ހަޔާތުގެ ކޮންމެ ބާބެއްވެސް ކިޔާ ނިންމަންޖެހޭ އެއްކޮށް
ގަޔާ ނުވިޔަސް ހެވޭ ކަމަކާ، މޮޅީ ހުރުމޭ ޝުކުރުކޮށްކޮށް
ބަލައިލީމާ ހިތަށް އުފަލެއް ނުލިބިދާ މަންޒަރާ ކަންކަން
އަލުން އެއްލައިލި ޞަފްޙާގައި އޮތަސް ބެލުމޭ އޮތީ ކެތްކޮށް
ކަރުނަޔާ ލޭން ލިޔުނު ޞަފްޙާ ހިތަށް ވޭނާ ރިހުން ދޭއިރު
ނުރުހުނަސްވެސް ޒަމީރާ ހިތް އޮތީ ކިޔުމޭ ނުލާ ދޫކޮށް
ހިތަށް ކުޅަދާނަވަރު ނުވެގެން ދެލޯ ކަރުނުން އެކީ ފުރުނަސް
ނެތޭ އެއްލޭކަށެއް ނުކިޔަން އެފޮތް ވީދާ އިރާ ކުދިކޮށް
ނިޔާ ތަޤްދީރުގައި ހުރިގޮތް އަޅާއަށް ހީވިޔަސް އަދު މީ
ކިޔާ ނިންމާލުމޭ ރަނގަޅީ އެއާމެދުގައި ސުވާލުނުކޮށް
ހުރީ ކޮންފަދަ ނަޞީބެއްކަން ފަހުން ނޭނގޭނެ ހާލަތުގައި
ފުރީ އުއްމީދަކުންނޭ ހިތް ދެތިން ގަނޑު އެބަ އޮތޭ ހުސްކޮށް