Support Us

ރައީސް ބައިޑްންގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު ތަންފީޒީ 12 އަމުރު ނެރުއްވާނެ

އެމެރިކާގެ އައު ރައީސް ޖޯ ބައިޑްން ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ދުވަހު (20 ޖަނަވަރީ 2021 ވަނަ ދުވަހު) ތަންފީޒީ 12 އަމުރެއްގައި ސޮއި ކުރައްވާނެ ކަމަށް ޚަބަރު ފަތުރާ ދާއިރާތަކުން ބުނެފިއެވެ. އޭގެތެރޭގައި ރައީސް ޓްރަމްޕް ނެރުއްވާފައިވާ ބައެއް އަމުރުފުޅުތައް ބާޠިލު ކުރުމުގެ އަމުރުފުޅުތަކެއް ވެއެވެ. މި ގޮތުން ފާހަގަކުރެވޭ އެއް އަމުރަކަށް ވާނީ އިސްލާމީ ބައެއް ޤައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރާ ޓްރަމްޕްގެ އަމުރުފުޅު ބާޠިލުކުރުމުގެ އަމުރެވެ.

ބައިޑްން ނެރުއްވާ މި އަމުރުފުޅުތަކުގެ ތެރޭގައި ކޮރޯނާ ވައިރަހާ ދެކޮޅަށް ޙަރަކާތްތެރި ވުމާއި، ކަސާދުވަމުންދާ އެމެރިކާގެ އިޤްތިޞާދު ކޮޅަށް ނެގުމަށް ޓަކައި ފިޔަވަޅު އެޅުމާއި އެމެރިކާގައި ދިރިއުޅޭ މީހުންގެ ނަސްލުތަކުގެ މެދުގައި އޮންނަ ހަމަހަމަ ނޫންކަން ނައްތައިލުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުކަން ދިނުން ހިމެނޭނެ ކަމަށް ބައިޑްންގެ ޗީފު އޮފް ސްޓާފް ރޮން ކްލޭން ވިދާޅުވިއެވެ. ކްލޭން ވިދާޅުވާ ގޮތުގައި މި މަސްއަލަތަކަކީ އަވަސް ފިޔަވަޅުތަކަކަށް ބޭނުންވެފައިވާ މުހިއްމު މަސައަލަތަކެކެވެ.

ފަރަންސޭސި ނޫސް އޭޖެންސީ އޭނާއާ ޙަވާލާދީ ބުނިގޮތުގައި ރައީސް ބައިޑްންގެ ރިޔާސީ ދައުރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި މި މުހިއްމު މަސްއަލަތައް ޙައްލު ކުރެއްވުމަށާއި ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ގެއްލިފައިވާ އެމެރިކާގެ މަޤާމު އަލުން ހޯއްދެވުމަށާއި އެމެރިކާއަށް ލިބެމުންދާ ގެއްލުންތަކާ ދުރަށް ޤައުމު ލެއްވުމަށް ޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ރައީސް ބައިޑްން އަޅުއްވާނެއެވެ.

މޫސުމާ ބެހޭ ޕެރިސް އެއްބަސްވުމަށް އެމެރިކާ އަނބުރާ ގެންދިޔުމަށް ޓަކައި ރައީސް ބައިޑްން ތަންފީޒީ އަމުރެއްގައި ސޮއި ކުރައްވާނެއެވެ. އަދި (ސޫރިޔާ، ލީބިޔާ، ސޫދާން، ޞޫމާލް، ޔަމަން، އީރާން) ފަދަ އިސްލާމީ ޤައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރާ އަމުރު ވެސް ބާޠިލު ކުރައްވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ބައިޑްން މަސައްކަތް ކުރައްވާނީ ގެއްލުންތައް ނައްތައިލައްވާކަށް އެކަންޏެއް ނޫނެވެ. މީގެއިތުރަށް އެމެރިކާ އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ފިޔަވަޅުތައް ވެސް އަޅުއްވާނެއެވެ.

ބައިޑްންގެ ކުރިފުޅުމަތީގައި ހުރި ގޮންޖެހުންތައް

ޖޯ ބައިޑްން ރައީސްކަމާ ހަވާލުވެވަޑައިގަންނަވާއިރު ރައީސް ޓްރަމްޕްގެ ތަރިކައިން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ބައިޑްނަށް ލިބިވަޑައިގަންނަވާނެއެވެ. ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ޓަކައި ޓްރަމްޕް މަސައްކަތްޕުޅު ނުކުރައްވާ ކަމަށް ތުހްމަތު ކުރެވެއެވެ. ކޮރޯނާގެ ސަބަބުން އެމރިކާގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ ހަތަރު ލައްކައަށް އިތުރުވެފައެވެ. މިލއަނަކަށްވުރެ ގިނަ މީހުން ވަނީ ކޮރޯނާއަށް ފައްސިވެފައެވެ. މި ވަބާ ވަނީ ކޮންޓްރޯލުން ބޭރުވެފައި ކަމަށް ބުނެވެއެވެ. ކޮރޯނާގެ ސަބަބުން އެމެރިކާގައި 10 ވަރަކަށް މިލިއަން މީހުންނަށް ވަނީ ވަޒީފާ ގެއްލިފައެވެ. އެމެރިކާގެ އައު ރައީސް ބައިޑްން ގަސްތު ކުރައްވަނީ އެ ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް ޓަކައި 1.3 ޓްރިއަން ޑޮލަރުގެ އެހީގެ ޕާރުސަލެއް ހުޅުވައިލައްވާށެވެ. އަދި ކޯވިޑް- 19 ގެ ވެކްސިން ދިނުމުގެ ޤައުމީ ޙަމަލާއެއް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހުރިހާ ކަމެއްގެ އިތުރަށް އެމެރިކާގައި މި ފަހަރު ބޭއްވުނު ރިޔާސި އިންތިޚާބުގެ ސަބަބުން އެ ޤައުމު ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ މިކަމުގެ ސަބަބުން އިންތިޚާބުގައި ބަލިވެވަޑައިގެންނެވި ރައީސް ޓްރަމްޕްގެ ވާގިވެރިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެތެރެއަށް ފުޅަށް މަތިން ވަދެ އެތާނގެ ޙުރްމަތް ކަނޑައިފައެވެ. މި ޙަމަލާގެ ތެރޭގައި ފަސް މީހަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމުވެފައެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ ޑިމޮކްރަސީއާމެދު ބޭރު ޤައުމުތަކުން ކިޔަމުންދާ ފާޑު ކިޔުންތައް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *