ކޮންމެ މީހަކުވެސް ބުނޭ "ތިޔައީ މަށާ، ނުބެހޭކަމެއް"
އޮންނަ އެންމެ ނުބައި ގޮތަށް ދާނަމަ ޔަގީނެ! ބެހޭކަމެއް
ދިވެހި ލޮބުވެތި ދަރިޔަކަށް ވަންޏާ ގަބޫލު ކުރާކަމެއް
ކޮންމެ ގޮތަކަށް ގައުމު ދާނަމައީ ޔަގީނެ! ބެހޭކަމެއް
ކޮންމެ މީހަކުވެސް އުފަންވީ ޤައުމަކާ ވަތަނެއް އޮވޭ
ކޮންމެ ގޮތަކަށް ގައުމު ދާނަމައީ ޔަގީނެ! ބެހޭކަމެއް
ކޮންމެ މުސްލިމަކުމެ ތަބަޢަވާ ދީނަކީ އިސްލާމް ދީން
އޮންނަ މަތިވެރި ޙުރުމަތެއް ނެތްނަމަ ޔަގީނެ! ބެހޭކަމެއް
ދީނުގައިވާ އެންމެ މަތިވެރި ސިފަތަކާމެދު ގޮން ޖަހައި،
"ދީން ހުތުރު ކުރަމުން" ދަނީނަމައީ ޔަގީނެ! ބެހޭކަމެއް
ލޯބިވާ މައިވަންތަ ގުޅުމާ ލޯބިވާ ރަޙިމުގެ ގުޅުން،
ލޯބިކެނޑި ދާކަން އެނގޭ ނަމައީ ޔަގީނެ! ބެހޭކަމެއް
މާތްވި ޤުރްއާނާއި ސުއްނަތަކީ "މިދީނުގެ މަސްދަރަށް"
ވާހިނދުން އެކަމާ ޚިލާފުވާ ނަމަ ޔަގީނެ! ބެހޭކަމެއް
ބޭރު ލާދީނީ ނުފޫޒުން ގައުމު ބެހިގެން ދާން އޮޔާ
ރޭރު ވެވިފާ ނުތިބެ އެކަމަށްވެސް ޔަގީނެ! ބެހޭކަމެއް
ދީނުގައި ސާބިތުވެ ތިބެ ﷲ ދެއްވާ ނަޞްރުގައި
ދީން ފަތަޙަ ކުރުމުގެ ޖިހާދު ކުރުން ޔަގީނެ! ބެހޭކަމެއް
