Support Us

އިސްރާއީލާ ގުޅުންތައް ޠަބީޢީ ކުރުމުގެ އެއްބަސްވުމުގެ ސަބަބުން ސަރަޙައްދަށް އަންނާނީ އިތުރު ހަމަނުޖެހުން

މިދިޔަ އަހަރުގެ ފަހުކޮޅުގައި ޢަރަބި އެތައް ޤައުމަކުން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމާ ބެހޭގޮތުން އެއްބަސްވުންތަކެއްގައި ސޮއި ކުރިއެވެ. މި އެއްބަސްވުންތަކަކީ "ވަރަށް ތާރީޚީ" ކަމެއް ކަމަށް ސިފަ ކުރެވުނެވެ. އިނގިރޭސި ވިލާތުގެ މަޖައްލާއެއް ކަމުގައިވާ History Today ގެ މި މަހުގެ ޢަދަދުގައި ތިން ތަޖްރިބާކާރަކު މި އެއްބަސްވުންތަކާމެދު ދެކެވަޑައިގަންނަވާ ގޮތް ޝާއިޢުކޮށްފައި ވެއެވެ. މި ތިން ބޭފުޅުންގެ ތެރޭގައި އިސްރާއީލުގެ ދެ މުއައްރިޚަކު ހިމެނިވަޑައިގަންނަވައެވެ.

އެއްބަސްވުންތައް އިސްރާއީލުގެ ޝަރްޠުތަކާ އެއްގޮތަށް

އޮކްސްފޯރޑް ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭ ޕްރޮފެސަރެއް ކަމުގައިވާ އާވީ ޝުލައިމު ވިދާޅުވެފައިވާ ގޮތުގައި "އަބްރާމު އެއްބަސްވުންތަކަކީ ޢަރަބި ޚުދް މުޚްތާރު ވެރީންގެ ސިޔާސަތުތަކަށް އައި ބަދަލެކެވެ." އޭނާގެ ރައުޔުގައި މި އެއްބަސްވުންތަކަށް "ތާރީޚީ" އެކޭ ނުކިޔޭނެއެވެ. އެއީ އެ އެއްބަސްވުންތަކަށް ޙައްޤު ސިފައެއް ނޫނެވެ. މި އެއްބަސްވުންތަކުގައި ޢަރަބި– އިސްރާއީލު އަރާރުމުގެ އަސާސާއެކު މުޢާމަލާތު ކޮށްފައެއް ނުވެއެވެ. އެއީ ފަލަސްޠީނުގެ މަސްއަލައެވެ. އެއީ 1945ން ފެށިގެން އަރަބި ސިޔާސަތުގެ "މަރްކަޒީ ޤަޟިއްޔާ" އެވެ. ޢަރަބި ދުނިޔޭގައި ވަރަށް ފަހަކާ ޖެހެންދެން ވެސް ވާހަކަ ދެކެވެމުން އައިސްފައިވަނީ މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމު ކުރެވެން ޖެހޭނެ ކަމަށެވެ. އިސްރާއީލާއެކު އޮންނަ ދައުލަތެއްގެ ގޮތުގައެވެ. މިއީ ޢަރަބި ޤައުމުތަކުގެ 2002 ވަނަ އަހަރުގެ ޢަރަބި ސަމިޓްގައި ޢަރަބި ޒަޢީމުން ޢަރަބި ޞުލްޙައިގެ ނަމުގައި އިޢުލާން ކުރައްވާފައިވާ އިސްނެންގެވުމެކެވެ. މި އިސްނެންގެވުން ބުނާގޮތުގައި ޢަރަބިން އަތުން އިސްރާއީލު 1967ގައި ހިފައިފައިވާ ހުރިހާ ބިންތަކަކުން އިސްރާއީލު ފައިބަން ޖެހޭނެއެވެ. އަދި ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތް ޤާއިމުކުރުމަށް އިސްރާއީލު އެއްބަސްވާން ޖެހޭނެއެވެ.  މި ދައުލަތުގެ ވެރިރަށް ކަމުގައި އިސްރާއީލު ހިފާފައިވާ އިރުމަތީ ޤުދުސް ވާން ޖެހޭނެއެވެ. އިސްރާއީލުން ވަނީ ޢަރަބީންގެ މި ހުށައެޅުމަށް ނޫނެކޭ ބުނެފައެވެ. އިސްރާއީލު މިހާރު ވަނީ މުޅި ޤުދުސް ސަހަރު އެމީހުންގެ ވެރިރަށް ކަމުގައި ހަދައިފައެވެ. ރައީސް ޓްރަމްޕް ވަނީ މި ކަން ޤަބޫލު ކުރައްވާ ތައްލު އަބީބުގައި ހުރި އެމެރިކާގެ ސަފާރާ ޤުދުސަށް ބަދަލު ވެސް ކުރައްވައިފައެވެ.

ޝުލައިމު ވިދާޅުވި ގޮތުގައި އަބްރާމު އެއްބަސްވުންތަކުގައި ބައިވެރިވާ ބަހާއެއް ވެއެވެ. އެއީ އިސްރާއީލުގެ ޝަރްޠުތަކާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ އެއްބަސްވުންތަކެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ އެއީ "ޞުލްޙައަށް ޓަކައި ޞުލްޙަ" އެވެ. ޢަރަބިންގެ ހުށައެޅުމަކީ "ޞުލްޙައަށް ޓަކައި ބިން" އެވެ. މީގެ މާނައަކީ ޢަރަބީންނާއެކު ޞުލްޙަ ޤާއިމު ކުރުމަށް ޓަކައި އިސްރާއީލަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ. އެހެންކަމުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނު މީހުންނަށް ތިބެން ޖެހޭނީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ. ޝްލައިމު ވިދާޅުވިގޮތުގައި މި އެއްބަސްވުންތަކަކީ "ފަލަސްޠީނު މީހުންގެ ބުރިކަށްޓަށް ހަރައިލެވުނު ޚަންޖަރެއް" ކަމަށް ފަލަސްޠީނުން ސިފަކުރަނީ މިހެންވެގެންނެވެ. އެމީހުން މި އެއްބަސްވުން ކުށްވެރި ކުރަނީ މިހެން ވެގެންނެވެ.

ޝުލައިމް ވިދާޅުވި ގޮތުގައި، ރައީސް ޓްރަމްޕް ޢަރަބި ދުނިޔޭގެ ޚުދު މުޚްތާރު ވެރީންނަށް މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށް ހިތްވަރު ދެއްވީ އެމެރިކާއިން ހަތިޔާރުދޭނެ ކަމަށާއި، އީރާނު ބަނދެލާނެ ކަމަށާއި، ނިރުބަވެރީންގެ ލިސްޓުން ސޫދާނުގެ ނަން ފުހެލަދޭނެ ކަމަށާއި  ހުޅަނގު ޞަޙަރާއަކީ މަޣްރިބުގެ ބިމެއް ކަމަށް އެމެރިކާ ޤަބޫލު ކުރާނެ ކަމަށް ވިދާޅުވެ ދެއްވި "ފޮނި" ވަޢުދުތަކަކުންނެވެ. ޝުލައިމު ވިދާޅުވި ގޮތުގައި ޢަރަބީން މި އެއްބަސްވުންތަކަށް މަރްޙަބާ ނުކިއީ މިހެންވެގެންނެވެ. މިއީ ޚުދް މުޚްތާރު ޢަރަބި ވެރީންގެ ސިޔާސަތަށް ގެނެވުނު ބަދަލުތަކެކެވެ. މި އެއްބަސްވުންތަކަކީ ޢަރަބި އިސްރާއީލު ގުޅުންތަކުގެ ޙަޤީޤަތް  ބަދަލުކޮށްލާނެ ނުކުތާއެއް ނޫނެވެ.

އިސްރާއީލަށް ޞުލްޙަމަސަލަސްކަންމަތީގައި އޮވެވޭނީ ފަލަސްޠީނުގެ ހިފައިގެން އޮތް އޮތުމަށް ނިމުމެއް ގެނެސްގެން

އިޤްތިޞާދާ ބެހޭ ލަންޑަން ކޮލެޖްގެ އުސްތާޒެއް ކަމުގައިވާ ފައްވާޒު ގިރްގިސް ވިދާޅުވާގޮތުގައި ސިޔާސީ ޤަރާރުތަކުގެ ނަތީޖާ ގިނަފަހަރަށް ނުކުންނާނީ ދިމާ އިދިކޮޅަށެވެ. އޭނާ ވިދާޅުވިގޮތުގައި "ސައްތައިގެ ޑީލް" އަކީ އިސްރާއީލު ފަލަސްޠީނު ގުޅުންތަކަށް ތާރީޚީ ބަދަލުވުމެއް ގެނައި ނުކުތާއެކެވެ. އެކަމަކު އެއީ ޓްރްމްޕާއި ނަތަންޔާހޫ ގަސްތު ކުރެއްވި ގޮތަކަށްނޫނެވެ. އޭނާ ވިދާޅުވިއެވެ. "ޓްރަމްޕުގެ ޤަރާރުގެ ސަބަބުން ފަލަސްޠީނުގެ ތާރީޚި ބިމުން ބާކީ އޮތް ބައި އިސްރާއީލަށް ލިބިއްޖެއެވެ. އެއީ ޣައިރު ޤާނޫނީ ގޮތަކަށެވެ. އޭގެ ސަބަބުން ޗިސްޗިސްވެގެން ދިޔައީ ހަމައެކަނި ދެ ދައުލަތުގެ ޙައްލެއްނޫނެވެ.އިސްރާއީލުގެ އިސްތިރާތީޖީގެ އަމާޒަކީ ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ޚިޔާލު މަރައިލުމެވެ. އެކަމަކު ޓްރަމްޕާއި ނަތަންޔާހޫގެ ތަޞައްރުފާތުތަކުގެ ސަބަބުން ޤާއިމުވެގެން ދާނީ ދެ ޤައުމިއްޔަތެއްގެ (ޢަރަބީންނާއި އިސްރާއީލުންގެ) ދައުލަތެކެވެ. އެއީ ތާރީޚުގެ ކިބައިން ހިފޭ ބަދަލުހިފުމެއް ކަމަށް ގިރްގިސް ވިދާޅުވިއެވެ. "އެއީ ޚުދް މުޚްތާރު ޢަރަބި ޒަޢީމުން އެބޭފުޅުންގެ ގޮނޑި ސަލާމަތް ކުރެއްވުމަށާއި، އިސްރާއީލުގެ ފުޅައުކުރުމުގެ ސިޔާސަތުން ސަލާމަތްވެވަޑައިގެންނެވުމަށް ޓަކައި ހައްދަވާފައިވާ ޖިޔޯ އިސްތިރާތީޖީ އަތުގުޅައިލުމެކެވެ."

ޚުދް މުޚްތާރު ޢަރަބި ވެރިން އިސްރާއީލަށްވުރެ ބޮޑަށް މިއަދު ބިރުފުޅުގަންނަނީ އިރާނުދެކެއާއި އެބޭފުޅުންގެ ވެރިކަމާ ދެކޮޅު ހަދާ އެބޭފުޅުންގެ ރައްޔިތުންދެކެއެވެ. އެބޭފުޅުން ހީފުޅު ކުރައްވާ ގޮތުގައި އިސްރާއީލާއެކު ގުޅުން ބަދަހި ކުރެވުނު ވަރަކަށް އެބޭފުޅުންނަށް ވެރިކަމުގައި ގިނަ ދުވަހު ތިއްބެވޭނެއެވެ. އެބޭފުޅުން މިހާރު އެ ތިއްބެވީ ފަލަސްޠީނު ޝިކާރަކޮށްގެން ވިޔަސް އެބޭފުޅުންގެ ވެރިކަން ރައްކައުތެރިކުރެއްވުމަށް ޢަޒްމު ކަނޑައަޅުއްވައިގެންނެވެ. އެހެނަސް ޢަރަބިން ދެކޭގޮތުގައި އިސްރާއީލަކީ ޢަރަބީންނަށް އޮތް ބޮޑު ބިރެކެވެ. ޢަރަބި ޒަޢީމުންނާއި އެމެރިކާއާއި އިސްރާއީލުން ހަދާ ޕްރޮޕެގެންޑާތަކާއި ފަތުރާ ޚަބަރުތަކާ  ޙަޤީޤަތް ވަރަށް ތަފާތެވެ. ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓުތައް ދައްކާ ފޮޓޯތަކާއި ކުރަހާ ކުރެހުންތައް  ތަފާތެވެ.

ގިރްގިސް ވިދާޅުވާގޮތުގައި އިސްރާއީލު އަރަބިކަރައާއެކު ގުޅި ޞުލްޙަވެރިކަމާއެކު ދިރިއުޅެން ބޭނުންވާނަމަ ފަލަސްޠީނާއި ޢަރަބި ބިންތަކަށް އިސްރާއީލު އަރައި އޮތްއޮތުމަށް ނިމުމެއް ގެންނަން ޖެހޭނެއެވެ. އަދި އިސްރާއީލުގެ އަވަށްޓެރީންގެ ޤާނޫނީ ޙައްޤުތައް ބަލައިގަންނަން ޖެހޭނެއެވެ. މި ތާރީޚި ހިނދުކޮޅު އިސްރާއީލަށް ދެ ޚިޔާރެއް އެބަ ދެއެވެ. ސަރަޙައްދުގައި ޙަޤީޤީ ޞުލްޙަމަސަލަސްކަމެއް ތަރައްޤީކުރުމަށް މަސައްކަތް ކުރުމެވެ. ނުވަތަ އިސްތިޢުމާރީ ކިއްލާއެއްގެ ގޮތުގައި އޮތުމެވެ. އޭރުން އިސްރާއީލަށް އޮންނަން ޖެހޭނީ ދާއިމީ ހަނގުރާމައެއްގެ ތެރޭގައެވެ.

ގުޅުންތައް ޠަބީޢީ ކުރުމުގެ އެއްބަސްވުންތަކާ ފަލަސްޠީނުގެ މަސްއަލައާ ގުޅުމެއް ނެތް

އިސްރާއީލުގެ މުއައްރިޚެއް ކަމުގައިވާ  އީލާން ބާބޭ ވިދާޅުވާ ގޮތުގައި "ގުޅުންތައް ޠަބީޢީ ކުރުމުގެ އެއްބަސްވުންތަކާ ޙަޤީޤީ މަސްއަލައާ އެއްވެސް ގުޅުމެއް ނެތެވެ." ބާބޭ އަކީ އިނގިރޭސިވިލާތުގެ އެކްސްޓަރ ޔުނިވަރސިޓީގެ ތާރީޚާ ބެހޭ ޕްރޮފެސަރެކެވެ. އޭނާ ވިދާޅުވާގޮތުގައި އަބްރާމު އެއްބަސްވުންތަކަކީ ޢަރަބި – އިސްރާއީލުގެ އަރާރުމަށް  ބަދަލުގެންނާނެ ނުކުތާއެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި ޢަރަބިން ފަލަސްޠީނު މަސްއަލައާމެދު ދެކޭގޮތާއި ޢަރަބި ޒަޢީމުން ދެކެވަޑައިގަންނަވާ ގޮތާ ދެމެދުގައި ވަރަށް ބޮޑު ވަޅުގަނޑެއް އެބަ އޮތެވެ. އިސްރާއީލާ ދެކޮޅަށް 1948 ގައި ހަނގުރާމައަށް ޢަރަބި ޤައުމުތައް ނެރުނީ ޢަރަބި ޢާއްމު ރައްޔިތުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން ތުރްކީއާއި އީރާނާއެކު ގުޅުންތައް ބަދަހިކޮށްފައި ވަނީ ފަލަސްޠީނުގެ ވަޠަނީ ޙަރަކާތަށް ޢަރަބިން ކުރި ތާއީދުތަކުގެ ސަބަބުންނެވެ. އެހެނަސް ސޮވިއެޓް ޔުނިއަންގެ ދައުރު މެދުއިރުމަތީގައި ފަނޑުވުމާއި، 1973ގައި މިޞްރުން އިސްރާއީލުގެ މައްޗަށް ހޯދި ކާމިޔާބުގެ ސަބަބުން މިޞްރު އިސްރާއީލާ އަރާރުންވުމުގެ ދާއިރާއާ ތަންކޮޅެއް ދުރަށް ޖެހުނެވެ. މިއަދު ޢަރަބި ޤައުމުތަކަށް މި ކުރަނީ އޭގެ އަސަރެވެ. ޢަރަބި ބައެއް ޒަޢާމަތްތަކުން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ މި ކުރަނީ އިސްރާއީލާ ދެކޮޅަށް އެމީހުން އުފުއްލަން ޖެހޭ ޒިންމާގެ މަތިން ހަނދާން ނައްތާލައިފައެވެ.

ފިނި ހަނގުރާމަ ނިމުމާއެކު ޢަރަބި ޒަޢާމަތްތަކުން އެމެރިކާއާއެކު ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ފެށިއެވެ. މި ޒަޢާމަތްތަކުގެ ނަޒަރުގައި ވޯޝިންގްޓަނާއެކު ގުޅުންތައް ރަނގަޅު ކުރެވޭނީ ތައްލު އަބީބުގެ މަގުން ލައިފައެވެ. ޕީއެލްއޯ ވެސް މި ލޮޖިކް ޤަބޫލު ކުރިއެވެ. އޮސްލޯ އެއްބަސްވުމަކީ މިކަމުގެ ހެއްކެކެވެ. އަބްރާމު އެއްބަސްވުންތަކަކީ ވެސް ހަމަ މި ނަޒަރުން ޤާއިމު ކުރެވުނު އެއްބަސްވުންތަކެކެވެ. ބޭނުމަކީ ވޮޝިންގްޓަންގެ އެއްބާރުލުން ހޯދުމެވެ.

އެހެނަސް ޢަރަބި ރަބީޢުން ފެނުނީ އެހެން މަންޒަރެކެވެ. ޢަރަބި ދުނިޔޭގައި ދީމުޤްރާޠީ މާޙައުލެއް ޤާއިމު ކުރެވޭނީ  ފަލަސްޠީނުގެ މަސްއަލައަށް ކަށަވެތިވެގެންކަމެވެ. އެހެންކަމުން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމުގެ ސަބަބުން ކުރިމަގުގައި ސަރަޙައްދަށް ހަމަނުޖެހުން އަންނާނެއެވެ. އެހެނީ މި އިއްތިފާޤިއްޔާތުތަކަކީ އިސްރާއިލާ ފަލަސްޠީނާ ދެމެދުގައި ހިނގަމުންދާ އަރާރުމާ ޙަޤީޤަތުގައި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. އިސްރާއީލު މިއަދު ވަނީ ތާރީޚީ މުޅި ފަލަސްޠީނަށް ވެރިވެގަންފައެވެ. ފަލަސްޠީނުގެ އާބާދީގެ ދެ ބައި ކުޅަ އެއްބައި މީހުން މިހާރު ދިރި އުޅެމުންދަނީ އިސްރާއީލުގެ އިސްތިޢުމާރުގެ ދަށުގައެވެ. އެމީހުންގެ އަސާސީ ޙައްޤުތަކާ މަދަނީ ޙައްޤުތަކާ އިސްރާއީލު  ދެކޮޅު ހަދައެވެ. މި ޙާލަތު ދެމި އޮންނަހާ ހިދަނދަކު ކުރިމަގުގައި އަރާރުންތައް ހިނގުމަށް ހުއްޓުމެއް ނާންނާނެއެވެ. ލޭ އޮހޮރުވުންތަކަށް ހުއްޓުމެއް ނާންނާނެއެވެ.

.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *