Support Us

އޮޑިދޮށުން އައިން ތިލަވުމުން!!!

އޮޑި މަހަށް ފުރިޔަސް މަހެއްނުބެވޭ ދުވަސްތައް ދިޔަފަހުން
"އޮޑިދޮށުންނެގި އައިނަކުން" ތެޅި ފޮޅި ގަތީ މާ ބާރަކަށް

އެން ކެޔޮޅު ދުވެފައި އެގޮސް އެން ކައްޅިޔަށް ފުއްމާލުމާ
އެން ވަށިން ނެގި އެންތަކާ ވައްޓާ އެހޫރާލީ ކަނޑަށް

މައި ކެޔޮޅު ހޭބަލިވެގޮސް ކުރުދޮށި ހިފައިގެން އައިގޮތަށް
ވައިމަތީ ކިބައިން ފިލާގަނޑު ގުދުމަތިން ވެއްޓުނު ކަނޑަށް

ކުޑަ ކެޔޮޅުވެސް ދޮށިނަގަންގޮސް ތާމަތިން ކައްސާލުމުން
އުޑުތިލައިން ވެއްޓުނު ގޮތަށް އަނިޔާ އެލިބުނީ ބަދަތަކަށް

ފެންލުމަށް އެރިފަޅުވެރީން ފެންފުޅަފި ކޮއްޕާލައި ކަނޑަށް
އެއްލި ބާރުމިނުން ފުޅަފިތައް ވެއްޓުނީ ގޮސް މޯހިރަށް

އައިންމަތީ ހުންގާނުގައި ހުރި ސޮރު އެރީ ހުންގާނުދޫންޏަށް
ފައި ކަހާލައި ކަފިބުޑަށް އެއޮތީ އެސޮރު ވެއްޓުނު ގޮތަށް

ފަޅުވެރީންތައް ހޭލި މޭލިވެ އޮޑިތެރޭ އުޅެގަތް ގޮތުން
ވަތު ތެރޭގައި ވެއްޓިފައި އެ ކުދީން ތިބީ ބޯކޮޅު ވަތަށް

ކަންވެނިމި ހަމަހޭޖެހުނުއިރު "އައިން އޮބާލައި ގެއްލިފައި"
ތަން ތަނަށް ވެއްޓުނު ބަޔަކު އެތިބީ އެތާ ވެއްޓުނު ގޮތަށް

ތަޖުރިބާ ޙާޞިލްކުރަންވީ ދުންޔަވީ އެކި ކަންކަމުން
ހަނދު އަތަށްލިބުނަސް" ޖެހޭނީ ވިސްނުމާ ކެތްތެރި ވުމަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *