Support Us

ސްޓެލްކޯގެ ހުރިހާ ހިދުމަތެއް ދުނިޔެ ގަބޫލްކުރާ މިންގަނޑަށް ހުރިކަމުގެ ސެޓްފިކެޓް ހާސިލްކޮށްފި

ސްޓެލްކޯގެ ހުރިހާ ހިދުމަތެއް ދުނިޔެ ގަބޫލްކުރާ މިންގަނޑަށް ހުރިކަމުގެ ސެޓްފިކެޓް އެ ކުންފުނިން ހާސިލްކޮށްފިއެވެ.

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސަރޓިފިކޭޝަން ހާސިލްކުރުމުން ސްޓެލްކޯ ވެގެން ގޮސްފައި ވަނީ ހަކަތައާ ގުޅޭ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކުގެ ތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ޕްރޮސެސްތަކާއި ހިދުމަތްތައް ދުނިޔެ ގަބޫލްކުރާ މިންގަނޑަށް ހުރިކަމުގެ ސެޓްފިކެޓް ހޯދި ހަމައެކަނި ކުންފުންޏަށެވެ.

ސްޓެލްކޯއަށް އައިއެސްއޯ 9001:2015 ސެޓްފިކެޓް މި މަހު ތިނެއްގައި ދީފައި ވަނީ އިނގިރޭސިވިލާތުގެ އައިއެސްއޯ ކޮލިޓީ ސާވިސަސް ލިމިޓެޑުންނެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑެޑް ކަމަށްވާ އައިއެސްއޯގެ މިންގަނޑުތަކަކީ އެކިއެކި ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރަނގަޅު އަދި އެއް ފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކެކެވެ. އައިއެސްއޯ ސްޓޭންޑަޑްގެ ސެޓްފިކެޓް ދެނީ އެ ކުންފުންޏަކީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާންޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ.

މި ގޮތުން ސްޓެލްކޯއަށް އައިއެސްއޯ 9001:2015 ގެ ސެޓްފިކެޓް ދީފައި ވަނީ ކަރަންޓު އުފެއްދުމާއި ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި ފެން އުފެއްދުމާއި ފުޅީގައި ފެން ބަންދުކުރުމާއި ނަރުދަމާ އާއި ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާއި ސޯލާ ޕެނަލް ހަރުކުރުމާއި ވިއްކުމުގެ ފެންވަރަށް ބަލައިފައެވެ.

"ވަރަށް ބޮޑު ކާމިޔާބީއެއް އަޅުގަނޑުމެން މި ހޯދީ. ހާއްސަކޮށް، މުޅި ކުންފުނީގެ ހުރިހާ ކަމެއް، ކުންފުނީގެ އެތެރޭގައި ގެންގުޅޭ އުސޫލުތަކާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި އަދި މިނޫނަސް މުޅި ކުންފުނި އެކީ އެކައްޗަކަށް މުޅި ދުނިޔެ ބަލައިގަންނަ، ބައިނަލްއަގުވާމީ ސްޓޭންޑެޑަކަށް ގެންދެވުމަކީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާންޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެއް،" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވި އެވެ. "މި ފެންވަރަށް ކުންފުނި ގެންދެވިފައި ވަނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން. އެ މަސައްކަތްތައް ފާހަގަކޮށް ކުންފުނީގެ އެންމެހާ ހީވާގި މުވައްޒަފުންނަށް ޝުކުރު ދަންނަވަން. މީގެ އިތުރުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މިއަށްވުރެވެސް ފުރިހަމަކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެކަމުގެ ޔަގީންކަންވެސް އަރުވަން."

ފާއިތުވެދިޔަ ދެ އަހަރުތެރޭ ސްޓެލްކޯ އިން ވަނީ ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއްވެސް ހޯދައިފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި، ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔަރގެ އެވޯޑް ލިބިފައިވާއިރު، 2020 ވަނަ އަހަރު ބައިނަލް އަގުވާމީ ދެ އެވޯޑް ކަމަށްވާ، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ ޑުރީމް ކޮމްޕެނީސް ޓު ވޯކްފޯ އާއި، ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްވެސް ސްޓެލްކޯ އަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޣުނީއަށް ވަނީ "އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އެމާރޖިންގ ލީޑާރ އޮފް ދި އިޔަރ އެވޯޑް" ލިބިވަޑައިގެންފައެވެ.