ޔާރުނެތްނަމަ ގާތުގައި ލޯބީގެ އިޙްސާސެއް ނުވީސް
ފާރުވީ ހިތް މޭތެރޭ އޮވެ ތެޅުނަކަސް ދިރުމެއް ނުވީސް
ބަލިހިތަށްވަދެ ތިޔަ އަތުން ދިއްލާ ނުދިންނަމަ ހުޅުކޮޅެއް
އަލިކަމެއް ނެތް އަނދިރި ރޭތައް އަދު ހަޔާތާ ވަކިނުވީސް
ހަރުހަވެތި މިތުރާގެ ދެއަތުން، ފުހެ ނުދިންނަމަ ރުއިރުއިން
ކަރުނަތައް ހިބައެއްކަމަށް ބުނެ މި ދެލޮލާ ވެސް ދުރުނުވީސް
މަޑުމަޑުން ސާލެއް ތަޞައްލީ، ނުފަތުރާ ދިޔަނަމަ ދުރަށް
ފަނޑު ނުވާ ޒަޚަމުން ހިތަށް އަދު ރޭ ދުވާލެއް ވަކިނުވީސް
މިތުރު ލޯބިން ހިތުގެ ވޭނަށް ނުކުރިނަމަ ފަރުވާ މިއަދު
ހިތުގެ ތެޅުމާ، އޭގެ ލަހުޖާ އާ ހިތާ ގުޅުމެއް ނުވީސް
މަރުހަމެއް މިތުރާގެ ދެއަތުން، ނޭޅިނަމައީ ޒަޚަމުގައި
މަރުވަމުންދާ ބަލި ހިތަށް ވިންދެއްގެ އިހްސާސެއް ނުވީސް
ހެޔޮހިތުން ފޮނުވާ ޢަބީރީ ހުވަނދު މިހިތާ ނުމެހިނަމަ
ހިޔައަހަރު ވިޔަކަސް މިހިތުގައި ހަމަޖެހުން ޤާއިމްނުވީސް