Support Us

ޑަބްލިޔޫ.އެޗް.އޯ.ގެ ޑިރެކްޓަރ ޖެނެރަލް

ޑަބްލިޔޫ.އެޗް.އޯގެ ރިޕޯޓު އެމެރިކާއަށް ކަމަކު ނުދިޔަ

އެމެރިކާއަކީ އެމެރިކާއެވެ. ވެރިކަން ބަދަލު ވިޔަސް އެވެރީންގެ ސިޔާސަތަކަށް ބަދަލެއް ނާންނާނެއެވެ. އެންމެ ފަހުން ރައީސް ކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕާއި މިހާރުގެ ރައީސް ޖޯސެފް ބައިޑްންގެ މިޒާޖުގައި ތަފާތުތަކެއް ހުއްޓަސް އަދި ސިޔާސަތު އެއް ގޮތް ނުވިޔަސް ޤައުމީ ކަންކަމުގައި ގެންގުޅޭ ސިޔާސަތަކަށް ބަދަލެއް ނާދެއެވެ. ވެރިކަން ބަދަލުވިޔަސް ހަތުރުންނާއި މިތުރުން ތަފާތެއް ނުވެއެވެ. ވާދަވެރީންނާއި އިތުބާރުކުރާ މީހުންނަކީ ވެސް ހަމަ، އެއް ބަޔެކެވެ. މި ސިޔާސަތުގެ ދަށުން ސީނުކަރައާ މެދު އެމެރިކާއިން ގެންގުޅޭ ޝައްކާއި ވަހުމަކަށް ވެސް ބަދަލެއް ނާދެއެވެ. ދާދި ފަހުން ސީނުކަރައަށް ގޮސް ޑަބްލިޔޫއެޗްއޯގެ ފަންނީ މާހިރުންގެ ޓީމަކުން ކުރި ތަޙުޤީޤުގެ ނިހާއީ ރިޕޯޓަށް ސީނުން ނުފޫޒު ފޯރުވައިފައިވާ ކަމަށް ތުހުމަތުކުރުމުން ވެސް މި ކަން ހާމަވެއެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު މި ދިޔަ ހޮނިހިރު ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ޑަބްލިޔޫ.އެޗް.އޯ ރިޕޯޓަށް ސީނު ސަރުކާރުން ނުފޫޒު ފޯރުވައި، ސީނުން ބޭނުންވާ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެމެރިކާއަށް މައްސަލައަކަށްވީ ދުނިޔޭގެ 10 ޤައުމެއްގެ ސައެންސީންގެ ޓީމަކުން ކުރި ތަޙުޤީޤީ ދިރާސާ ރިޕޯޓުގައި ކޮރޯނާ ވައިރަހަކީ ސީނުކަރައިގެ ލެބޯރެޓަރީއަކުން ލީކުވި އެއްޗަކަށްވާނެ އެއްވެސް ފުރުޞަތެއް ނެތްކަން ހާމަކޮށްފައިވާތީއެވެ. އެމެރިކާ ބޭނުންވަނީ ޓްރަމްޕް ސަރުކާޜުން ތުހުމަތުކުރި ގޮތަށް ކޮރޯނާއަކީ ސީނުން އުފެއްދި އެއްޗެއްކަމަށް ޑަބްލިޔޫ.އެޗް.އޯގެ ޓީމުން އިޢުލާނުކުރާންކަމަށް ވެދާނެއެވެ. އެމެރިކާ ބޭނުންވާ ފަދަ ނަތީޖާއެއް އާންމުކުރި ނަމަ އެ ރިޕޯޓަކީ ވަރަށް އިތުބާރު ހުރި ޢިލްމީ ރިޕޯޓެއްކަމަށް އެމެރިކާއިން ބުނީހެވެ. އެހެންނަމަވެސް ޖަނަވަރީ 14 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފުތާ ވަންދެން ޑަބްލިޔޫ.އެޗް.އޯ މާހިރުންގެ ޓީމުން ކުރި ދިރާސާގެ ނަތީޖާ ހާމަކުރީ ވެސް ޢާންމު ނޫސް ކޮންފަރެންސެއްގައި އެ ޓީމުގެ ފަރާތުން ފެބުރުވަރީ މަހު ނުވަވަނަ ދުވަހުއެވެ. ތަފާތު 10 ގައުމެއްގެ މާހިރުން އެކުލެވޭ ޓީމަކުންނެވެ.

އެމެރިކާއިން ކުރި މި ދެންނެވި ތުހުމަތުތަކާ ގުޅިގެން ޑަބްލިޔޫ.އެޗް.އޯގެ ޑިރެކްޓަރޖެނެރަލް ޓެޑްރޯސް އެދްހަނޯމް ގެބްރެޔޭސަސް ވިދާޅުވެފައިވަނީ ކޮވިޑް19 ދުނިޔެއަށް ތަޢާރުފުވީ ގޮތާ މެދު އެކި ފަރާތްތަކުން ހާމަކޮށްފައިވާ ސާބިތު ނުވާ ފަތުވާތައް (ހައިޕޮތޭސިސް) ބަލައި ތަހުގީގުކުރުމުގެ ދޮރު އަދިވެސް ހުޅުވިފައިވާ ކަމަށެވެ.

ކޮވިޑްގެ ހަގީގަތް ހޯދުމަށް ޓަކައި ތަހުގީގުކޮށް ދިރާސާކުރުމުގެ މަސައްކަތުގައި ސީނުކަރައިގައި ޑަބްލިޔޫ.އެޗް.އޯ.ގެ މާހިރުން ހަތަރު ހަފުތާ ހޭދަކުރުމަށްފަހު ނެރުނު ރިޕޯޓުގައިވަނީ، ކޮރޯނާ ވައިރަހަކީ ސީނު ލެޕޯރެޓަރީއަކުން ދޫވެފައިވާ ވައިރަހެއް ކަމަށް ވުމުގެ ފުރުޞަތެއް ނެތް ކަމަށާއި އެއީ އެއްވެސް އަސާސެއް ނެތް، އުފައްދައިފައިވާ، ތުހުމަތެއް ކަމަށެވެ.

ޓްރަމްޕް ސަރުކާރުން ތުހުމަތުކޮށްފައިވަނީ، ކޮރޯނާ ވައިރަހަކީ ސީނުކަރައިގެ ލެބޯރެޓަރީއަކުން ރެކިގަނެގެން ސަލާމަތްވެ ދުނިޔެއަށް ފެތުރުނު ވައިރަހެއް ކަމަށެވެ. ނަމަވެސް މި ކަމަށް ސީނު ސަރުކާރުން ވަރަށް ވަރުގަދައަށް އޭރު ވެސް ރައްދުދީ އިންކާރުކޮށްފައިވެއެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން މި ދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑަބްލިޔޫ އެޗްއޯއިން ވަކިވާން ޓްރަމްޕް ނިންމެވި ނިންމެވުން ބަދަލުކޮށް އަލުން އެ ޖަމުޢިއްޔާގައި ބައިވެރިވާން ރައީސް ޖޯ ބައިޑްން ނިންމެވީ އެ ޖަމުޢިއްޔާގެ އިތުބާރާއި އިޙުތިރާމް ރައްކާތެރިކުރާން "ބާރުއެޅުމަށް ޓަކައި" ކަމަށެވެ. "އަލުން ޑަބްލިޔޫ.އެޗް.އޯގައި ބައިވެރިވުމުގެ މާނައަކީ އެ ޖަމުޢިއްޔާގެ އެންމެ މަތީފެންވަރުގެ ފެންވަރު ނުވަތަ ރުހިވަރުތައް (ހަޔަސްޓް ސްޓޭންޑަރޑްސް) ހިފެހެއްޓުމެވެ." އޭނާ އިތުރަށް ހާމަކުރެއްވިއެވެ. "ކޮވިޑްގެ ތަހުގީގުގެ ހޯދުންތައް ހޯދި ގޮތާއި އެ ކަމަށް ވާޞިލުވުމަށް ޓަކައި ސުވާލުކުރި ގޮތާއި މުޢާމަލާތުކުރި ގޮތާއި އެ ކަން ކުރި އިޖުރާއާތުތަކާ މެދު އަހަރެމެންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުއްޓެވެ."

ޖޯ ބައިޑްން، އެ މަނިކުފާނުގެ ރައީސްކަމުގެ ފުރަތަމަ ހަފުތާ ބަންދުގެ ޗުއްޓީ، ކޭމްޕް ޑޭވިޑްގައި ހޭދަކުރެއްވުމަފަހު އިއްޔެ ވަނީ އެ މަނިކުފާނުގެ ޤައުމީ ސަލާމަތީ މުޝީރުންނާ ބައްދަލުކުރައްވައިފައެވެ.

ޑަބްލިޔޫ.އެޗް.އޯގެ މުޙައްޤިޤުންގެ ތެރެއިން ނަން ހާމަކުރާން ނޭދޭ މާހިރަކާ ޙަވާލާދީ "ދަ ވޯލް ސްޓްރީޓް ޖާރނަލް"ގައި މި ދިޔަ ހުކުރު ދުވަހު ލިޔެފައިވާ ޚަބަރެއްގައި ވަނީ ކޮވިޑް19ގެ ކުރީގެ ވޭދަނަތަކާ ބެހޭ ތާޒާ އަދި ޒާތީ ޑޭޓާތައް ޑަބްލިޔޫއެޗްއޯ ޓީމަށް ފޯރުކޮށްދޭން ސީނު ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޑަބްލިޔޫއެޗްއޯ ޓީމުން ނެރުނު ރިޕޯޓުގައި މި ވާހަކަ ބަޔާންކޮށްފައެއް ނެތެވެ. ސީނަށް އެއްވެސް ތހުމަތެއް ކޮށްފައެއް ނުވެއެވެ.

"ސީނުކަރައިން ބަދަލު ގެނައުންތަކުންނާއި އިޞްލާހުތަކުން ތަޖުރިބާކާރުންގެ ހޯދުންތަކުގެ ރިޕޯޓު މިނިވަންވެފައި ނުވާނަމަ އެއީ ސީނުކަރައިގެ ނުފޫޒު އެއަށް ފޯރައިފައިވަނީ" ކަމަށް ސަލިވަން ވިދާޅުވިއެވެ. "މި ޢާލަމީވަބާއާއި ދެން ކުރިމަތިވެދާނެ މި ފަދަ ބަލިމަޑުކަމެއް ރަނގަޅަށް ދެނެގަތުމަށް ޓަކައި، ކޮވިޑް19ގެ ކުރީކޮޅުގެ ޑޭޓާތައް ސީނު ސަރުކާރުން ހާމަކުރާންޖެހޭނެއެވެ."

"ޞިއްޙީ ކުއްލި ޙާލަތްތަކަށް އިޖާބަދިނުމަށް ޓަކައްޔާއި ރައްކާތެރި ފިޔަވަޅުތައް އަޅާން މަގުފަހިކުރުމުގެ ގޮތުން ސީނުކަރަ ވެސް ހިމެނޭހެން، ދުނިޔޭގެ ހުރިހައި ޤައުމަކުން ވެސް މި މަސައްކަތުގައި އިޚުލާޞްތެރި ނިޔަތެއްގައި ހާމަކަން ބޮޑު ގޮތެއްގައި ބައިވެރިވާން ޖެހޭނެއެވެ." ސަލިވާން އިތުރަށް ވިދާޅުވިއެވެ.

މިއީ އެމެރިކާއާއި ހުޅަނގު ޤައުމުތަކުގެ އަދި މި ޒަމާނުގައި ގިނަ ޤައުމުތަކުން ވެސް އަދި ޚުދު ދިވެހި ރާއްޖެއިން ވެސް ފެންނަ ކަމެކެވެ. އެ ބަޔަކު އިންސާފެއް ކަމަށް ދެކެނީ އެ ބަޔަކަށް ފަހިވާ ގޮތަށް ނުވަތަ އެ ބަޔަކު އެދޭ ގޮތަކަށް ކަމެއް ހިނގައިފި ނަމައެވެ. އެއީ ކިތަންމެ ބޭއިންސާފު ޚުދުމުޚުތާރު ޢަމަލެއް ނަމަވެސް އެއީ އިންސާފު ކަމަށް އަޑު އުފުލާނެއެވެ. ނަމަވެސް އެ ބަޔަކު ބޭނުން ނުވާ ގޮތަކަށް ކަމެއް ނިމިއްޖެ ނަމަ، އެއީ ކިތަންމެ އިންސާފުން ހާމަކަން ބޮޑު ގޮތެއްގައި ކުރި ކަމެއް ނަމަވެސް އެއީ ބޭ އިންސާފުކަމަށް ބުނެ އެކަމާ ދެކޮޅު ހަދާނެއެވެ.

ސީނުކަރައާ މާ ބޮޑު ގުޅުމެއް ނެތް ހުޅަނގުގެ ޤައުމުތަކާއެކު 10 ޤައުމެއްގެ ސައެންސީ ތަޖުރިބާކާރުންގެ ޓީމަކުން ކުރި ޢިލްމީ ތަޙުޤީޤަކަށް ޗައިނާގެ ނުފޫޒު ފޯރުވުމަކީ ވަރަށް އެކަށީގެން ނުވާ ކަމެކެވެ. އެހެންނަމަ، އެ މީހުން އެކަން ހާމަކުރީހެވެ. ނަމަވެސް މި ފަހަރުގެ ތަހުޤީޤީ ރިޕޯޓުގެ ހޯދުންތައް، ޗައިނާ ކުށްވެރިވާ ގޮތަށް ޢިބާރާތްކުރެވިފައި ނެތުމުން އެ ޢިލްމީ ތަޖުރިބާކާރުންގެ ރިޕޯޓު އެމެރިކާއަކަށް ކަމަކު ނުދިޔައެވެ. އެއީ އެ މީހުން ބޭނުންވާ ފަދަ ނަތީޖާއެއް އެ ރިޕޯޓުން ހާމަނުކުރީމާ ކަމަށް ވެދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *