އަޚަކު އޭނާގެ ދުވަސްވީ ބައްޕައާ އެކު ރެސްޓޯރެންޓަކަށް ކާންދިޔައެވެ. ބައްޕައަކީ ވަރަށް ދުވަސްވެފައިވާ މީހަކަށް ވުމުން ގައިން ތުރުތުރު އަޅަމުން ގެންދިޔައެވެ. އެހެންކަމުން ކެއުމުގެ ތެރެއިން ކާތަކެތި މޭޒުމައްޗަށާއި ގަޔަށް އަދި ބިންމައްޗަށް ވެސް އެޅެމުން ދިޔައެވެ.
ރެސްޓޯރެންޓުގައި ތިބި އެންމެންގެ ނަޒަރު ހުއްޓި ބަލަމުން ގެންދިޔައީ އެ މަންޒަރަށެވެ. ނަމަވެސް ދަރިފުޅު ކެއްތެރިކަމާ އެކު ބައްޕަ ކައިނިމެންދެން އިނެވެ. އެއަށްފަހު އޯގާތެރިކަމާއެކު ބައްޕަ އަތުގައި ހިފައިގެން "ވޮޝް ރޫމަށް" ގެންގޮސްދީ، ބައްޕަގެ އަތާއި އަނގަމަތި އަދި މޫނާއި ހެދުން ދޮވެދީ ސާފުކޮށްދިނެވެ.
ދެން އެނބުރި އައިސް މޭޒުމަތި ވެސް އަވަހަށް ސާފުކޮށް، ބިލް ދައްކައިފައި ބައްޕައާ އެކު ނުކުމެގެން ހިނގައްޖެއެވެ. ދެބަފައިން ކާރަށް އަރަނިކޮށް ރެސްޓޯރެންޓުގައި އިން މީހެއް ގޮސް ބައްޕަގެ ބޮލަށާއި ދަރިފުޅުގެ އަތަށް ދޮނެއްދިނެވެ. އަދި ބުނެލިއެވެ:
"އަޚާއެވެ! ތިއައީ ރެސްޓޯރެންޓުގައި ވަރަށް ވެސް މުހިއްމު އެއްޗެއް ދޫކޮށްފައި ނޫންތޯއެވެ؟"
އޭނާ ހައިރާންކަމާ އެކު ޖަވާބު ދިނެވެ.
"ނޫނެކެވެ! އަހަރެން އެއްޗެއް ދޫކޮށެއް ނުލަމެވެ."
ކަރުނައިން ދެލޯ ފުރިގެންވާ ޙާލު އެމީހާ ބުންޏެވެ.
"ނޫނެކެވެ. ތިއައީ އެތާ ތިބި އެންމެންނަށް ވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތައި، އޯގާތެރިވުމުގެ އަގުހުރި ވަރުގަދަ ފިލާވަޅެއް ދޫކޮށްފައެވެ."
***
ކޮންމެވެސް ދުވަހަކުން އަހަރެމެންގެ ވެރި ރައްބުގެ އަމުރުފުޅަށް އެމީހުން ވެސް އަހަރެމެން ދޫކޮށް ދާނެތެވެ! އެދުވަސް އައުމުގެ ކުރިން އެމީހުންނާ ގާތްވެ އޯގާތެރިވެ ހެޔޮކޮށް ހިތާށެވެ!
"وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا"
އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެ މީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީދުވަހު، އެ ދެ މީހުން މިއަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (އަލްއިސްރާ- 24)
ޔާ ރައްބު! އަޅަމެންގެ މައިންބަފައިންނަށް ފާފަ ފުއްސަވައި ރަޙްމަތްލަވައި އެއްވެސް ޢަޛާބަކާއި ޙިސާބަކާ ނުލައި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވާނދޭވެ!
- މައުލޫމާތު ނަގައިފައި ވަނީ (العلم نور)




advertisment