Support Us

ގޮނޑުރާޅާއި ކިރުކަކުނި

އުޅޭކަން ނޭނގި އަހަރެން އެބަ އުޅެން ދޮންވެލި މި ގޮނޑުދޮށުގައި
އުޅޭން ކުޑަކުޑަ ހޮރެއް ކޮނެގެން ހިމޭންކަން އޮތް [ނިވާ ފަށުގައި]

ރިވެތި ރިހި ދޮންވެލީގެ ވިދާ، އޮމާން ސާލުގެ މަތީ އުފަލުން
ރިވެތިކޮށް މި އުޅެނީ ވެސް އަނެކުނަށް އުނދަގޫ ނުވާ ފަށުގައި

ނުކޮށް ހަޑި ހުތުރު އަމަލެއް ވެސް، ނުކައި އަނެކުންގެ ޙައްޤެއް ވެސް،
ނިކަން ނިޢުމަތުގައޭ މި ވަނީ މި ތާ ދިޔަރެސް ގުޅޭ ފަށުގައި

ނެތޭ އަމުދުން އަދުއްވެއް ވެސް، ނެތޭ ކެހި ދޭނެ ހަތުރެއް ވެސް،
އޮތީ އުފަލޭ، ދުވުން ނެށުމާ ހަވީރާ ހެނދުނު [ވެލިފަށުގައި]

އެހެން ނަމަވެސް ބަދަލުވާ ހަޅަ ދިޔައިގައި އަންނަ ގޮނޑުރާޅާ
އޮހެން ތިޔަ ފައްޓަނީ ބަލަ ކޮން ކަމެއް ހޭ ކިބުރުވެރި ގޮތުގައި

އަރާ ހުރިހައި ބިނާތައް ރޫޅަމުން ނޫނީ ޣަރަޤު ކުރަމުން
ޚަރާބު ކުރަން ވަނީ ދަހިވެތި ކޮބައި އަގަލެއް ލަދެއް ހިތުގައި

ތިމާއަށް ބާރު ލިބެވޭ ހިނދު، އެހެން [ފަކްސާތަކަށް] ހަސްކާ
ތިމާ ދޭން ވޭހެ ފަޚުރާއެކު އިމެއް ހައްދެއް ނުވާ ގޮތުގައި

އަރައިފައި ދާށެ، ގޮސް ހައްޔަރު ވެލާށޭ ހިކިދިޔައިގެ ނަމުން،
މަރާމާތުގެ މަސައްކަތްތައް ފަށާނަމެ ނުހަނު މިންނަތުގައި

ނެތޭ ވަރުބަލިވުމެއް މާ ޔޫސްވުމެއް ތިޔަ ކިބުރުވެރި އަމަލަށް،
އޮތީ ހިނިތުންވުމޭ ގަދަ ހިންމަތޭ އަހަރެންގެ ބަސްފޮތުގައި

ކިތައް ހިތް ހޭ ދެނީ ސާބަސް އަހަންނަށް، ލޯބި ތާރީފާ؟
އެތައް ގިނަ ނަފުރަތޭ އޮހެނީ ތިބާގެ ނުބައި ޖަހާލަތުގައި

ނޯޓު: ގޮނޑުރާޅަކީ ހަޅަދިޔައިގައި ގޮނޑުދޮށަށް ބިންދާ ބާނި ހުރި އުސްބޮޑެތި ރާޅެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ރީތި އަދި މާނަހުރި ޅެމެއް. ޅެންވެރިޔާ އާދަމް ނަސީރަށް ޝުކުރާއި މުބާރިކުބާދީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *