މަގޭ ހިތަކީ މަށަށް ބާރެއް ނުފޫޒެއް އޮތް ހިތެއްވެސް ނޫން
މަގޭ ހަށިގަނޑުތެރޭ އޮތަކަސް މަށާއި ބެހޭ ކަމެއްވެސް ނޫން
ހިތަށް ބޭނުން ކަމެއް އޮވެގެން އެހިތް އެކަމާ އުޅޭނަމަވެސް
ހިތުގެ ވެރިޔާ އަކަށް އެކަމެއް މަނާކުރެވޭ ކަމެއްވެސް ނޫން
ކަލާ ފަހަތުން ރޮމުން އާދޭސްކުރަން އަހުރެންގެ ހިތް ދުވަނީ
ކަލާ ހޯދަން އެހިތް ފޮނުވައި އެވާހަކަ ބުނެގެނެއް ވެސް ނޫން
ހިތަށް ހަމަ ފެންނަހާ ދަޅަޔަށް ހިތާއި ފުރާނަވެސް ދީގެން
އެހިތް އެގޮތަށް އުޅޭކަށް އަހުރެނަށް ރުހެވޭ ގޮތެއްވެސް ނޫން
ހިތެއް އަހުރެންގެ ހަށިގަނޑުގައި އެހެން އޮވެގެން ހަނާވިޔަކަސް
އެހިތް އެކުރާ ހިތާމަ އެއީ މަށެއް ދެނަހުރި ކަމެއްވެސް ނޫން
އެތައް ވަޢުދާއި ހުވައެއް ކޮށް ދެހިތް ދެހިތާ ބަދަލު ކޮށްފާ
އެކަން އެގޮތަށް އެހިނގަނީކީ މަށަށް އެނގިގެން ނަކުންވެސް ނޫން
ކަލާގެ ތި ޖާޒުބީ މޫނުގެ އަސަރުގައި ހިތް މަގޭ ޖެހުނީ
ކަލާ ފެނިގެން މަށަށް އަސަރެއް ކުރާތީ ބުނެގެނެއް ވެސް ނޫން
މިހިތް ރޮއެފާ ކަލާޔަށް އަތް ދިމާކުރަމުން ސަލާން ޖަހަނީ
އެހެން އުޅުމަށް އެއީ އަހަރެން ޚިޔާލު ކުރާގޮތެއް ވެސް ނޫން
ކަލާކައިރީ މަގޭހިތްގޮސް ރޮމުން އާދޭސް ކުރާތީ ވެސް
ކަލާޔަށް ދަތި ވިޔަސް އެއަކީ މަށެއް ފޮނުވައިގެނެއް ވެސް ނޫން
ހިތުގެ ރުއިމާއި ޙާލަތު ހިތުގެ ވެރިޔާއަށް އެނގޭ ނަމަވެސް
ހިތުގެ ވެރިޔާ އަކަށް އެކަމެއް މަނާ ކުރެވޭ ކަމެއްވެސް ނޫން
