ސުޢޫދީ ޢަރަބިއްޔާއިން ރޭ އިޢުލާންކޮށްފިއެވެ. މި ކަން ސުޢޫދިޔާއިން އިޢުލާން ކުރީ އެމެރިކާގެ ނިރުބަވެރީންގެ ލިސްޓުން މި ޖަމާޢަތް ފުހެލުމުންނެވެ. އދ ގައި ހުންނަވާ ސުޢޫދީ ސަފީރު ޢަބްދުﷲ އަލްމުޢައްލިމީ "އައްޝަރްޤު ނިވްޒް" އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ރައީސް ބައިޑްން މި ފިޔވަޅު އެޅުއްވީ ޔަމަނުގެ އިންސާނީ ޙާލަތު އިންތިހާ ދަރަޖައަށް ނުބައިވެފައިވާތީ އެ މަސްއަލައަށް ޙައްލެއް ހޯއްދަވާދެއްވާންވެގެންނެވެ. "މި ޙާލަތު ރަނގަޅު ކުރުމަށް އެތައް އެހެން ބަދީލުތަކެއް ހުށައެޅުނު ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އެމެރިކާއިން އެ ގޮތަށް ޢަމަލު ކުރިއަސް އަހުރެމެން ޙޫޘީ މިލިޝިޔާ ބާރުތަކާމެދު މުޢާމަލާތު ކުރާނީ އެއީ ހަމަ ނިރުބަވެރީން ކަމުގައެވެ. އެމީހުންގެ ޢަސްކަރީ ޙަމަލާތަކަށް އަހުރެމެން ކުރިމަތިލާނަމެވެ. މި ޙަމަލާތަކަށް އެކަށީގެންވާ ރައްދު ވެސް ދޭނަމެވެ."

ސުޢޫދީ ޑިޕްލޮމެޓް ހާމަކުރެއްވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާގެ ހުޅަނގު ދެކުނު ސަރަޙައްދެއް ކަމުގައިވާ އަބްހާއަށް ޙޫޘީން ދެމުންގެންދާ ޙަމަލާތަކާ ބެހޭ ތަފްޞީލުތައް ސަލާމަތީ މަޖިލީހަށާއި އަދގެ ސެކްރަޓަރީ ޖެނެރަލަށް ރިޔާޟުން ފޮނުވާފައިވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ޢުދްވާނީ ޙަމަލާތަކާ ދެކޮޅަށް ސުޢޫދީން ފިޔަވަޅު އަޅަމުންދާނެއެވެ. ޔަމަނުގެ މަސްއަލައާ ބެހޭގޮތުން މި އަންނަ ހަފުތާގައި ސަލާމަތީ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް ބޭއްވޭނެކަމަށް ސުޢޫދީ މަންދޫބު ވިދާޅުވިއެވެ.

އަލް މުޢައްލިމީ ވިދާޅުވިގޮތުގައި މި ފަދަ ޢުދްވާނީ ޙަމަލާތައް ވަގުތުން ހުއްޓުވުމަށާއި މި ފަދަ ޢުދްވާނުތަކާ ކުރިމަތި ލުމަށް ޓަކައި ކުރުންތެރި އިތުރު ފިޔަވަޅުތައް އެޅުމަށް ރިޔާޟު އެދެއެވެ. އޭނާ ވިދާޅުވިގޮތުގައި އެންމެން ވެސް މި މަސްއަލައަށް ސިޔާސީ ޙައްލެއް އައުމަށް އެދެއެވެ. މި ޖަމާޢަތުގެ (ޙޫޘީންގެ) މަސްއޫލުވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އޭނާ ގޮވައިލެއްވިއެވެ. ޙޫޘީން ވަނީ އަބްހާ ވައިގެބަނދަރަށް ތިން ޙަމަލާއެއް ދީފައެވެ. މި ޙަމަލާތަކުގެ ސަބަބުން މަދަނީ މަތިންދާބޯޓެއްގައި ވަނީ ރޯވެފައެވެ.

އެމެރިކާއިން ޙޫޘީ ޖަމާޢަތް ނިރުބަވެރީންގެ ލިސްޓުން ކަނޑައިލިކަނޑައިލުމަށް ޢަމަލު ކުރަން ފަށާނީ މާދަމާއިން (އަންގާރަ ދުވަހުން) ފެށިގެންނެވެ. އެހެނަސް އެ ޖަމާޢާތުގެ ބޮޑެތި މަސްއޫލުވެރީންނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ދެމިގެންދާނެ ކަމަށް އެމެރިކާއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *