Support Us

ސަޢޫދީގެ ބިން ޙިމާޔަތް ކޮށްދެއްވާނެ ކަމަށް ރައީސް ބައިޑްން ކަށަވެތިވެވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާއަށް ވާގިވެރިވާނެ ކަމަށާއި ސަޢޫދީ ޢަރަބިއްޔާގެ ބިންތައް ޙިމާޔަތްކޮށް އެ ޤައުމުގެ ސިޔާދަތު އެމެރިކާއިން ޙިމާޔަތް ކޮށްދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ބުރާސްފަތި ދުވަހު ކަށަވެތިވެ ވަޑައިގެންފިއެވެ.

ރައީސް ބައިޑްން މި ކަން އިޢުލާން ކުރެއްވީ ޔަމަނުގައި ހިނގަމުންދާ ޢުދްވާނީ ހުރިހާ ޢަމަލުތަކަށް އެމެރިކާއިން އެހީވުން ހުއްޓައިލުމަށް އަމުރު ކުރައްވާ ނެރުއްވި އިޢުލާނަށް ފަހުގައެވެ. އޭނާ ވިދާޅުވިގޮތުގައި ޔަމަނުގެ ހަނގުރާމަ ނިމުމަކަށް ގެންނަން ވެއްޖެއެވެ. ރައީސް ބައިޑްން މިހާރު ވަނީ ޔަމަނުގެ މަސްއަލަ ޙައްލު ކުރުމަށް ޓަކައި ޚާއްޞަ މަންދޫބަކު ޢައްޔަން ކުރައްވައިފައެވެ. ބައިޑްން ޢައްޔަން ކުރެއްވި މަންދޫބަކީ ޓިމް ލިންޑަރ ކިންގް އެވެ. ޔަމަނުގެ މަސްއަލައަށް ސިޔާސީ ޙައްލެއް ގެންނަން ޖެހިފައިވާ ކަމަށް ބައިޑްން ވިދާޅުވިއެވެ. ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން  އެޤައުމު ވަނީ އިންސާނީ ބޮޑު ކާރިސާއަކާ  ކުރިމަތިވެފައެވެ. ބައިޑްން ސިފަކުރެއްވި ގޮތުގައި ރިޔާޟަކީ އެމެރިކާގެ ވަރަށް މުހިއްމު ބައިވެރިއެކެވެ. ރިޔާޟާއެކު ގުޅުން ބަދަހި ކުރައްވަން އޭނާ މަސައްކަތް ކުރައްވާނެ ކަން ކަށަވަރުކޮށް ދެއްވިއެވެ.

ސުޢޫދީ ޢަރަބިއްޔާ އިން މަރްޙަބާ ކިޔާ

އަނެއްކޮޅުން ސުޢޫދީ ނޫސް އޭޖެންސީ ބުނާގޮތުގައި ރައީސް ބައިޑްންގެ ޚިޠާބުގައި އައިސްފައިވާ ސުޢޫދީ ޢަރަބިއްޔާއާ ބެހޭ ބަސްފުޅުތަކަށް ސަޢޫދީ ޢަރަބިއްޔާއިން މަރްޙަބާ ކިޔައެވެ. ސުޢޫދީ ޢަރަބިއްޔާއިން ބުނިގޮތުގައި އެ ޤައުމުގެ ސާބިތު ސިޔާސަތަކީ ޔަމަނުގެ މަސްއަލައަށް ޞުލްޙަވެރި ޙައްލެއް ގެނައުމަށް މަސައްކަތް ކުރުމެވެ. ޔަމަނުގެ މަސްއަލަ ސިޔާސީ ގޮތުން ޙައްލު ކުރުމަށް ވޮޝިންގްޓަނުން މަސައްކަތް ކުރުމަކީ ރިޔާޟު ވަރަށް އެދޭ ކަމެކެވެ. ސުޢޫދީ ޢަރަބިއްޔާގެ ޚާރިޖިއްޔާގެ ދައުލަތުގެ ވަޒީރު ޖުބައިރު މި ކަމަށް މަރްޙަބާ ވިދާޅުވަމުން އައްޝަރްޤުލް އައުސަޠު ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "ސިޔާސީ މަގުގައި މި މަސްއަލަ ކުރުމަށް ޓަކައި ސުޢޫދީ ޢަރަބިއްޔާއިން މުހިއްމު އެތައް ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އޭގެތެރޭގައި އދގެ އަމީން ޢާއްމުގެ ގޮވައިލެއްވުމަށް އިޖާބަ ދިނުމުގެ ގޮތުން ރިޔާޟުން މިހާރު ވަނީ އަމިއްލައަށް އެކަނިމާއެކަނި ހަނގުރާމަ ހުއްޓުން އިޢުލާންކޮށްފައެވެ. އދގެ ސަލާމަތީ މަޖިލީހުގެ 2216ވަނަ ޤަރާރާ އެއްގޮތްވާ ގޮތުގެ މަތިން  ޔަމަނުގެ މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް ރިޔާޟުން ވަނީ މަސައްކަތް ފަށައިފައެވެ." މި ކަމުގައި ރައީސް ބައިޑްންގެ ސަރުކާރާއެކު ސުޢޫދީ ޢަރަބިއްޔާ އެއްބާރުލާނެ ކަމަށް ޖުބައިރު ވިދާޅުވިއެވެ.

ސަރަޙައްދީ ގޮންޖެހުންތަކާއެކު މުޢާމަލާތު ކުރުމަށް ޓަކައި އެމެރިކާއާއެކު ވިލަރެސް ކުރުމުގައި ސުޢޫދީ ޢަރަބިއްޔާ ކުރިއަށް ދާނެކަމަށް ޖުބައިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މެދުއިރުމައްޗާއި ދުނިޔޭގައި އަމަން އަމާންކަމާއި ހަމަޖެހުން  ވަރގަދަ ކުރުމަށާއި،  ގުޅިފައިވާ މަޞްލަޙަތުތައް ޙިމާޔަތް ކުރުމަށާއި،  ތެލާއި މާލީ ބާޒާރަށް ހަމަޖެހުން ގެނައުމަށް ޓަކައި އެމެރިކާއާއެކު އެއްބާރުލުމާއި ވިލަރެސް ކުރުން ކުރިއަށް ދާނެއެވެ.

އެމެރިކާގެ ދައުރު

ޔަމަނުގައި ހޫޘީންނާއި ޔަމަނު ސަރުކާރާ ދެމެދުގައި ހިނގަމުން ދިޔަ ހަނގުރާމައިގެ ތެރެއަށް ސުޢޫދީ ޢަރަބިއްޔާއިން ވަނީ 2015 ގައެވެ. ސުޢޫދީ ޢަރަބިއްޔާއާއެކު އެކުވެރި ޢަރަބި އިމާރާތް ވެސް މި ހަނގުރާމައިގެ ތެރެއަށް ރިޔާޟަށް ވާގިވެރިވުމަށްޓަކައި ވަދެފައި ވެއެވެ. އެމެރިކާއިން ސުޢޫދީ ޢަރަބިއްޔާއަށާއި އިމާރާތުގެ ސިފައިންނަށް ހަތިޔާރު ދިނުމުގެ އިތުރަށް ޖާސޫސީ މަޢުލޫމާތު ދަނީ ޙިއްޞާ ކުރަމުންނެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފަހު ކޮޅުގައި އޭނާ ވަނީ ޙޫޘީންނަކީ ނިރުބަވެރި ޖަމާޢަތަކަށް ހައްދަވައިފައެވެ. މި ކަމާ ވިދިގެން  ޙޫޘީ ޒަޢީމުންނާ ދެކޮޅަށް އެމެރިކާއިން ވަނީ ފިޔަވަޅު އަޅަން ފަށައިފައެވެ. ރައީސް ބައިޑްން 22 ޖަނަވަރީ ގައި ވަނީ މި ޤަރާރު މުރާޖަޢާ ކުރައްވާނެކަން އިޢުލާން ކުރައްވައިފައެވެ.

އދން ބުނާގޮތުގައި އެމެރިކާއިން ޢަރަބި އެއްބާރުލުމަށް ހަތިޔާރު ދިނުމުގެ އިތުރަށް ޖާސޫސީ މަޢުލޫމާތާއި ލޮޖިސްޓިކް އެހީ ވެސް ދެއެވެ. މި ހަނގުރާމައިގެ ސަބަބުން ޔަމަނުގައި 233 ހާސް މީހުން ވަނީ މަރުވެފައެވެ. ޔަމަނުގެ 30 މިލިއަން އާބާދީގެތެރެއިން 80 އިންސައްތަ ވަނީ ބަނޑަށް ޖެހި އިންސާނީ ޟަރޫރީ ބޭނުންތަކުން މަޙްރޫމުވެފައެވެ. އދ ސިފަކުރާގޮތުގައި މިއީ މުޞީބާތް އެންމެ ބޮޑު "އިންސާނީ ކްރައިސިސް" އެވެ.

ޙޫޘީން ވެސް މަރްޙަބާ ކިޔާ

އެމެރިކާގެ ރައީސް ބައިޑްންގެ މި ނިންމެވުމަށް ޙޫޘިން ވެސް މިއަދު ވަނީ މަރްޙަބާ ކިޔައިފައެވެ. އެމީހުން ސިފަކުރިގޮތުގައި މިއީ މި އަރާރުމަށް ނިމުމެއް ގެނައުމަށް އެޅުނު ތެދު ފިޔަވަޅެކެވެ. ޙޫޘީންގެ މަސްއޫލުވެރިއެއް ކަމުގައިވާ ޙަމީދު  ޢާޞިމު  ވިދާޅުވި ގޮތުގައި މިއީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓަކައި ކުރިއަށް އެޅުނު ފިޔަވަޅަކަށް ވާނެ ކަމަށް އުންމީދު ކުރަމެވެ. ޙޫޘީންގެ ޚާރިޖީ ވަޒީރު ހިޝާމު ޝަރަފު އަލްމަޔާދީން ޓީވީއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ޔަމަނަށް ދެވެމުންދާ ޢުދްވާނީ ހަނގުރާމަ ހުއްޓުވުމަށް ޓަކައި އެމެރިކާއިން ކުރާ ކޮންމެ މަސައްކަތަކަށް ޙޫޘީން މަރްޙަބާ ކިޔާނެއެވެ. ޙޫޘީ މަސްއޫލުވެރިއަކާ ޙަވާލާދީ މި ޓީވީ ޗެނެލް ބުނިގޮތުގައި އެމެރިކާގެ އައު ސަރުކާރާ ޞަންޢާއާ ދެމެދުގައި ގުޅުންތައް ބޭއްވެމުން އަންނަތާ ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ. ބައިޑްންގެ ވާހަކަފުޅުގައި ހާމަކުރެއްވި ގޮތުގައި ޔަމަނުގައި ދެވޭ ޙަމަލާތަކަށް އެމެރިކާގެ ވާގިވެރިކަން ހުއްޓައިލެވޭނެއެވެ.އޭނާގެ ޚާރިޖީ ވަޒީރު ބްލިންކެން ވެސް ވަނީ މި ކަން ކަށަވަރުކޮށް ދެއްވައިފައެވެ.

ހަތިޔާރު ވިއްކުން ވަގުތީ ގޮތުން ހުއްޓާލައިފި

މި ހުސްވި ޖަނަވަރީ މަހުގެ 27ގައި އެމެރިކާގެ ޚާރިޖިއްޔާގެ މަސްއޫލުވެރިއަކު ހާމަ ކުރެއްވިގޮތުގައި އެމެރިކާގެ ބައެއް އެކުވެރި ޤައުމުތަކަށް ވިއްކެމުންދާ ހަތިޔާރު ވިއްކުމުގެ މަސްއަލަ މުރާޖަޢާކުރެވެންދެން މިހާރު ވަނީ ހަތިޔާރު ވިއްކުން ހުއއްޓާލައިފައެވެ. ޔަމަނު ހަނގުރާމައިގައި އިމާރާތު ބައިވެރިވާތީ އެ ޤައުމަށް ހަތިޔާރު ވިއްކުން ހުއްޓައިލުމަށް ގޮވައިލާ އަޑުތައް އެމެރިކާގައި ވަނީ އިތުރުވެފައެވެ. ރައީސް ޓްރަމްޕް އޭނާގެ އެންމެ ފަހު ވަގުތުކޮޅުގައި ވަނީ އިމާރާތަށް އެފް 30 މަރުކާގެ 50 ބޯޓު އިމާރާތަށް ވިއްކުމަށް ނިންމަވައިފައެވެ. އެއީ އެބްރާމު އެއްބަސްވުމުގެ ދަށުން އިމާރާތަށް ދެއްވި މެޓައެކެވެ. ރައީސް ޓްރަމްޕް ވަނީ އިމާރާތަށް 23 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމަވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *