Support Us

ނޯރތްރޮޕް ގްރުމަން ކުންފުނިން ފަރުމާކުރަން ޚިޔާލު ކުރާ ހަނގުރާމަވެރި އުޅަނދެއްގެ ތަޞައްވުރެއް

އެމެރިކާއަށް ޙަލާލު އެހެން ޤައުމުތަކަށް ޙަރާން

އެމެރިކާގެ ވާދަވެރި ޤައުމުތަކުން ޚާއްޞަކޮށް ޗައިނާއިން އުފައްދަމުން ގެންދާ ލޭޒަރު ހަތިޔާރާ އިދިކޮޅު މައިތިރި ލޭޒަރު ހަތިޔާރެއް އުފައްދަން އެމެރިކާއިން މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ބުނަން ފަށައިފިއެވެ. މި މަސައްކަތުގައި ޕެންޓަގަނަށް ދެވިފައި ވަނީ ކިހާ ހިސާބަކަށް ހެއްޔެވެ؟

ދެހާސް ނަވާރަ ވަނަ އަހަރު ޕެންޓަގަނުން ހާމަކުރި ރިޕޯޓެއް ބުނާގޮތުގައި އެމެރިކާގެ ކަނޑުގެ ބާރުތަކުން ގެންގުޅޭ ލޭޒަރު ހަތިޔާރުގެ ނިޒާމާ ވަރަށް އެއްގޮތް ލޭޒަރު ހަތިޔާރުގެ ފަންނީ ނިޒާމެއް ޗައިނާގެ ކަނޑުގެ ޢަސްކަރިއްޔާއިން ތަޖްރިބާކޮށްފައި ވެއެވެ. އެއީ (ޓޭންކާއި އާޓިލަރީ ހަތިޔާރުތައް ފަދަ) އެއްގަމުގެ ހަތިޔާރުތަކާއި (ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި  މިސައިލް ފަދަ) ޖައްވީ ހަތިޔާރުތަކުގެ ދިފާޢީ ނިޒާމެއް ކަމަށް ޕެންޓަގަންގެ ރިޕޯޓް ބުނެއެވެ. އެމެރިކާއިން ދަނީ 2014ން ފެށިގެން މި ބާވަތުގެ ހަތިޔާރު ތަރައްޤީ ކުރަމުންނެވެ.

އެމެރިކާގެ ލޭޒަރު ބޮޑު ބަޑިއެއް

ޗައިނާގެ ލޭޒަރު ހަތިޔާރުގެ ކޮޕީއެއް ޗައިނާގެ ރަސްމީ ޓީވީން ވަނީ ދުރަށް ދައްކައިފައެވެ. މި ޓީވީން ދުރަށް ދެއްކި ކޮޕީގައި އެއްގަމު އުޅަނދެއްގެ މަތީގައި ހަރުކޮށްފައިވާ ލޭޒަރު ނިޒާމެއް ދުރަށް ދައްކާފައި ވެއެވެ. އެއީ އެއްގަމާއި ކަނޑުގައި ބޭނުންކުރެވިދާނެ ނިޒާމެއް ކަމަށް އެމެރިކާއިން ބުންޏެވެ. އަދި މި ނިޒާމު މިސައިލާއި ހަނގުރާމަމަތީ މަތިންދާބޯޓު ފަހަރާ ދެކޮޅަށް ވެސް ބޭނުންކުރެވިދާނެ ކަމަށް އެމެރިކާއިން ބުންޏެވެ. ޗައިނާގެ ބަޔާންތައް ބުނެފައިވާ ގޮތުގައި ޗައިނާގެ ކަނޑުގެ ހަނގުރާމަމަތީ ބޯޓުތަކުގައި މި ނިޒާމު ބެހެއްޓޭނެއެވެ. އެއީ މިހާރު ބޭނުންކުރާ ބިމުން ޖައްވަށް ފޮނުވާ HHQ-10 ނިޒާމުގެ މިސައިލްގެ ބަދަލުގައެވެ. ދެހާސް އަށާރަ ވަނަ އަހަރު މީސްމީޑިއާގައި ފަތުރާފައިވާ ޗައިނާގެ ފޮޓޯތަކެއް  ދައްކާގޮތުގައި ޗައިނާއިން ދަނީ ވަރަށް ވަރުގަދަ ލޭޒަރު ބޮޑު ބަޑިއެއް ތަރައްޤީ ކުރަމުންނެވެ. އެއީ ބިމުން ބިމަށާއި ބިމުން ޖައްވަށް ޙަމަލާދިނުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. މިއީ އެމެރިކާގެ ކޮޕީއާ ވަރަށް އެއްގޮތް ބަޑިއެއް ކަމަށް އެމެރިކާއިން ބުނެއެވެ.

ލޭޒަރު ހަތިޔާރަށް އެދޭ އެދުން ދަނީ އިތުރުވަމުން

އެމެރިކާގެ  The National Interest މަޖައްލާ ބުނާގޮތުގައި ހަނގުރާމަމަތީ ލޭޒަރު ހަތިޔާރު ގަތުމަށް އެދޭއެދުން ދުނިޔޭގައި  އިތުރުވަމުންދާތީ އެމެރިކާއިން މިހާރު ވަނީ ލޭޒަރު ހަތިޔާރާ އިދިކޮޅު މައިތިރި ހަތިޔާރެއް އުފެއްދުމުގެ މަސައްކަތް ފަށައިފައެވެ. މި މަޖައްލާ ބުނާގޮތުގައި މަތީ ދަރަޖައިގެ ލޭޒަރު ހަކަތައިން އުފެއްދޭ ހަތިޔާރުން ހެދި ހަނދުތައް ވައްޓައިލައި ހަލާކުކޮށްލެވިދާނެތީ އެމެރިކާއިން މި ކަމާ ވަރަށް ކަންބޮޑުވެއެވެ. މި ހަތިޔާރަކީ މަތިންދާބޯޓަށާއި އުޅަނދުތަކަށް ދުރުގައި ހުރެގެން ޙަމަލަދީ ހަލާކުކޮށް ފުޑުފުޑުކޮށްލުމުގެ ޤާބިލުކަން ލިބިގެންވާ ހަތިޔާރެކެވެ. އަދި މިފަދަ ހަތިޔާރުންނަށް މީހުންނަށް އަމާޒުކޮށްވެސް ޙަމަލާދެވިދާނެއެވެ.

އެމެރިކާއާ ޖަރްމަން ގުޅިގެން އެ ޤައުމުގެ ކަނޑުގެ ޢަސްކަރިއްޔާގައި ބޭނުން ކުރުމަށް ޓަކައި ލޭޒަރު ބޮޑު ބަޑިއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އަދި ރަޝިޔާއިން އެ ޤައުމުގެ ހަނގުރާމަމަތީ ބޯޓުތަކުގައި ބޭނުން ކުރުމަށް ޓަކައި ދެވަނަ ޖީލުގެ ލޭޒަރު ބަޑިއެއް ވަރަށް އަވަހަށް އުފައްދާނެ ކަމަށް އެމެރިކާއިން ބުނެއެވެ. އެމެރިކާ ބުނާގޮތުގައި 2022 ވަނަ އަހަރު އެމެރިކާއިން ސްޓްރައިކަރ މަރުކާގެ އާޓިލަރީ އުޅަނދުތަކުގައި ބޭނުން ކުރުމަށް ލޭޒަރު ހަތިޔާރު ބެހެއްޓޭނެއެވެ.

ލޭޒަރު ހަތިޔާރު ބަހައްޓާފައިވާ އެމެރިކާގެ އާޓިލަރީ އުޅަނދެއްގެ ފަރުމާ

ދިފާޢީ ހަތިޔާރު ތަރައްޤީ ކުރުމާބެހޭ މަޝްރޫޢުތައް ހިންގާ ބަލަހައްޓާ އެމެރިކާގެ އޭޖެންސީ ނުވަތަ  Defense Advanced Research Projects Agency ބުނާގޮތުގައި ލޭޒަރު ހަތިޔާރާ އިދިކޮޅު މައިތިރި ނިޒާމެއް އުފެއްދުމުގެ މަސައްކަތް އެމެރިކާއިން މިހާރު ވަނީ ފަށައިފައެވެ. މި އޭޖެންސީ ބުނާގޮތުގައި އެމެރިކާގެ ދުޝްމަނުންގެ އަތުގައި ހުރި މި ބާވަތުގެ ހަތިޔާރުތައް ހަލާކުކޮށްލުމުގެ ޤާބިލުކަން އެމެރިކާ ހޯދަން ޖެހޭނެއެވެ. ލޭޒަރު ހަތިޔާރަކީ އޭގެ ސައިޒު ކުޑަކޮށްގެން ވަރަށް ފަސޭހައިން އެއްތަނުން އަނެއް ތަނަށް ނަޤްލު ކުރެވިދާނެ ހަތިޔާރެއް ކަމަށް މި އޭޖެންސީން ބުނެއެވެ.

ލޭޒަރު ހަތިޔާރާ އިދިކޮޅު ހަތިޔާރު އުފައްދަން އެމެރިކާ މަސައްކަތް ކުރުން

ޑީއޭއާރްޕީ ބުނާގޮތުގައި މި އޭޖެންސީން މިހާރު މަސައްކަތް ކުރަމުން ދަނީ މަތީ ހަކަތައިގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިފާޢީ ނިޒާމެއް އުފެއްދުމަށެވެ. މި ނިޒާމުގެ ސަބަބުން ލޭޒަރު ހަތިޔާރުގެ ޙަމަލާތައް އަވަހަށް ދެނެގަނެވޭނެއެވެ. އެއަށްފަހު މި ހަތިޔާރުގެ ޖޯގްރަފީ މަޞްދަރު ކަނޑައެޅޭނެއެވެ. ތިންވަނަ ފިޔަވަޅަކަށް ވާނީ މި ޙަމަލާ ހުއްޓުވައިލުމެވެ. ނުވަތަ އެ ޙަމަލާއަށް ހުރަސްއަޅައި ހަލާކުކޮށްލުމެވެ. ޑީއޭއާރްޕީ ން މަސައްކަތް ކުރަމުންދަނީ މި ތިން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ދިފާޢީ ފުރިހަމަ ނިޒާމެއް އުފެއްދުމަށެވެ. ދުޝްމަނު ފަރާތަށް ޙަމަލާއެއް ދިނުމަށް ފުރުޞަތު ތަނަވަސްވުމުގެ ކުރިން އެމެރިކާގެ މި ދިފާޢީ ނިޒާމުން އެ ޙަމަލާއަށް ފާރަލައި އެ ހަތިޔާރުގެ މަޞްދަރަށް ހަމަލާދީ ހަލާކުކޮށްލާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *