Support Us

ކޮރޯނާ ވައިރަހަކީ ސީނު ލެބޯޓަރީއަކުން ލީކުވި އެއްޗެއް ނޫން: ޑަބްލިޔޫއެޗްއޯ

ކޮރޯނާ ވައިރަހަކީ ވާލާއި މީދާ ފަދަ ވަލު ޖަނަވާރެއްގެ ވާސިޠާއިން އިންސާނުންނަށް ނަގުލުވި ވައިރަހެއް ކަމަށް ވެދާނެކަން ހާމަކޮށް، އެއީ ސީނުކަރައިގެ ލެބޯޓަރީއަކުން ލީކުވި ވައިރަހެއް ކަމަށް ބުނާ ތިއަރީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔޫ.އެޗު.އޯ)ގެ މާހިރުންގެ ޓީމުން ވަރަށް ވަރުގަދައަށް ދޮގުކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ފެބްރުވަރީމަހު ނުވަވަނަ ދުވަހު، ސީނުކަރައިގެ ވޫހާން ސިޓީގައި މި ޓީމުން ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ. މި ނޫސް ކޮންފަރެންސަކީ "ކޮވިޑް19″ ފެށުނީ ކިހިނެއްކަމާއި އޭގެ ހަގީގަތް ދެނެގަތުމަށް ޓަކައި، މި ދިޔަ ޖަނަވަރީ މަހު 14ގައި ސީނުކަރައަށް ދިޔަ ސައެންސީންގެ ޓީމުގެ މަސައްކަތް ނިންމައިލުމުގެ ގޮތުން ބޭއްވި ނޫސް ކޮންފަރެންސެކެވެ. މި ޓީމުގައި 10 ޤައުމެއްގެ ސައެންސީން ހިމެނެއެވެ.

ޑަބްލިޔޫ.އެޗް.އޯގެ ސައެންސީންގެ ޓީމުގައި ހިމެނިވަޑައިގަތް، (ޖަނަވާރުގެ ބަލިތަކާއި، ކާނާގެ ސަލާމަތްތެރިކަމާ ބެހޭ މާހިރެއް ކަމުގައިވާ،) ޕްރޮފެސަރ ޕީޓަރ ބެން އެމްބަރެކް ވިދާޅުވީ މި ވައިރަސް އިންސާނުންނަށް ވާޞިލުވެފައިވުން އެންމެ ގާތް ގޮތަކީ، "ޖަނަވާރެއް މެދުވެރިގެން" ކަމަށާއި "ނަމަވެސް މި ކަމަކީ އިތުރު ހޯދުންތަކާއި، ސީދާ މި ކަމަށް އަމާޒުކޮށްގެން  ޚާއްޞަ އަމާޒީ ދިރާސާއެއް ކުރާން ޖެހޭނެކަމެއް" ކަމަށެވެ.

އެމްބަރެކް އިތުރަށް ވިދާޅުވި ގޮތުގައި ގަނޑުކޮށްފައިވާ ކާބޯތަކެތީގެ ޒަރީއާއިން މި ވައިރަސް އިންސާނުންނަށް ނަގުލުވެފައިވުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ.

މި ބަލީގެ ވައިރަހުގެ ހަގީގަތްހޯދުމަށް ޓަކައި އެ ބަލި އެންމެ ފުރަތަމަ ދުނިޔެއަށް ތަޢާރަފުވި ސީނުކަރައިގެ ވޫހާން ސިޓީއަށް ވަޑައިގެން އެކަން ގާތުން ތަޙުޤީޤުކުރައްވައި ތަޙުލީލުކުރެއްވި އެކަމުގެ ފަންނީ މާހިރުންގެ ޓީމުގެ ހޯދުންތައް މިހާރު އާންމުކުރައްވައިފައިވާއިރު، މި ބަލީގެ ފުރަތަމަ ދުވަސްވަރާ ބެހޭ ގޮތުން ގަބޫލުކުރާ ގަބޫލުކުރުމަކަށް އަދި ވެސް ބަދަލެއް ނުގެންނަވައެވެ. އެހެންނަމަވެސް މި ގަބޫލުކުރުންތަކަށް އިތުރު ތަފްސީލުތަކެއް ވަނީ ދެއްވައިފައެވެ.

މި ބަލި ފެތުރުނުކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑްނަލްޑް ޓްރަމްޕާއި އޭނާގެ ސަރުކާރުގެ އޮފިޝަލުން އެއްވެސް ހެތްކެއް ނެތި ޢާންމުކޮށްފައިވާ ތިއަރީ ބުނެފައިވަނީ މި ވައިރަހަކީ ސީނުކަރައިގެ ލެބޯރެޓަރީއަކުން ލީކުވެގެން ފެތުރުނު ވައިރަހަކުން ޖެހުނު ބައްޔެއް ކަމުގައެވެ. އެކަމަކު ޑަބްލިޔޫ.އެޗް.އޯ ޓީމުން ޔަގީން ކަމާއެކު ހާމަކޮށްފައިވަނީ އެ ތުހުމަތަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ތުހުމަތެއް ނޫންކަމަށާއި އެއީ އެއް ގޮތަކަށް ވެސް އެކަށީގެންވާ ކަމެއް ނޫންކަމުގައެވެ. ޓްރަމްޕް ސަރުކާރުން މި ކަމުގައި އިނގިލި ދިއްކުރި އެންމެ އިސް ތަނަކީ ސީނުކަރައިގެ "ދަ ވޫހާން އިންސްޓިޓިޔުޓް އޮފް ވައިރޮލޮޖީ"އަކީ ވައިރަހާ ބެހޭ ކަންކަން ދިރާސާކުރާ މައި އިދާރާ ކަމަށް ވިޔަސް މި ތަނުން އޮޅުމަކުން ނަމަވެސް، ގަސްތުގައި ނަމަވެސް މި ފަދަ ލީކެއްވުމަކީ އެއް ގޮތަކަށް ވެސް އެކަށީގެންވާ ކަމެއް ނޫންކަމުގައެވެ. އަދި މި ކަމާ ބެހޭ ގޮތުން ދިރާސާއެއް މި ތާނގައި ކުރާކަށް ލަފައެއް ވެސް ނުދެއްވާކަމަށް ޓީމުގެ ވެރިޔާ އެމްބަރެކް ވިދާޅުވިއެވެ. އެހެންނަމަވެސް ޓީމުގެ އެހެން  އެހެން ސައެންސީއެއް ކަމަށްވާ ތެއާ ކޮއެލްސަން ފިޝަރ ވިދާޅުވީ އޭގެ މާނައަކީ އާ ރޮނގަމުން އިތުރު ތަޙުޤީޤެއްކުރުމުގެ ފުރުޞަތު މުޅީން ބަންދުވީކީ ނޫންކަމަށެވެ.

ކޮވިޑަކީ ސީނުކަރައިގެ ލެބޯޓަރީއަކުން ލީކުވި ބައްޔެއް ކަމަށް ޓްރަމްޕް އާންމުކުރި ތިއަރީއަށް މީގެ ކުރީން ވެސް ސީނު ސަރުކާރުން ވަނީ ވަރަށް ވަރުގަދައަށް އިންކާރުކޮށް ރައްދު ދީފައެވެ. މި ބަލި ފެތުރިދާނެ ގޮތެއްކަމަށް ލަފާކުރާ ކިތަންމެ ތިއަރީއެއް ސީނުކަރައާއި ބޭރުގެ ފަންނީ މާހިރުންވަނީ ޢާންމުކޮށްފައެވެ.

ޢަބްލިޔޫ.އެޗް.އޯގެ ސައެންސީންގެ ޓީމުގެ ވެރިޔާ އެމްބަރެކް ވިދާޅުވީ މި ވައިރެސް ދުނިޔެއަށް ފެތުރުނީ ވާލުގެ ޒަރީޢާއިން ނުވަތަ އެހެންވެސް ވަލު ޖަނަވާރެއްގެ ޒަރީޢާއިން އިންސާނަކަށް ނަގުލުވެގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް މި ވާހަކައިގެ ހަގީގަތް ސާފުކުރުމަށް އިތުރު ތަޙުޤީޤުތަކަކަށް ބޭނުންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިކަން މިހެން އޮތް އިރު، ސީނުކަރައިގެ ލެބޯރެޓަރީއަކުން ލީކުވި އެއްޗެއް ކަމުގެ ފުރުޞަތު އެއްގޮތަކަށް ވެސް ނެތްކަމަށް ޔަގީންކަމާއެކު ވިދާޅުވާން އެނގިވަޑައިގަތީ ކިހިނެއްތޯ ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި އެމްބަރެކް ވިދާޅުވީ ވީހާން އިންސްޓިޓިޔުޓްގެ ލެބާއި އެތާނގެ މަސައްކަތުގެ ނިޒާމާއި މި ހުރިހާ ކަމެއް އެ ބޭފުޅުން ވަރަށް ރަނގަޅަށް ތަޙުލީލުކުރި ކަމަށާއި އެ ތަނުން އެއްވެސް ވައިރަހެއް ދޫވުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ. މި ތިއަރީއާ އެއްކޮޅަށް އަދި ދެކޮޅަށް ހާމަކޮށްފައި ހުރި ހުރިހާ ކަންކަމެއް ދިރާސާކުރި ކަމަށެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި މި ޢާލަމީ ވަބާގެ ކުރީން މި ފަދަ އެއްވެސް ވައިރަހެއް މީގެ ކުރީން އަދި މިހާރު ވެސް އެއްވެސް ލެބޯޓްރީއެއްގައި ހުރިކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ. ސީނުކަރައިގެ ފަރާތުން މި ޓީމުގައި ހިމެނިވަޑައިގަތް ސައެއްސީއެއްކަމަށްވާ ލިއަން ވަންނިއަން ޔަގީންކަން ދެއްވި ގޮތުގައި އެ ބާވަތުގެ ވައިރަހެއްގެ ސުންކެއް ދުވަހަކު ވެސް ވޫހާން އިންސްޓިޓިޔުޓްގައެއް ނުވެއެވެ.

ވައިރަހުގެ އަޞްލު އައި ކަމަށް މިހާރު ގަބޫލުކުރެވިފައިވަނީ މީދަލުން ނުވަތަ ވާލެއް ފަދަ ވަލު ޖަނަވާރަކުން އިންސާނަކަށް ވާޞިލުވެގެން ނުވަތަ ގަނޑުކޮށްފައިވާ ކާބޯތަކެތީގެ ވަސީލަތުންކަމަށްވާތީ، ސައެންސީންގެ ޓީމުން މިހާރު ދެކެނީ މި ވައިރަސް އައި ގޮތް ދެނެގަތުމަށް ޓަކައި މި މަގުން އިތުރު ތަޙުލީލެއް ކުރާންޖެހޭ ކަމަށެވެ.

ކޮރޯނާ ވައިރަހުގެ ހަގީގަތް ދެނެގަތުމަށްޓަކައި ޑަބްލިޔޫ.އެޗް.އޯ. ޓީމު ސީނުކަރައަށް ޒިޔާރަތްކުރުމަކީ ސީނު ސަރުކާރަށް ވަރަށް ޙައްސާސް މައްސަލައެކެވެ. އެހެނީ މި ކަމާ ބެހޭ ގޮތުން އެކި ފަރާތްތަކުން ޚާއްޞަކޮށް އެމެރިކާގެ ކުރީގެ ސަރުކާރުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާތީއެވެ. މި ބަލި ފުރަތަމަ ފެށިގަތް އިރު، މިކަން ދިރާސާކުރުމުގެ ފުރުޞަތު ހަނިކޮށް، ރިޕޯޓަރުންނާ ވާހަކަދެއްކުން ވެސް ސައެންސީންނަށް މާނާކޮށްފައި އޮތް ކަމަށް އަޑުފެތުރިފައިވެއެވެ.

އެހެންނަމަވެސް ޑަބްލިޔޫ.އެޗް.އޯ ޓީމުގައި ހިމެނިވަޑައިގަތް ޖަނަވާރުތަކާބެހޭ ޢިލްމުވެރިއެއް ކަމަށްވާ، ޕީޓަރ ޑޭސްޑެކް މި ދިޔަ ހަފުތާގައި ހާމަކޮށްފައިވަނީ އެ ޓީމުން އެދުނު ކޮންމެ ކަމެއް ސީނުން ފަހިކޮށްދިން ކަމަށާއި އެކަމަށް ޓަކައި އެމީހުން އުފާކޮށް ޝުކުރުވެރިވާ ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރީން އެތައް ފަހަރަކު ތުހުމަތުކޮށްފައިވާ ގޮތުގައި ކޮރޯނާ ވައިރަހަކީ ސީނުކަރައިގެ ލެބޯރެޓަރީއަކުން ބޭރުވި ވައިރެކެވެ. އެހެންނަމަވެސް ދުނިޔޭގެ 10 ޤައުމެއްގެ ސައެންސީންގެ ޓީމަކުން ކުރި ތަޙުޤީޤީ ދިރާސާއަކުން މިއަދު މިވަނީ، ކޮރޯނާ ވައިރަހަކީ ސީނުކަރައިގެ ލެބޯރެޓަރީއަކުން ލީކުވި އެއްޗަކަށްވާނެ އެއްވެސް ފުރުޞަތެއް ނެތްކަން ހާމަވެފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި ސީނުކަރައިގެ ވޫހާން ސިޓީއިން ދުނިޔެއަށް ތަޢާރަފުވި ކޮރޯނާ ވައިރަކުން ޖެހުނު ކޮވިޑް19ގެ ސަބަބުން މިހާތަނަށް 106.5 މިލިއަން މީހުންނަށް ވަނީ ބަލިޖެހިފައެވެ. އަދި މުޅި ދުނިޔެއިން 2.3 މީހުން މި ބަލީގައި ވަނީ މި ދުނިޔެ ދޫކޮށްފައެވެ. އެމެރިކާއިން އެކަނި ވެސް ވަނީ މި ބަލީގެ 27 މިލިޔަން ވޭދަނަ ފާހަގަކުރެވި ހަތަރު ލައްކަ ފަސްދޮޅަސް ފަސް ހާސް މީހުން މި ދުނިޔެ ދޫކޮށްފައެވެ.

(މައުލޫމާތު: އޭޕީނިއުސް ވެބްސައިޓް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *