އޭ ރޭތަކުގެ ވާރެޔާއެވެ.
ހުއްޓުމެއް ނެތި ތިޔަ ވެހެނީ ކީއްވެހެއްޔެވެ؟
ހަޔާތުގެ އުޑުން ހިއްލި ކޮޅިގަނޑު ބޯމަތިވެފައި ވަނީ އަހަރެންގެ ގިޔާމަތަށް ދާންދެން ހެއްޔެވެ؟
ވެހިވެހި ހުސްވުމެއް ނެތް ހެއްޔެވެ؟
އޭ ހަތަރުދަމުގެ ކަރުނަޔާއެވެ!
ބަރާވެފައި ދެލޮލުން އޮހިއޮހި ހުސްވާނީ ކޮން އިރަކުން ހެއްޔެވެ؟
ހިތާއި މޭ ކަޅިވެފައިވާ ލޭ މުޅި ފުރާނަޔާ ގުޅިފައި މިވަނީ އަހަރެންގެ ފަހު ނޭވާއާ ޖެހެންދެން ހެއްޔެވެ؟
އޭ ރޭތަކުގެ ވާރެޔާއެވެ!
އޭ ހަތަރު ދަމުގެ ކަރުނަޔާއެވެ!
ދައުރުވަމުން ދިޔަ ދުވަސްތަކު ހެނދުނާއި އެކި ދަންދަމަށް އެރި އިރާއި
އޮއްސުނު އިރާއި ރޭގަނޑުގެ އެކި ދަންދަމަށް އެކި އިރުވަރަށް ދިން ހަނދުވަރަށް އަދު މިވީ ކީއްހެއްޔެވެ؟
އޭ ރޭތަކުގެ ވާރެޔާއެވެ!
އޭ ހަތަރު ދަމުގެ ކަރުނަޔާއެވެ!
އޭ ހަނދާއެވެ؟ އުޖާލާ ހަނދުވަރުގެ ރޭތަކުގައި ވެސް ކަޅުފޮއިގައި އަހަރެން އުޅެން ތިޔަ ޖެއްސީ ކީއްވެހެއްޔެވެ؟
އޭ ރޭތަކުގެ ވާރެޔާއެވެ!
އޭ ހަތަރު ދަމުގެ ކަރުނަޔާއެވެ!