Support Us

"ހެޔޮލަފާ އިންސާނަކަށް ވާށެވެ!" ޅެމެއްގެ މާނައާއި ޝަރަހައެއް 

އަނެއްކާވެސް މިއީ އީލިޔާ އަބޫމާޟީގެ ޅެމެއްގެ ތަރުޖަމާއާއި އެޅެމުގެ ޝަރަހައެކެވެ. އޭނާގެ كن بلسما މިޅެމުން ހޮވާލެވިފައިވާ ބައިތުކޮޅެއްގެ ތަރުޖަމާއާއި ޝަރަހައެކެވެ. މީގެ ކުރީން ވެސް އީލިޔާގެ ދެޅެމެއްގެ ތަރުޖަމާ ގެނެސް ދެވިފައިވާނެއެވެ. އަދި އެއާއިއެކު އީލިޔާގެ ކުޑަ ތައާރަފެއްވެސް ގެނެސްދެވިފައިވާނެއެވެ. އެތައާރަފުން ބައެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ.

އަރަބި ޅެންވެރިކަމުގެ ދުނިޔޭގައި އީލިޔާ އަބޫމާޟީ މަޝްހޫރުވެފައިވަނީ "ޝާޢިރުއް ތަފާއުލު"ގެ ނަމުންނެވެ. އާދެ، ހެޔޮ ފާލުގެ ޅެންވެރިޔާގެ ގޮތުގައެވެ. ކޮންމެ ހާލަތެއްގައި ވިޔަސް، އުފަލުން ހިނިތުންވެހުރެ ދުނިޔަވީ ހަޔާތުގައި ކުރިމަތިވާ އިމްތިހާނުތަކުގައި ކެރިގެން ކުރިމަތިލާން، އޭނާގެ ޅެންތަކުގައި ގޮވާލައްވައިފައިވާތީއެވެ.

މިޅެމަކީ ޚާއްސަ މުނާސަބަތަކާއި ގުޅިގެން ޝާއިރު ހެއްދެވި ޅެމެކެވެ. ގަދަރުވެރި ޝަޚުސިއްޔަތެއް ކުރެއްވި ޒިޔާރަތެއްގެ މުނާސަބަތާއި ގުޅިގެން ބޭއްވުނު ހަފުލާއެއްގައި ކިޔުއްވި ޅެމެކެވެ. މިޅެމުގައި ޝާއިރު ފޯރުކޮށްދެއްވާ މެސެޖަކީ ކޮންމެމީހަކުވެސް ހެޔޮލަފާ އިންސާނަކަށްވެވޭތޯ މަސައްކަތް ކުރަންވީއެވެ. އަދި މީހެއްގެ ހެޔޮލަފާކަން ފެނިގެންދަނީ އޭނާގެ އިހުސާންތެރިކަމުގެ ތެރެއިންނެވެ. އޭނާގެ ފަރާތުން އެހެންމީހުންނަށް ލިބިދޭ އަޅާލުމާއި އޯގާތެރިކަމުގެތެރެއިންނެވެ. މިކަންކުރެވޭނީ އެހެންމީހުންދެކެ ފޫހިވުމާއި ރުޅިއައުން ދޫކޮށް އެމީހުންދެކެ ލޯބިވެވިގެންނެވެ. އެމީހުންނަށް އިހުތިރާމު އަދާކުރެވި ގަދަރުކުރެވިގެންނެވެ. މިގޮތަށް ކަންތައް ކުރެވިއްޖެނަމަ ތިމާއަށް ހަގީގީ އުފަލާއި ހިތްހަމަޖެހުން ލިބެއެވެ. އަދި ތިމާގެ އަމިއްލަ ހަޔާތް އުޖާލާވެ ބާއްޖަވެރިވެއެވެ.

މިތަރުޖަމާ މި ހުށަހަޅާލަނީ އަރަބި ޅެމުގެ އަސްލާއެކުގައެވެ. އަދި ޅެމުގައި އެކުލެވޭ ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ ވަކީންވެސް ގެނެސްދެމުންނެވެ. ތަރުޖަމާއާއި ޝަރަހައާއި މެދު ފާޑު ކިޔުމުގެ ނަޒަރަކުން ބަލައިލުމުގެމަގު ފަހިވެގެންދާނެކަމަށް ހީކޮށެވެ.

*****

ޅެމާއި ތަރުޖަމާ

كُنْ بَلْسَمًا إنْ صَارَ دَهْرُكَ أرْقمَا وَحَلاوَةً إنْ صَارَ غَيْرُكَ عَلْقَمَا

كن ވާށެވެ!

بلسما ބާމަކަށް، ހެޔޮލަފާ އިންސާނަކަށް،

ބަލްސަމް އަކީ ހަމަމިނަންދެވިފައިވާ ގަހަކުން ނެގެނޭ ކިރަށް ކިޔާނަމެކެވެ. މިކިރު ބޭސްފަރުވާއަށް ބޭނުންކުރެވެއެވެ. އިނގިރޭސި ބަހުގެ 'ބާމް' ވެސް ގުޅެނީ މިލަފުޒާއެވެ. އަރަބި ބަހުގައި، 'ހެޔޮލަފާ މީހާ، މިމާނައިގައިވެސް ބަލްސަމް ބޭނުންކުރެވެއެވެ. މިތަނުގައި ބަލްސަމްގެ ލަފްޒީމާނައަކީ 'އެއިން ބަލިބައްޔަށް ފުރިހަމަ ޝިފާލިބިދޭ އެއްޗެއް' މިއެވެ. މުރާދަކީ 'ހެޔޮލަފާއިންސާނާ' މިއެވެ.

إن صار ބަދަލުވެގެން، ފުރޮޅިގެން ދިޔަސްވެހެވެ.

دهرك ކަލާގެ ޒަމާން، ކަލާގެ ދުވަސްތައް،

أرقما ކަޅު ވިހަގަދަ ހަރުފައަކަށް

وحلاوة މީރުފޮނިކަމަކަށް

إن صار ބަދަލުވެގެން، ފުރޮޅިގެން ދިޔަސްވެހެވެ.

غيرك އެހެންމީސްމީހުން

علقما ހިތިކަމުގެ ބަޔަކަށް، އެބަހީ ހަސަދަވެރިބަޔަކަށް،

އަލްގަމަކީ ސަހަރާގައި ފަޅާ ޙަންޡަލުގަހަށް ކިޔާނަމެވެ. އަދި ކޮންމެ ހިތި އެއްޗަކަށްވެސް ޢަލްގަމޭ ކިޔެއެވެ. މިތަނުގައި ޢަލްގަމް މިލަފުޒުން ގަސްދުކުރެވޭ މާނައަކީ ހިތްނުބައިވުން، ހަސަދަލުން ނުވަތަ ހަސަދަވެރިވުން މިއެވެ.

ޒަމާން (ކަލާގެ ހަޔާތަށް ވިހަލާ) ހަރުފައަކަށް ވެއްޖެނަމަ، (އެވިހައިގެ) ފުރިހަމަ ޝިފާ ކަމުގައި ކަލާވާށެވެ.

އަދި އެހެން މީސްމީހުން، (ކަލާއާ މެދު ހަސަދަވެރިވެ ހިތް ނުބައިކޮށް، ކަލާގެ ހަޔާތަށް) ހިތިކަން ގެނެސްފިނަމަ، (އެހިތިކަން ފިލުވާލަދޭ) މީރުފޮނިކަމަކަށް ކަލާ ވާށެވެ.

ޝަރަހަ

އިންސާނާއާ މުހާތަބުކޮށް، އޭނާގާތުގައި ޅެންވެރިޔާ ވިދާޅުވަނީ ހެޔޮލަފާ މީހަކަށްވުމަށެވެ. ކިތަންމެ ދަތި ހާލުގައި އުޅެންޖެހިފައިއޮތްކަމަށްވިޔަސްވެހެވެ. އަދި، އޭނާއަށް ހެޔޮގޮތެއް މެދުވެރިވާހިނދު، އެހެންމީހުން، އެކަމާމެދު ހިތްނުބައިކޮށް، އޭނާއާމެދު ހަސަދަވެރިވިޔަސްވެހެވެ. އަދޭ! އުފަލުގައި ހުއްޓަސް ނޫނީ ދެރަ ހިތާމަވެރި ހާލަތެއް މެދުވެރިވެފައި އޮތްކަމުގައިވިޔަސް، ލަފާއިންސާނެއްގެ ގޮތުގައި ދެމިހުންނާށެވެ.

ޅެމާއި ތަރުޖަމާ

إنَّ الْحَيَاةَ حَبَتْكَ كُنُوزَهَا لا تَبْخَلَنَّ عَلَى الْحَيَاةِ بِبَعْضِ مَا

إن ހަމަކަށަވަރުން

الحياة ހަޔާތްވަނީ

حبتك ކަލާއަށް ދީފައެވެ

كنوزها އޭގެ ކަންޒުތައް، ގިނަގުނަ ނިއުމަތްތައް،

لا تبخلن ދަހިވެތި ނުވާށެވެ.

على الحياة ހަޔާތުގެ މައްޗަށް، އެބަހީ އެހެންމީސްމީހުންނަށް ފޯރުކޮށްލަދިނުމަށް،

ببعض ما އޭގެ ތެރެއިން ކުޑަ މިންވަރެއް ނަމަވެސް،

(މިދުނިޔަވީ) ހަޔާތްވަނީ ކަލާއަށް އެތައް އެތައް އަގުހުރި ނިއުމަތެއް ހިބައިންދީފައެވެ. އެހެންވެ، އެއިން ކުޑަކުޑައެއްޗެއްނަމަވެސް (އެހެންމީހުންނަށް) އަނބުރާދިނުމަށް ދަހިވެތިނުވާށެވެ.

ޝަރަހަ

މިބައިތުގައި ހެޔޮލަފާ އިންސާނަކަށް ވެވިދާނެގޮތް ޅެންވެރިޔާ ވިދާޅުވެދެއްވައެވެ. އެއީ އެހެން މީސްމީހުންނަށް ހެޔޮކޮށްހިތައިގެންނެވެ. އެހެންމީސްމީހުންނަށް އިހުސާންތެރިކަން ފޯރުކޮށްދީގެންނެވެ. މިފަދަ ގޮތަކަށް އަމަލު ނުކުރެވެންވީ ސަބައްނެތްކަން ޅެންވެރިޔާ ފާހަގަކުރައްވައެވެ. އެއީ ކޮންމެ މީހަކަށްވެސް ގުދުރަތުންވަނީ އެތައް އެތައް ނިއުމަތަކެތް ދެއްވާފައެވެ. ބައެއް މީސްމީހުންނަށް މާއްދީ ނިއުމަތްތަކެވެ. މުދަލާއި ފައިސާއެވެ. އަނެއްބައި މީހުންނަށް އިލްމާއި ހުނަރެވެ. އަދި ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމެވެ. އެހެންވީއިރު، އެމީހަކަށް ގުދުރަތުން ދެއްވައިފައިވާ އެއްޗަކުން ކިތަންމެ ކުޑަމިންވަރެއްވެސް އަނެކާއާ ހިއްސާކޮށްލާ އިހުސާންތެރި ނުވެވޭންވީ ކީއްވެހެއްޔެވެ؟ ނަބަވީ އިރުޝާދެއްގައި ވާފަދައިން، ތިމާ އަނެކުންނާ ބައްދަލުވާއިރު، ހިނިތުންވެލާ އުފާވެރިމޫނެއް ދައްކާލުންވެސް އެއީ ސަދަގާތެކެވެ. މަގުމަތީގައި އޮންނަ ކުނިކޮޅެއް ނަގައި ނޫނީ މަގުމައްޗަށް ކުޅުޖެހުންފަދަ، މަގުމަތި ހަޑިވެ، މީހުންނަށް އުނދަގޫވެދާނެފަދަ ކަންކަމުން ދުރުހެލިވުންވެސް ހިމެނެނީ ހެޔޮ ކަންތައްތަކުގެ ތެރޭގައެވެ. ހަމައެހެންމެ، ހެޔޮބަހެއްބުނެ އަނެކުން އުފާކޮށްލަދިނުމަކީވެސް އިހުސާންތެރިވުމެކެވެ. އެހެން މީހުންނާ ދޭތެރޭ ނުބައި ހީތައް ހީކުރުން ދޫކޮށް، ހިތް ހެޔޮކޮށްލުމަކީވެސް ހަމަ ސާލިހު އަމަލެކެވެ.

ޅެމާއި ތަރުޖަމާ

أحْسِنْ وَإنْ لَمْ تُجْزَ حَتَّى بِالثَّنَا أيَّ الْجَزَاءِ الْغَيْثَ يَبْغِي إنْ هَمَى

أحسن އިހުސާންތެރިވާށެވެ! ދީލަތިވާށެވެ! ހެޔޮކޮށް ހިތާށެވެ!

وإن لم تجز އެކަމުގެ ހެޔޮ ހެޔޮޖަޒާ ކަލާއަށް ނުލިބުނަސް،

حتى بالثنا އެންމެ ކުޑަވެގެން ތައުރީފުގެ ބަސްކޮޅަކުން ވިޔަސްވެހެވެ.

أي الجزاء ކޮން ހެޔޮ ޖަޒާ އެއްހެއްޔެވެ؟

الغيث ވާރޭ

يبغي އެދެނީ

إن همى ވެހިއްޖެނަމަ

(އެހެން މީހުންނަށް) އިހުސާންތެރިވާށެވެ. (އެންމެ ރަނގަޅުގޮތުގައި އެންމެ ފުރިހަމައަށް އަބަދުވެސް ކަންތައްކުރެ ވޭތޯ ބަލާށެވެ.) އިހުސާންތެރި ވުމުން އެންމެ ކުޑަވެގެން މީހެއްގެ ތައުރީފުގެ ބަހެއްހާ ހިސާބުވެސް ނުލިބުނަސްވެހެވެ.

(ނިކަން ދެކިބަލާށެވެ!) ވާރޭ (އޭގެ ފެން) ވެއްސާލުމަށްފަހު، އޭގެ ބަދަލުގައި އެއްވެސް އެއްޗެއް ބޭނުންވެގެން އުޅޭހެއްޔެވެ؟

ޝަރަހަ

ޅެންވެރިޔާ މިބައިތުގައި ވިދާޅުވަނީ ހެޔޮކަންތައްތައް ކުރުމުގައި އިޚުލާސްތެރިވުމަށެވެ. އެހެންމީހަކަށް ކަމެއް ކޮށްދޭނަމަ، އޭނާގެ ކިބައިން އެއްވެސް ބަދަލަކަށް ނޭދުމަށެވެ. މިއީ އެންމެމާތް އިލާހީގޮތެވެ. ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައިވާ ފަދައިން، މާތްﷲ އަޅުތަކުންނަށް ނިއުމަތްލައްވާ ހެޔޮގޮތްތައް މިންވަރުކުރައްވަނީ އެމީހުންގެ ކިބައިން ބަދަލެއް ކީއްކުރަން އަދިޝުކުރުވެރިވުންވެސް އެދިވޮޑިގެންނެއްނޫނެވެ. ނަބަވީ އިރުޝާދެއްގައިވެސް މިއީ އިހުލާސްތެރިކަމުގެ އިންތިހާ ކަމުގައި ބަޔާންކުރެވިފައިވެއެވެ. ސަދަގާތްކުރުމުގައި ކަނާތުން ދޭއެއްޗެއް ވާތަށްވެސް ނޭނގޭގޮތަށް ދިނުމަށް އިރުޝާދުދެވިފައިވެއެވެ.

އިހުލާސްތެރިކަމުގެ މިސާލެއް ދެއްކުމުގެ ގޮތުން މިބައިތުގެ އަޖުޒުގައި، ވާރޭގެ މިސާލު ގެނެވިފައިވެއެވެ. ވާރޭ، އޭގެފެން، ތަންތަނަށް ވެއްސައި ބޯނޭފެނާއި އަދި އެފެން މެދުވަރިކޮށް ދަނޑުގޮވާން ކޮށްގެން ކާނާ ލިބޭނޭގޮތް މެދުވެރިކުރެއެވެ. ނަމަވެސް މިފަދަ ބޮޑު އިހުސާންތެރިކަމެއް ފޯރުކޮށްދިނުމަށްފަހުވެސް އެކަމުގެ އަގެއް ހޯދާކަށް ނޫނީ އެކަމުގެ އެއްވެސް ބަދަލެއް ބޭނުންވެގެން ނެތް ވާރޭއެއް ނޫޅެއެވެ. އިންސާނާވެސް އިހުސާންތެރިވުމުގައި ނަމޫނާއަކަށް ބަލަންވީ ވާރޭއެވެ! އަދި އެއްވެސް ބަދަލެއް ނޭދި އެހެން މީހުންނަށް އަޅާލާ ކަމޭހިތާންވީއެވެ.

ޅެމާއި ތަރުޖަމާ

مَنْ ذَا يُكَافِئُ زَهْرَةً فَوَّاحَةً؟ أوْ مَنْ يُثِيبُ الْبُلْبُلَ الْمُتَرَنِّمَا

من ذا އެމީހަކު ކޮބާހެއްޔެވެ؟

يكافئ ހައްގު ބަދަލުދޭ

زهرة މަލަކަށް

فواحة މީރުވަސް ދުއްވާލާ

أو ނޫނީ

من ކާކުހެއްޔެވެ؟

يثيب ޘަވާބު ދެނީ، ހެޔޮޖަޒާ ދެނީ

البلبل ބުލްބުލަށް

المترنما ތަރާނާ، ލަވަ، ކިޔަމުންދާ

(ހަމަ އެހެންމެ، ޖައްވުގެތެރޭގައި އޭގެ އަތަރުވަހުން) މީރުވަސް ދުއްވާލާ މަލަށް، އެކަމުގެ ބަދަލުދެނީ ކާކުހެއްޔެވެ؟

ނޫނީ ތަރާނާތައް ކިޔަމުން (މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ އުދުހިއުޅޭ) ބުލްބުލަށް އެކަމުގެ ހެޔޮޖަޒާދެނީ ކާކުހެއްޔެވެ؟

ޝަރަހަ

އިހުލާސްތެރިކަމުގެ އިތުރު މިސާލުތައް މިބައިތުގައި ގެނެސްދެވިފައިވެއެވެ. ގުލްޒާރުގައިވާ މާމެލާމެއްޔާއި އެޒާރުގައި އުދުހިއުޅޭ ބުލްބުލް ފަދަ ދޫނިތަކުގެ މިސާލެވެ. މާމެލާމެލި ޖައްވުގެތެރެއަށް މުއައްތަރު މީރުވަސް ދުއްވާލައި މީސްތަކުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދެއެވެ. އަދި ބުލްބުލްފަދަ ދޫނިތައް ލަވަކިޔައި އުދުހި މީސްތަކުން އުފާކޮށްދެއެވެ. މިއިންކަމަށް، އެއްވެސް މީހަކު، އެއިން އެއްޗަކަށް، ބަދަލެއްދޭ ހެއްޔެވެ؟ ނުދެއެވެ. ނަމަވެސް މާމެލާމެލި މުޅިޖައްވު މުއައްތަރުކުރަމުން ގެންދެއެވެ. ބުލްބުލްތައް ލަވަކިޔައި މީސްތަކުން އުފާކޮށްދެއެވެ.

ޅެމާއި ތަރުޖަމާ

عُدَّ الْكِرَامَ الْمُحْسِنِيْنَ وَقِسْهُمُ بِهِمَا تَجِدْ هذَيْنِ مِنْهُمَ أكْرَمَا

عد ގުނާ ހިމަނާށެވެ!

الكرام ދީލަތިމީހުން

المحسنين އިހުސާންތެރި، ހެޔޮކަންތައްކުރާ،

وقسهم އަދި އެމީހުންނާ އަޅާކިޔާބަލާށެވެ!

بهما އެދޭއްޗާއި، (މީރުވަސްދުއްވާލާ މަލާއި އަދި ލަވަކިޔާ ބުލްބުލާއި)

تجد ކަލާއަށް ފެންނާނެއެވެ، އެނގޭނެއެވެ.

هذين އެދޭތިވެސް

مهنم އެމީންނަށްވުރެން، ދީލަތި އިހުސާންތެރީނަށްވުރެން،

أكرما މާބޮޑަށް ދީލަތިކަން

(ދުނިޔޭގައިވާހައި) ދީލަތި އިހުސާންތެރީން ގުނައި އަދަދުކޮށްބަލާށެވެ. އަދި މިއިހުސާންތެރީންނާއި މިނަންގަތް މަލާ އަދި ބުލްބުލާ އަޅާކިޔާލަބަލާށެވެ! އެމަލާ ބުލްބުލްގެ ދީލަތިކަން، ހުރިހާ އިހުސާންތެރީންނަށްވުރެވެސް، ބޮޑުކަން ކަލާއަށް އެނގިސާފުވާނެއެވެ.

ޝަރަހަ

ޅެންވެރިޔާ މިބައިތުގައި ވިދާޅުވަނީ ބޮޑެތި ބޮޑެތި ދީލަތި މުހުސިނުން ގުނާ އަދަދުކޮށް އަދި މާމެލާމެއްޔާއި ބުލްބުލްފަދަ ދޫނިތަކާ އަޅާކިޔުމަށެވެ. މިދެބައިމީހުންކުރެން ދީލަތިކަން ބޮޑީ ކާކުތޯބެލުމަށްޓަކައެވެ. ޅެންވެރިޔާގެ ނަޒަރުގައި މާމެލާމެއްޔާއި ބުލްބުލް ފަދަ ދޫނިތަކުގެ ދީލަތިކަން މާބޮޑެވެ. އެހެނީ އެވެރީން އެވެރީންގެ އިހުސާންތެރިކަމުގެ ބަދަލުގައި އެއްވެސްއެއްޗެއް ބޭނުމެއް ނުވެއެވެ. މާއްދީ ފައިދާއެއް، ޝުހުރަތެއް، ނޫންނަމަ ޝުކުރާއި ތައުރީފެއްވެސް ބޭނުމެއްނުވެއެވެ.

ޅެމާއި ތަރުޖަމާ

يَاصَاحِ خُذْ عِلْمَ الْمَحَبَّةِ عَنْهُمَا إنِّي وَجَدْتُ الْحُبَّ عِلْمًا قَيِّمَا

ياصاح އޭ އަހަރެންގެ އެކުވެރިޔާއެވެ. (މިތާނގައި ياصاح ރަމްޒުކުރަނީ ياصاحبي އަށެވެ.)

خذ އުނގެނޭށެވެ، ލިބިގަންނާށެވެ! (ލަފުޒީ މާނައަކީ 'ނަގާށެވެ'!)

علم އިލްމު

المحبة ލޯބީގެ

عنهما އެދޭތީގެ ކިބައިން

إني ހަމަކަށަވަރުން އަހަރެންނަށް

وجدت އެނގެއެވެ.

الحب ލޯތްބަކީ

علما އިލްމެއްކަން

قيما އަގުހުރި

އޭ އަހަރެންގެ އެކުވެރިޔާއެވެ! (ހާލިސް) ލޯބީގެ އިލްމު އެމަލުންނާއި ބުލްބުލްގެ ކިބައިން އުނގެނި ދަސްކުރާށެވެ.

އަހަރެން ދެކެނީ ލޯބީގެ އިލްމަކީ (ކޮންމެހެންވެސް އުނގެނެންޖެހޭ) އަގުހުރި އިލްމެއްކަމެވެ.

ޝަރަހަ

މާމެލާމެއްޔާއި ބުލްބުލް ފަދަ ދޫނިތަކުގެ އިހުސާންތެރިކަން ބޮޑެތި ބޮޑެތި ދީލަތި މުހުސިނުންނަށްވުރެ ބޮޑު ކަމަށްވާއިރު، ޅެންވެރިޔާ އޭނާގެ ހިޔާލީ އެކުވެރިޔަކާ މުހާތަބުކޮށް ވިދާޅުވަނީ ލޯބީގެ އިލްމު އެވެރީންގެ ކިބައިން އުނގެނުމަށެވެ. އެހެން މީހުން ދެކެ ލޯބިވެ، އެހެން މީހުނަށް ކަމޭހިތައި އިހުސާންތެރިވާން ދަސްކުރަންވީ މިފަދަ ދޫނިތަކާއި މާމަލުގެ ކިބައިންނެވެ. އެއްވެސް އަމިއްލަ އެދުމެއްނެތި، އެންމެ ތާހިރުގޮތުގައި އެހެން މީހުން ދެކެ ލޯބިވެ އެމީހުންނަށް އިހުސާންތެރިވާނީ ކިހިނެތްކަން ދަސްކުރަންވީ މާމަލާމެއްޔާއި ބުލްބުލް ފަދަ ދޫނިދޫނީގެ ކިބައިންނެވެ.

ޅެމާއި ތަރުޖަމާ

لَوْ لَمْ تَفُحْ هذِي وَهذَا مَا شَدَا عَاشَتْ مُذَمَّمَةً وَعَاشَ مُذَمَّمَا

لو ނަމަ

لم تفح މީރުވަހެއް ނުދުވި

هذي މިއިން (މިމަލުން)

وهذا އަދިމި (މިބުލްބުލް)

ما شدا ލަވަ ނުކީ (ނަމަ)

عاشت މި(މާ) ދިރިހުންނަހުށީ

مذممة ބަދުބަސް ލިބޭ ހާލުގައެވެ. مذمم ގެ އައިސްފައިވަނީ ذم މިމަސްދަރުންނެވެ. އޭގެ މާނައަކީ ބަދުބަހެވެ. ذَمَّمَ ގެ މާނައަކީ 'ބަދުބަސްބުނެ އެއްޗެތި ކިޔައިފި' މިއެވެ. ތައުރީފުކުރުމުގެ އިދިކޮޅެވެ. مذمم އަކީ ذم، ބަދުބަސް، ރައްދުވާފަރާތެވެ. ބަދުބަސް ލިބޭމީހާއެވެ. މީގެ އިދިކޮޅަކީ محمد އެވެ. ތައުރީފާއި ޝުކުރު ލިބޭ ފަރާތެވެ.

وعاش އަދި އެ(ބުލްބުލް) ދިރިހުރީހީ

مذمما ބަދުބަސްލިބޭހާލުގައެވެ

އެމަލުން މީރުވަސް ނުދުވިނަމަ، އަދި އެބުލްބުލް ލަވަނުކީނަމަ އެމަލާއި އަދި ބުލްބުލްވެސް އޭގެ ހަޔާތް ވޭތުކޮށްލީހީ އެއަށް އެއްޗެތި ކިޔެވި އަދި ނަރްފަތު ލިބިގެންވީ ހާލަތުގައެވެ.

ޝަރަހަ

ފިނިފެންމަލުން މީރުވަސް ނުދުވިނަމަ، އަދި ބުލްބުލް ރިވެތި ތަރާނާތައް ނުކިޔާނަމަ، މީސްތަކުން އެ އެއްޗިއްސަށް ލޯބިކޮށް ތައުރީފުގެ ބަސްތައް ކިޔައި އުޅުނީސްހެއްޔެވެ؟ މިފަދަ ގޮތެއްގައި މީސްތަކުންނަށް އެއެއްޗެތި އިހުސާންތެރި ނުވިނަމަ، އެ އެއްޗިއްސަށް ލިބޭނީ ކޮން ހެޔޮބަހެއް ހެއްޔެވެ؟ އަދި ކިއެއް ހެއްޔެވެ! އެހެންނުވިނަމަ އެއަށް ލިބޭނީ މީހުންގެ ބަދުބަހެވެ. ގަބުރުމަލަށް (މިއީ އިންޑޮނީސިއާގެ ސުމާޓުރާގައި ހެދޭ، ދުނިޔޭގައިވާ އެންމެ ނުބައިވަސްދުވާ މާކަމުގައި ހިމެނޭމަލެވެ. އެއިން ދުވާ ކަމަށްވަނީ ކުނިވެ ފުޅައަޅާފައިވާ ގަބުރަކުން ދުވާވަހެވެ.) ނުވަތަ ކާޅުގެ ގޮވުމަށް ލިބޭފަދަ ބަދު ބަސްބަހެވެ. އެހެންވެ، އިންސާނުންނަށްވެސް އިހުލާސްތެރިކަމާއިއެކު އިހުސާންތެރި ނުވެވޭނަމަ، ލިބޭނީ ބަދުބަސްތަކެވެ. މީހުންގެ ނަފުރަތާއި ބަދު ދުއާތަކެވެ.

ޅެމާއި ތަރުޖަމާ

فَاعْمَلْ لإسْعَادِ السِّوَى وَهَنَائِهِم إنْ شِئْتَ تَسْعَدُ فِي الْحَيَاةِ وَتَنْعَمَا

فاعمل އެހެންވެ، މަސައްކަތްކުރާށެވެ!

لإسعاد އުފާކޮށްދިނުމަށްޓަކައި

السوى އެހެންމީސްމީހުން

وهنائهم އަދި އެމީހުންގެ ހިތްހަމަޖެހިދިޔުމަށްޓަކައި

إن شئت ކަލާ އެދޭނަމަ

تسعد ބާއްޖަވެރިވުމަށް

في الحياة (ކަލާގެ އަމިއްލަ) ހަޔާތުގައި

وتنعما އަދި ކަލާއަށް ނިއުމަތް ލިބިގެންވުމަށާއި

އެހެންވެ (ކުރީން މިދެންނެވި ކަންކަމުން އިބުރަތް ލިބިގަނެ) އެހެން މީސްމީހުން (ގެހަޔާތް) ބާއްޖަވެރިކޮށްދީ އެމީހުންގެ ހިތް ހަމަޖެއްސުމަށްޓަކައި މަސައްކަތްކުރާށެވެ! ކަލާގެ ހަޔާތް ބާއްޖަވެރިކޮށް ހިތްހަމަޖެހުން އެދޭނަމައެވެ.

ޝަރަހަ

އިހުސާންތެރިވުމުގައި އިޚުލާސްތެރިކަމުގެ މިސާލުތައް ބަޔާންކުރުމަށްފަހު، މިބައިތުގައި ޅެންވެރިޔާ ވިދާޅުވަނީ ކޮންމެ މީހަކުވިޔަސް، އޭނާގެ ހަޔާތް ބާއްޖަވެރިކޮށް، ހަގީގީ އުފާ ހޯދަން ބޭނުން ކަމަށްވަންޏާ، އެހެން މީހުންނަށް ކަމޭހިތައި އިހުސާންތެރިވުމަށެވެ. މިބަހުގައި ވަރަށް ވަރުގަދަ ހަގީގަތެއް ވާކަމަށް ގަބޫލުކުރެވެއެވެ. އިންސާނީ ހަޔާތައް ބަލާލުމުންނެވެ. އާއްމު ގޮތެއްގައި އިންސާނުންގެ ދުނިޔެވީ މަގުސަދަކަށްވެފައި އޮންނަނީ އެމީހުންގެ އަމިއްލަ ހަޔާތް ބާއްޖަވެރިކުރުމަށެވެ. މިލަނޑުދަނޑި އާހަމައަށް ވާސިލުވުމަށްޓަކައި ތަފާތު ކަންތައް ކުރެއެވެ. އުނގެނުމުގެ މަސައްކަތެވެ. އެކިއެކި ވަޒީފާތައް އަދާކުރުމާއި ކުޅިވަރުކުޅުން ފަދަ މަސައްކަތެވެ. މުދަލާއި ފައިސާ ހޯދުމުގެ މަސައްކަތެވެ. މިކަންކަމުގައި ގިނަގުނަ ކާމިޔާބުތައް ހޯދުމެވެ. އަދި އެފަދަ ކާމިޔާބުތަކާއި ގުޅިގެން ލިބޭ ޝުހުރަތާއި ބާރާއި ޖާހުވެސް އެދިގެންނެވެ. މިއިންކަމެއް ހާސިލުނުވާ ހާހިނދު، މިކަންކަން ފެންނަނީ ހަޔާތް ބާއްޖަވެރިކޮށް، އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނޭ ކަންކަމުގެ ގޮތުގައެވެ. ޝައްކެއްނެތެވެ. މިފަދަ މަސައްކަތްތައްކޮށް ކާމިޔާބުތައް ހޯދުމަކީ ނުހަނު އެދެވިގެންވާ ކަމެކެވެ. އެކަމަށް ހިތްވަރުދީ ބާރުއަޅަންޖެހޭނޭ ކަންތައްވެސްމެއެވެ. ނަމަވެސް، ސުއާލަކީ އިންސާނާގެ ހުރިހާއުފަލެއް ގުޅިފައިވަނީ ހަމައެކަނި މިކަންކަމާތޯއެވެ. ޖަވާބުގައި ދެންނެވޭނީ ހިޔެއްނުވެއެވެ. ދުނިޔޭގައި އެކިއެކި ބޮޑެތި ކާމިޔާބުތައް ހޯދައިފައިވާމީހުންގެ ހަޔާތަށް ބަލާލާއިރު މިކަން ސާފުވެއެވެ. ދެތިން މިސާލެއް ލިޔެލާނަމެވެ.

އެންމެ ފުރަތަމަ ސައިންސް އިލްމުވެރިޔެއްގެ ވާހަކައެކެވެ. އާނާއަކީ އެމީލް ފިޝަރއެވެ. ޖަރުމަނުވިލާތުގެ މަޝްހޫރު ކެމިސްޓެކެވެ. އޭނާއަށް 1902 ވަނަ އަހަރު ކެމިސްޓްރީގެ ނޯބެލް އިނާމު ލިބުނެވެ. އާދެ! އިލްމުވެރިކަމުގައި ލިބޭނޭ އެންމެމަތިވެރި ކާމިޔާބެވެ. ހަޔާތަށް އުފަލާއި ބާއްޖަވެރިކަން ގެނެސްދޭން ޖެހޭނޭ ކަމެކެވެ. ނަމަވެސް އޭނާގެ ހަޔާތުގެ ނިމުމަށް ބަލާލާއިރު ފެންނަނީ ހިތްދަތިކަމާއި އަބާއްޖަވެރިކަމެވެ. މީގެ ސަބަބަކީ ކޮބައިކަން މިމަގާމުގައި ހޯދުން މުހިއްމެއް ނޫނެވެ. މުހިއްމީ އޭނާގެ ހިތްހަމަނުޖެހިފައިވާކަން ފާހަގަކޮށްލުމެވެ. ފައިސާއާއި މުދަލާއި ޝުހުރަތު ލިބިފައިވީއިރުވެސްމެއެވެ. އެހެންވެ، އަމިއްލައަށް މަރުވެގެން ހަޔާތް ނިންމާލަންޖެހުނުކަމެވެ.

ހަމަ މިގޮތަށް ކާމިޔާބު ހާސިލުކޮށް މުދަލާއި ޝުހުރަތު ލިބުމަށްފަހު އެމީހުންގެ ހަޔާތް އަމިއްލައަށް މަރުވެ، ނިންމާލި މީހުންގެ ތެރޭގައި އެހެންދެ ނޯބެލް އިނާމުހާސިލުކުރި ދެބޭކަލަކުވެސް ހިމެނެއެވެ. އަދަބިއްޔާތުގެ ރޮނގުން ނޯބެލް އިނާމު 1954 ގައި ހާސިލުކުރި އެމެރިކާގެ އާރނަސްޓް ހެމިންގްވޭ އާއި ހަމަ އެރޮނގުން ނޯބެލް އިނާމު 1968ގައި ހާސިލުކުރި ޖަޕާނުގެ ޔަސުނާރީ ކަވަބާޓާއެވެ.

މީގެ އަނެއްކޮޅުވެސް އަޅުގަނޑުމެންނަށް ފެނެއެވެ. މުދަލާއި ފައިސާ ހޯދުމަށްފަހު، އެކަމުންވެސް އެންމެ އެދެވޭ ހިތްހަމަ ޖެހުން ނުލިބުމުން، އެމީހުންނަށް ލިބުނު ފައިސާއާއި މުދާ އެކިސިފައިގައި އެހެންމީހުންނަށް ސަދަގާތްކޮށް ހޭދަކުރާ ވާހަކައެވެ. މިގޮތުން، ދުނިޔޭގެ އެންމެ ބޮޑެތި ފައިސާވެރީންގެ ގޮތުގައި ހޮވާލެވޭ ބިލިޔަނަރުން ކަމުގައިވާ ވޮރަން ބުފޭ، ބިލް ގޭޓްސްގެ ވާހަކައަކީ އާއްމު ވާހަކައެވެ. އެމީހުންގެ ފައިސާ އެހެން މީހުންނަށްޓަކައި ސަދަގާކޮށް ހޭދަކުރާ ވާހަކައެވެ. މިކަންކަމުން، ޅެންވެރިޔާ ވިދާޅުވެފައި އޮތްބަހުގެ ސައްހަކަމަށް ބާރުލިބެއެވެ. އޭގެ ތެދުކަން އެނގިގެންދެއެވެ. އާދެ! ހަޔާތަށް ބާއްޖަވެރިކަމާއި ހަގީގީ އުފާ ލިބިދެނީ އެހެން މީހުނަށްވެސް އެހީފޯރުކޮށްދެވިގެންނެވެ.

ޅެމާއި ތަރުޖަމާ

أيْقِظْ شُعُورَكَ بِالْمَحَبَّةِ إنْ غَفَا لَوْلا الشُّعُورُ النَّاسُ كَالدُّمَي

أيقظ ހޭލައްވާލާށެވެ!

شعورك ކަލާގެ ޝުއޫރު، މިތަނުގައި ޝުޢޫރު ގެ މުރާދަކީ 'ޒަމީރު’އެވެ.

މިތަނުގައި "ޝުޢޫރު"ގެ މުރާދަކީ ޒަމިރޭ ބުނެފައިވުން ފަހުމުވެގަތުމަށްޓަކައި އިތުރު ވާހަކައެއް ލިޔެލަން ޖެހެއެވެ. އަރަބި ބަހުގައި ޝުއޫރުއާއި އިހުސާސުއަކީ އެ ދެ ލަފުޒުގައި ގާތްކުރާ މާނައެއް އެކުލެވިގެންވާ ދެލަފުޒެވެ. ދެލަފުޒުންވެސް އިޝާރަތްކުރަނީ އެނގިގަނެވޭ އެނގުމަކަށެވެ. ތަފާތުވަނީ އެނގިގަނެވޭ ވަސީލަތެވެ. ގޮތެވެ. އިހުސާސަކީ ހިއްސުތަކުން އެނގިގަނެވޭ އެނގުންތަކެވެ. ފެނުމުގެ ހިއްސުންނާއި އިވުމުގެ ހިއްސުން އެނގިގަނެވޭ ރީތި ހުތުރު މަންޒަރުތައް ނުވަތަ ރީތި ހުތުރު އަޑުތައް، ރަހަބެލުމުގެ ހިއްސުން އެނގިގަނެވޭ ފޮނިކަމާއި ކުޅިކަން، ބީހުމުގެ ހިއްސުން އެނގިގަނެވޭ އޮމާންކަމާއި ކުރަކިކަން، ވަސްދުވުމުގެ ހިއްސުން އެނގިގަނެވޭ މީރުވަހާއި ނުބައިވަސް، މިފަދަ، ހިއްސުތަކުގެ ޒަރިއްޔާއިން އެނގިގަނެވޭ އެނގުންތަކެވެ. މިއާ ޚިލާފަށް ޝުއޫރަކީ ހިތުގެ އެނގުމެވެ. ރޫހު ނުވަތަ މުޅި އިންސާނީ ޖައުހަރާއި ގުޅިފައިވާ އެނގުމެވެ. ރުހުމާއި ނުރުހުމެވެ. ލޯބިވުމާއި ފޫހިވުމާއި ނަފުރަތުކުރުމެވެ. މިފަދަ ހިތުގެ ޒަރިއްޔާއިން އެނގިގަނެވޭ އެނގުންތަކެވެ. އެހެންވެ ޝުޢޫރޭ ބުނުމުން ދޭހަވަނީ އިންސާނާގެ ޖައަހުރަށް، މުޅި ހަށިގަނޑަށް، އަސަރުކުރުވާ ގޮތެއްގައި އެނގިގެންދާ އެނގުމެވެ.

بالمحبة އޭގައި ލޯބި އަށަގަންނުވައި

إن غفا އެޒަމީރު ނިދިޖެހިފައިވާނަމަ

لو لا الشعور ހިތުގެ އެނގުންނެތް ނަމަ، ޒަމީރެއްނެތްނަމަ،

الناس އިންސާނުންވީހީ

كالدمي (ޖާމިދު، ފުރާނައެއްނެތް، ދިރުމެއްނެތް،) ބުދުތަކެއްފަދަ އެއްޗިއްސަށެވެ.

ކަލާގެ ޒަމީރު ނިދައިމަރުވެފައިވާނަމަ، އެޒަމީރުގައި (އެހެން މީހުން ދެކެ) ލޯބިވުމުގެސިފަ އުފައްދައި އެއަށްދިރުން ގެންނާށެވެ!

(ދިރިހުރި) ޒަމީރެއްނެތް ނަމަ އިންސާނުން ވާހުށީ (ފުރާނައެއް ނެތް، ދިރުމެއްނެތް) ބުދުތަކަކަށެވެ.

ޝަރަހަ

އިންސާނީ ހަޔާތުގެ ބާއްޖެވެރިކަމާއި އިހުސާންތެރިވުމާއި ގުޅިފައިވާތީ އެއީ ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެކެވެ. މިކަން ކުރާނީ ކިހިނެއްތޯ މިބައިތުގައި ބުނެދެވިފައިވެއެވެ. އޭނާ ދެކޭގޮތުގައި ތިމާގެ ހިތްހޭލައްވައި ހިތުގެ އިހުސާސު ވަރުގަދަކޮށްލަންވީއެވެ. އަދި ތިމާގެ ޒަމީރަކީ އެއަށް ދިރުން ލިބިގެންވާ ޒަމީރަކަށް ހަދާލަންވީއެވެ. ފޫހިވުމާއި ނަފްރަތުކުރުމާއި ހަސަދަވެރިވުމާއި ރުޅިއިސްކުރުމާއި މިފަދަ ސަލްބީ އިންފިއާލީ ޝުޢޫރުތަކުން (ނެގަޓިވް އިމޯޝަން) ހިތް ހުސްކޮށްލަންވީއެވެ. އަދި އޭގެ ބަދަލުގައި ހިތުގައި އެހެން މީހުންގެ މައްޗަށް ލޯބިވުން އުފައްދާލަންވީއެވެ. އޭރުން އެހެން މީހުންނަށް އޯގާތެރިވެ ކަމޭހިތި އެމީހުންނަށް ހެޔޮގޮތުގައި މުއާމަލާތްކުރެވޭނެއެވެ. ދިރިހުރި ޒަމީރެއްނެތްނަމަ، އަދި އެހެންމީހުންގެ އިހުސާސުތައް ދެނެނުގަނެވޭނަމަ، އިންސާނާއާއި ފުރާނަނެތް ޖާމިދު އެއްޗިއްސާ ހުރި ތަފާތަކީ ކޮބާހެއްޔެވެ؟ ޅެންވެރިޔާ ވިދާޅުވަނީ ނެތްކަމަށެވެ.

ޅެމާއި ތަރުޖަމާ

أحْبِبْ فَيَغْدُو الْكُوخُ قَصْرًا نَيِّرَا وَابْغَضْ فَيُمْسِي الْكَوْنَ سِجْنًا مُظْلِمَا

أحبب (އެންމެންދެކެވެސް) ލޯބިވާށެވެ

فيغدو އޭރުން، ބަދަލުވެގެންދާނެއެވެ.

الكوخ ޖިފުޓި ގަނޑުވެސް

قصرا ގަނޑުވަރަކަށް

نيرا ގަދައަށް އަލިކުރެވިފައިވާ

وابغض (މީހުންދެކެ) ފޫހިވެ (އެމީހުންނަށް) ނަފުރަތު ކުރާށެވެ

فيمسي އޭރުން، ވެގެންދާނީ

الكون (މުޅި) ކައުނު(ވެސް)

سجنا ހަރުގެއަކަށެވެ، ޖަލަކަށެވެ.

مظلما އަނދިރިކަން މުޅިއެތާގައި ފެތުރިފައިވާ

(އެންމެން ދެކެވެސް) ލޯބިވެ (އެންމެނަށްވެސް) ކަމޭހިތާށެވެ! އޭރުން (ކަލާއަށް އުޅެންޖެހިފައި އޮތީ ނަކަމެތި ޖިފުޓި ގަނޑެއްގައި ކަމަށްވިޔަސް) އެޖިފުޓިގަނޑު އޮންނާނީ އަލިވެއުޖާލާވެފައެވެ.

(ނަމަވެސް އެހެން މީހުންދެކެ ފޫހިވެ އެހެން މީހުންނަށް) ނަފުރަތު ކުރާނަމަ، ކަލާއަށް (މުޅި) ކައުނުވެސް، އޮންނާނީ ކަޅުއަނދިރި ޖަލަކަށް ވެފައެވެ.

ޝަރަހަ

ހިތުގައި، އެހެންމީހުންގެ މައްޗަށް އިޚުލާސްތެރި ލޯތްބެއް އުފައްދައިލެވިއްޖެނަމަ، ޅެންވެރިޔާ ވިދާޅުވަނީ، އެމީހަކަށް އޮތީ އުފަލާއި ބާއްޖަވެރިކަމެވެ. އެމީހެއްގެ އަތުގައި މާއްދީ މާބޮޑު މުއްސަނދިކަމެއް ނެތަސްވެހެވެ. އެމީހަކު ނިކަމެތި ޖިފުޓިގަނޑެއްގައި އުޅެންޖެހިފައި ވިޔަސްވެހެވެ. މިއާ ޚިލާފަށް، މީހެއްގެ ހިތްނުބައިވެ، ހަސަދަވެރިވެ ނުބައި އަޚުލާގެއްގެ ވެރިޔަކަށް ވެއްޖެނަމަ، ޅެންވެރިޔާ ވިދާޅުވަނީ އެމީހަކަށް މުޅި ދުނިޔެ ލިބިފައި އޮތަސް އުފަލެއްނެތެވެ. އެދުނިޔެ ވެގެންދާނީ އަނދިރި ހަރުގެއަކަށެވެ. ހިތްދަތިކަމާއި އުނދަގޫތައް މެދުވެރިކުރުވާޖަލަކަށެވެ.

ޅެމާއި ތަރުޖަމާ

كَرِهَ الدُّجَى فَاسْوَدَّ إلا شُهْبَهُ بَقِيَتْ تَضْحَكُ مِنْهُ كَيْفَ تَجَهَّمَا

كره (ދުނިޔެމަތީން) ފޫހިވިއެވެ

الدجى ރޭގަނޑު އަނދިރިކަން، މުރާދަކީ ރޭގަނޑު،

فاسود ދެން (އޭގެ މޫނުމަތި) ކަޅުވެ (އަނދިރިވިއެވެ)

إلا ނަމަވެސް

شهبه އެ ރޭގަނޑުގެ ތަރިތައް، شَهاب ގެ ޖަމާ. ގަދައަށް އަލިކޮށްދޭ ހުޅުކޮޅު، ދުންތަރި، މިތާނގައި މުރާދަކީ ތަރިތައް.

بقيت ދެމިހުރެއެވެ.

تضحك منه ރޭގަނޑަށް މަލާމާތް ކުރުންމަތީ، ތަރިތަކުގެ ފިޔަޖެހުން މިތާނގައި ސިފަކުރެވިފައިވަނީ ތަރިތަކުގެ ހުނުން ކަމުގައެވެ

كيف ކިހިނެއްވެތޯ

تجهما ރޭނގަޑު ނަފުރަތުގެ މޫނެއްދެއްކީ

ރޭގަނޑު (ދުނިޔެމަތީން) ފޫހިވެއެވެ. އަދި (އޭގެ މޫނުމަތި ކުނިކޮށް) ކަޅުކޮށްލިއެވެ. ހަމައެކަނި (ރޭގަނޑުގެ) ތަރިތައް ފިޔަވައެވެ. އެތަރިތައް، ރޭގަނޑު (ދުނިޔެމަތިން ފޫހިވެ) މޫނުކުނިކުރިކަމާމެދު އެއަށް މަލާމާތް ކޮށްކޮށް (އެބަހީ ފިޔަޖަހަޖަހާ) ދެމިހުއްޓެވެ.

ޝަރަހަ

މީހުން ދެކެ ފޫހިވެ ނަފުރަތު ކުރުމަކީ ހުތުރު ސިފައެކެވެ. އަހުލާގީ މާތް ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފައެއްނޫނެވެ. އަދި އެހެންވެ، އަހުލާގީ މާތް ސިފަތަކަށް ލޯބިކުރާ އެންމެވެސް މިފަދަ ސިފަތަކާމެދު ނުރުހޭނެއެވެ. މިކަން ބަޔާންކޮށްދިނުމުގެ ގޮތުން، މިބައިތުގައި، ރޭގަނޑާއި ތަރިތައް ވަނީ ތަޝްޚީސްކުރެވި، އިންސާނީ ޝަޚްސިއްޔަތުގެ ސިފަ އެ އެއްޗިއްސަށް ދެވިފައެވެ. ރޭގަނޑުގެ މޫނު ކަޅުކޮށްލައި ނުރުހެންޖެހޭނޭ ސަބަބެއް ތަރިތަކަށް ނުފެނުމުން، ތަރިތައް އެކަމާ ހީމަލާމާތްކޮށް ހަދައެވެ. އާދެ، ނުރުހުމާއި ނަފްރަތުގެ މޫނު ދައްކާ މީހުންނަށްވެސް އެކަމުން ކުރާނޭ އެއްވެސް ފައިދާއެއްނެތެވެ. އެކަންވާނީ އެމީހުންގެ އަމިއްލަ ނަފްސަށް ހަމަ ހިލޭ ކުރެވޭ މަސައްކަތަކަށެވެ. އަދި ކިއެއްހެއްޔެވެ! އެކަމުން އޮތީ ހުސްގެއްލުމެވެ. އެފަދަމީހުންނާ ކައިރިވާކަށް އެއްވެސްމީހަކު ބޭނުމެއް ނުވާނެތީއެވެ.

ޅެމާއި ތަރުޖަމާ

لَوْ تَعْشِقُ الْبَيْدَاءُ أصْبَحَ رَمْلُهَا زَهْرًا وَصَارَ سَرَابُهَا الْخَدَّاعُ مَا

لو تعشق ލޯބިވި ނަމަ

البيداء ހަނަފަސް ސަހަރާ

أصبح ވީހެވެ

رملها އޭގެ ވެލިގަނޑު

زهرا މާމެއްޔަށް

وصار އަދި ބަދަލުވެގެން ދިޔައީހެވެ

سرابها އޭގެ އަވާމެންދުރު

الخداع ކެހިވެރި

ما ފެނަށް. މިތަނުގައި ޅެން ވަޒަނަށް ފައްތައި ގާފިޔާ ހަމަކޮށް ފަހުއަކުރު މީމަކަށް ނިންމުމަށްޓަކައި ماء (ފެން) މިލަފުޒުގެ ކުރުއަލިފު ء ވަނީ އުނިކުރެވިފައެވެ.

ހަނަފަސް ސަހަރާއަށްވެސް (އެހެން އެއްޗިއްސަށް) ލޯބިކުރެވުނު ނަމަ އޭގެވެލިގަނޑު ބަދަލުވެގެން ދިޔައީހީ މާތަކަކަށެވެ. އަދި އެސަހަރާގެ ކެހިވެރި އަވާމެންދުރު ފެނަށް ވެގެންދިޔައީހެވެ.

ޝަރަހަ

އަނެއްކާވެސް އިތުރު ތަޝްޚީސެކެވެ. ސަހަރާގެ ބިންގަޑު މަރުވެފައިވަނީ އޭގެހިތުގައި ލޯބި އުފައްދާލަންނޭނގުނީތީއެވެ. އެކަން ހަނަފަސް ސަހަރާއަށް އެނގޭނެނަމަ، އަދި އެހެން މީހުންދެކެ ލޯބިވެވުނުނަމަ، ސަހަރާގެ ވެލިގަނޑު ބަދަލުވެގެން ދިޔައީހީ މަލުގެ ހިތްގައިމު ބަގީޗާއަކަށެވެ. ހަމަ އެފަދައިން އިންސާނެއްގެ ހިތުގައި އެހެން މީހުންގެ މައްޗަށް ލޯބި އުފައްދައިލެވިއްޖެނަމަ އޭނަގެ ހިތް ދިރިގެންދާނެވެ. އަދި އެކަންވާނީ އޭނާއަށް ނުހަނު އުފަލާ ހިތްހަމަޖެހުން ގެނެސްދޭ ކަމަކަށެވެ.

ޅެމާއި ތަރުޖަމާ

لَوْلَمْ يَكُنْ فِي الأرْضِ إلاَّ مُبْغِضٌ لَتَبَرَّمَتْ بِوُجُودِهِ وَتبَرَّمَا

لو لم يكن ނުވި ނަމަ

في الأرض ދުނިޔޭގައި، ބިމުގައި

إلا ފިޔަވައި

مبغض ނަފުރަތުކުރާ މީހެއް

لتبرمت ދުނިޔެ ފޫހިވީހެވެ

بوجوده އޭނާ ވުޖޫދުގައި ވީތީވެ

وتبرما އަދި އޭނަވެސް (ދުނިޔެމަތީން) ފޫހިވީހެވެ

ދުނިޔޭގައި ހުރީ (އެހެން މީހުން ދެކެ) ފޫހިވާ އެއްމެ މީހަކު ކަމުގައި ވީކަމުގައިވިޔަސް، ދުނިޔެ، އެމީހާ މިވުޖޫދުގައި ވީތީވެ، އޭނާދެކެ ފޫހިވީހެވެ. އަދި އޭނަވެސް ދުނިޔެ ދެކެ ފޫހިވީހެވެ.

ޝަރަހަ

މީހުން ދެކެ ފޫހިވެ ނަފުރަތުކުރާ މީހާ ދެކެ، ޅެންވެރިޔާ ދެކިލައްވާ ގޮތުގައި، އެންމެވެސް ފޫހިވާނެއެވެ. މިކަން ބަޔާންކޮށްދިނުމުގެ ގޮތުން، ޅެންވެރިޔާ ވިދާޅުވަނީ، މުޅިދުނިޔެއިން އެހެން މީހުން ދެކެ ލޯބިވާ މީހުންހުސްވެ ދުނިޔޭގައި ބާކީ ހުރީ އެއްމެ މީހެއް ކަމުގައި ވީނަމަވެސް، އެމީހަކީ މީހުންދެކެ ނަފުރަތުކުރާ މީހެއްނަމަ، އޭނާދެކެ، ދުނިޔެ ފޫހިވާނޭކަމެވެ. އެހެނީ އެފަދަ މީހަކަށް ފައިދާހުރި ކަމެއް ކޮށްދެވިދާނެބާވައެވެ؟ ނޫނެކެވެ! އެހެން ކަމަށްވާއިރު އޭނާ ވުޖޫދުގައި ވުމުގެ ބޭނުކަމީ ކޮބައިހެއްޔެވެ؟ މިސުއާލުގެ ޖަވާބުގައި ދުނިޔެވެސް ބުނާނީ އެއްވެސް ބޭނުމެއް ނެތްކަމެވެ. ޝައްކެތް ނެތެވެ. އޭނާވާނީ އެކަނިވެރިއަކަށެވެ. ޚުދް އޭނާވެސް ހުންނާނީ ދުނިޔެމަތީން ފޫހިވެފައެވެ. އަދި އޭނާ ދެކޭނީ ދިރިހުރުމަކީ ބުރައެއްކަމަށެވެ.

ޅެމާއި ތަރުޖަމާ

لاحَ الْجَمَالُ لِذِي نُهًى فَأحَبَّهُ وَرَآهُ ذُو جَهْلٍ فَظَنَّ وَرَجَمَا

لا ح ވިދާބަބުޅާލިއެވެ. މުރާދަކީ ފެނުނެވެ.

الجمال ރީތިކަން

لذي ވެރިއަކަށް

نهى ބުއްދީގެ

فأحبه ދެން (ހަމަވަގުތުން) އެއަށް ލޯބިޖެހުނެވެ.

ورآه އަދި އެތަން ފެނުނެވެ.

ذو ވެރިއަކަށް

جهل ޖާހިލުކަމުގެ

فظن ދެން އޭނާ (އެކަމާމެދު) ނުބައިހީތައް ހީކުރިއެވެ.

ورجما އަދި (އެއާ ދިމާލާށް އެއްޗެތި) އުކިއެވެ. މުރާދަކީ އޭނާއަކަށް އެކަން ބަލައެއް ނުގަނެވުނެވެ.

(ދުނިޔޭގެ) ރީތިކަން ބުއްދީގެ އަހުލުވެރިއެއްގެ ކުރިމަތީން ވިދާބަބުޅާލައިފިނަމަ، އޭނާ އެރީތިކަން ބަލައިގަނެ އެކަމަށް ލޯބިކުރެއެވެ. މިއާ ޚިލާފަށް ގޮތެއްފޮތެއްނެތް ޖާހިލަކަށް ރީތިކަމެއް ފެނިއްޖެނަމަ، އެއާ ދޭތެރޭ ނުބައިހީތައް ހީކޮށް އެކަން ބަލައިގަތުމަށް ދެކޮޅުހަދައެވެ.

ޝަރަހަ

ވިސްނޭ ހެޔޮލަފާ މީހުން، ރީތި ގޮތްތަކާއި، މާތް އަހުލާގީސިފަތައް ފެނުމުން، އެކަންކަން ގަބޫލުކޮށް ބަލައިގަނެ، އެސިފަތަކުން ޒީނަތްތެރިވުމަށް މަސައްކަތްކުރާނެއެވެ. ނަމަވެސް ގޮތެއް ފޮތެއްނެތް، ރިވެތި އަޚުލާގީ މިންތައް ގަބޫލުނުކުރާ މީސްމީހުންނަށް މިކަންކަން ބަލައެއްނުގަނެވޭނެއެވެ. ހެޔޮލަފާ ގޮތްތަކާއި ރީތިސިފަތައް މީހެއްގެ ކިބައިން ފެނިއްޖެނަމަ، މިމީސްމީހުނަށް އެކަން ބަލައެއްނުގަނެވޭނެއެވެ. އެމީސްމީހުންނަށް، އެފަދަ މޫރިތި ގޮތްހުރި މީހުންނާއިދޭތެރޭ ހީކުރެވޭނީ ނުބައިގޮތްތަކެވެ. މަސައްކަތްކުރެވޭނީ ކޮންމެވެސް އައިބެއް، ނުރަގަނޅު ކަމެއް އެމީހުންގެ ކިބައިންފެނޭތޯއެވެ.

ޅެމާއި ތަރުޖަމާ

لا تَطْلُبَنَّ مَحَبَّةً مِنْ جَاهِلٍ الْمَرْءُ لَيْسَ يُحَبُّ حَتَّي يُفْهَمَا

لا تطلبن ނޭދޭށެވެ.

محبة ލޯބިވުމެއް

من جاهل ޖާހިލެއްގެ ކިބައިން،

المرء އިންސާނާ

ليس يُحب އޭނާދެކެ ލޯތްބެއް ނުވެވޭނެއެވެ.

حتي يُفهما އޭނާއަށް ވިސްނައިދެވިއްޖައުމަށް ދާންދެން

(މީހުން ދެކެ) ލޯބިވެ އެމީހުންނަށް ހެޔޮކޮށްހިތަން، (ގޮތެއްފޮތެއް ނެތް) ޖާހިލެއްގެ ކިބައިން ނޭދޭށެވެ.

މީހެއް ދެކެ ލޯބިވެވޭނީ އޭނާއަށް ރަނގަޅަށް ވިސްނައިދީ ފަހުމުކޮށްދެވި ގެންނެވެ.

ޝަރަހަ

ގޮތެއްފޮތެއްނެތް މީހަކަށް ހެޔޮ ރަނގަޅު ގޮތް ބަލައިނުގަނެވޭ ކަމަށްވަންޏާ، އެފަދަ މީހެއްގެ ފަރާތުން އެހެން މީހުން ދެކެ ލޯބިވެ، އެހެން މީހުންނަށް އިހުސާންތެރިވާން އެދުމުގެ ބޭނުމެއްނެތެވެ. އެއީ މިފަދަ މޫރިތިކަމެއް މީހެއްގެ ކިބައިގައި އުފައްދައިލެވޭނީ ގޮތާއިފޮތް އެނގި ދަސްވެގެންނެވެ. ހެވާއި ނުބައި ސާފުގެންނެވެ. ރަގަޅާއި ނުރަނގަޅު ވަކިކުރެވިގެންނެވެ. މިކަންކަން ނޭނގި ހެޔޮލަފާ އިންސާނަކަށް ނުވެވޭނެއެވެ.

ޅެމާއި ތަރުޖަމާ

وَارْفُقْ بِأبْنَاءِ الغَبَاء كَأنَّهُمْ مَرْضَى فَإنَّ الْجَهْلَ كَالْعَمَى

وارفق މަޑުމައިތިރިކަމާއެކު މުއާމަލާތް ކުރާށެވެ!

بأبناء މީހުންނާދޭތެރޭ

الغباء ނުވިސްނޭ، ތަންދޮރު ނުދަންނަ، ދިވެހި ބަހުގެ 'ގަބު' މިލަފުޒުގެ އަސްލަކީ غباء ހެން ހީވެއެވެ.

كأنهم (އެހެނީ) އެމީހުންނަކީ ފަދަ ބައެކެވެ.

مرضى ބަލިމީހުން

فإن ހަމަކަށަވަރުން

الجهل ތަންދޮރުނުދަތުމަކީ

كالعمى ކަނުއަނދިރިވުންފަދަ ކަމެކެވެ.

އެހެންވެ (އެފަދަ) ތަންދޮރުނުދަންނަ މީހުންނަކީ ބަލިމީހުން ކަމަށް ދެކިގެން، (ރުޅިއިސްނުކޮށް) މަޑުމައިތިރިކަމާއިއެކު އެމީހުންނާ ދޭތެރޭ ހިތާށެވެ. އެހެނީ ތަންދޮރު ނުދަތުމަކީ ކަނުއަނދިރިކަން ފަދަ ކަމެކެވެ.

ޝަރަހަ

ގޮތްފޮތް ނެތް މީހުންނާ ދޭތެރޭވެސް ނިކަމެތިކޮށް ހިތައިގެންނުވާނެއެވެ. އެމީހުން ދެކެންޖެހޭނީ ބަލިމީހުންކަމުގައެވެ. ބަލިމީނުން އެމީހުންގެ ބައްޔަށް ޝިފާ ހޯދަން މަސައްކަތްކުރާ ފަދައިން، ގޮތްފޮތްނެތް މީސްމީހުންގެ ބައްޔަށްވެސް ބޭސްކޮށް ޝިފާހޯދަން މަސައްކަތްކުރަންޖެހެއެވެ. އެއީ ރިވެތިގޮތަކީ ކޮބައިކަން ބުނެދީގެންނެވެ. އެކަން ވިސްނައި ފަހުމްކޮށްދީގެންނެވެ.

ޅެމާއި ތަރުޖަމާ

وَالْهَ بِوَرْدِ الرَّوْضِ عَنْ أشْوَاكِهِ وِانْسَ الْعَقَارْبَ إنْ رَأيْتَ الأنْجُمَا

واله އުފާލިބިގަނެ މުނިފޫހިފިލުވާށެވެ!

بورد ފިނިފެންމަލުން

الروض ބަގީޗާގެ

عن أشواكه އެފިނިފެންމަލުގައިވާ ކަށިތަކުން އެއްކިބާވެހުރެ، މާނައަކީ އެކަށިތައްމަތީން ހަނދާންނައްތާލައިގެންހުރެ

وانس އަދި ހަނދާންނައްތާލާށެވެ.

العقارب ނަގުލަންދާށި މަތީން، ނުބައި މީސްމީހުންނާއި ހިތްދަތިކުރާ ކަންތައްތައް މަތީން

إن رأيت ފެނިއްޖެނަމަ

الأنجما ތަރިތައް، ހެޔޮލަފާމީހުންނާއި އަދި ހިތައް ހަމަޖެހުންގެންނަކަންތައްތައް.

(ގޮތްފޮތް ނެތް ޖާހިލުން ދުނިޔޭގައި އުޅުނެތްކަމަކު، އެހެން މީސްމީހުންނަށް، އިހުސާންތެރިވުމަށް ފަސް ނުޖެހޭށެވެ.) ބަގީޗާގެ ފިނިފެންމަލުގެ ވަށައިގެންވާ ކަށިތައްމަތީން ހަނދާންނައްތާލައި، އެމަލުން އުފާލިބިގަނެ މުނިފޫހިފިލުވާ ފަދައިންނެވެ. އަދި (ބިމުގައި އުޅޭ) ނަގުލަންދާށިމަތީން ހަނދާންނައްތާލައި، (ފިޔަޖަހަޖަހާ އުޑުގައިވާ) ތަރިތަކަށް ބަލައި އުފާލިބިގަންނަ ފަދައިންނެވެ.

ޝަރަހަ

ނުރަނގަޅު މީހުން އެބައުޅެޔޭ ކިޔައި ރަނގަޅު ހެޔޮގޮތް ހިޔާރުކޮށް އެހެން މީހުންނަށް އިހުސާންތެރިވުން ދޫކޮށް ނުލާށެވެ. ފިނިފެންމަލުގެ ވަށައިގެން ކަށިތައް ފަޅާފައި ހުއްޓެއްކަމަކު، އެ ފިނިފެންމަލުން އުފާ ލިބިގަނެވެއެވެ. އަދި ބިމުގައި ނަގުލަންދާށި އުޅެނުއްކަމަކު އުޑުގައި ވިދަވިދާ ހުންނަ ތަރިތަކުން އުފާލިބިގަނެވެއެވެ. އެހެންވެ، ބައެއްގެ ކިބައިން ނުރަނގަޅު ކަމެއްފެނުނަސް، އިހާނެތި ކަމެއް ލިބުނަސް އެ ނުރަނގަޅުގޮތް ކޮޕީކުރަން ނުހަދާށެވެ. އެފަދަ ކަންކަން، ރަނގަޅު ގޮތުގައި ކަންތައް ކުރުމަށް ހުރަސް އެޅިޔަނުދޭށެވެ. މިމަގާމުގައި ހަނދާނަށް އަންނަނީ އިޓަލީގެ މުސްތައުމިރުންގެ ކިބައިން ލީބިޔާ މިނިވަންކުރުމަށް މަސައްކަތްކުރެއްވި ލީބިޔާގެ ގާއިދު އުމަރު އަލްމުޚްތާރު ވިދާޅުވި ކަމަށް ބުނެއުޅޭ ވާހަކައެވެ. އެއް ދުވަހަކަ އިޓަލީގެ ހަނގުރާމަވެރި ސިފައިންގެ ބަޔަކު އަސީރުކުރެވި ގާއިދު އުމަރު އަލްމުޚްތާރުގެ ކުރިފުޅު މައްޗަށް ހާޒިރުކުރެވުނެވެ. ދެން އެ އަސީރުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރުމަށް ގާއިދު އެންގެވިއެވެ. މިހިނދު، ލީބިޔާގެ ބައެއް ހަނގުރާމަވެރިން ގާއިދަށް ދެންނެވިއެވެ. އަހަރުމެންގެ އަސީރުންނާ ދޭތެރޭ އެމީހުން ކަންތައް ކުރަނީ ތިވިދާޅުވާ ގޮތަކަށް ނޫނެވެ. އެމީހުން އަހަރުމެންގެ އަސީރުން ގަތުލުކޮށް މަރާލަނީއެވެ. ދެން ގާއިދު އުމަރު ވިދާޅުވިއެވެ. "އަހަރުމެންނަށް އުނގަންނައިދޭ ބަޔަކު ކަމުގައި އެމީހުންނެއް ނުވެއެވެ." އާދެ، ބަޔަކު މީހުން ނުރަނގަޅު ކަމެއް ކުރުމުން، އެގޮތަށް ކަންތައް ކުރާކަށް ނުޖެހެއެވެ. އެއީ ފަހަރައްގައިވެސް ރީތި އަދި ރަނގަޅުގޮތެއް ނޫނެވެ. ބާރު ލިބިގެންވީ ވަގުތުގައި ބަދަލުހިފުމަކަށް އެކަލޭގެފާނު ގަބޫލުފުޅު ކުރައްވާ އުސޫލުތައް ތަނެއް ނުދިނެވެ. އޭނާ އެވަގުތުގައި ދެއްކެވީ ހެޔޮލަފާ އިންސާނުން ކަންތައް ކުރާނޭގޮތެވެ. އާދެ، އިހުސާންތެރިކަމުގެ ވަރަށް ރީތި މިސާލެކެވެ. 'ބަލްސަމް' އަކަށް، ހެޔޮލަފާ އިންސާނަކަށް، ވުމުގެ ލާމަސީލު މިސާލެކެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *