Support Us

ހޭލާށެ ތިޔަ އޮތް ހުވަފެނުން

އަހަރެންގެ ގާތު މަގޭ މި ހިތް ބުނެލައިފި ސިއްރެއް ހުވަފެނުން
އަހަރެން އެ ވާހަކަ ރަނގަޅު ނުވެދާނޭ އެހައި އަވަހަށް ބުނުން

އެ ރެޔަކު އަހަންނަށް ހުރެވުނީ ހަނދުވަރުމަތިގައި ތުނޑިމަތީ
ކުރަހައިދިނީ ރަންދޯދިތައް ރަޙްމަތުގެ ގަނޑުވަރު ރަތުރަނުން

ފަތިހެއްގެ ނޭވާޔާއެކީ ރިހި ތުނޑި ފުރައިލީ މަޑުމަޑުން
ރަތަފައި، އިލޮޅި، އިރުވައިހުދާ އެކި ދޫނިތައް އައިސް އެކިތަނުން

ހުދު ސާފު ވެލިފުއްތައް ވަނީ ފާރެއް ފަދައިން ގެތި ރޭނިފައި
ޤުދުރަތުގެ ދީލަތިވަންތަކަން ހަދިޔާކުރީ އުފަލާ ހުނުން

އޯގާވެ ކުދިކުދި ރާޅުތައް ވެސް ބޮސްދެމުން ވެލިފުއްތަކަށް
ލޯބީގެ ލަވަތައް އިއްވަނީ ރޫޙާ ހިތުގެ މާ ފުންފުނުން

އަނިޔާ ލިބުނު ކިރުބޯ ޅަކުއްޖަކު ރޯ އަޑުން އިވުނޭ މަށަށް
ފިނިފިނި ހިމޭން ވައިރޯޅިފަށް ރޮއިލާ އަޑެއް ރުއްރުކުފަނުން

ކިހިނެއް މިވީ އޭ ކޮން އަޑެއް އަދި އޭގެ މާނައަކީ ކޮބާ؟
ސިހިގެން ސުވާލު މި ކުރެވުނޭ ލޮލުކަރުނައިން ފޫދުނު ފެނުން

އެ އަޑަށް ޖަވާބު ދިނޭ ވަރަށް ކުޑަކުޑަ ހިމުން ދޮންވެލިފުކެއް
މިއަދުކު ނުދަނެޔޭ ދޫނިތައް ޣާފިލުކަމުން ގޮސް ދުސްމިނުން

މާ ބޭރުބޭރުން ދުރުދުރުން މަޅިފަތި ޖަހައިފައި މަޑުމަޑުން
ގާތަށް ލަވައިލީމާ ދެޔޭ ބޯވެސް ނުހިއްލާ ކުޑަމިނުން

ކަމަކީ ހޮވައިކެއުމޭ މުޅިން، އޭ ޝައުޤަކީ އޮތް އެދުމަކީ
ނަމަވެސް ޙަޤީޤަތަކީ ދެކޭ، އާޚިރު ނަތީޖާގައި ބަނުން

ވައިރޯޅިޔާ ފަންތައް ދެކޭ މާ ބޭރު ދުރު އުދަރެސްތަކާ
ހައިކޮށްނުލައި ކެހިވެރި ނަޒަރު ދޭ ލޯތަކާ އެކި ޑަރުޖަނުން

އެއުރެންގެ ބަރު ފިޔަވަޅުތަކުން ކުދިކުދި މި ޢާލަމް އެބަކުރޭ
ނިޢުމަތް މި ދެމިއޮންނާނެހޭ ގިނަ ނަމަ އެހައި ބީރުން ކަނުން

އެ ވަގުތު މަގޭ ހިތް މަޑުމަޑުން ކަންފަތް ދޮށަށް ލެފިލައި ބުނީ،
މި ވަގުތު މިހާރު ލަހެއް ނުކޮށް ހޭލާށެ ތިޔަ އޮތް ހުވަފެނުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *