އަނބިން ފިނިފެންމަލެއްހެން ލޯބިކޮށްގެން، ގެންގުޅެންވާނޭ
ވަކިން އުފަލެއް އެއަށްވުރެ ނިޢުމަތެއް ނެތްކަން އެނގެންވާނޭ
މަލެއް ނޫނަސް ލަޠީފީ ޖިންސަކަށް ވާހިނދު އަނބިންނާމެދު،
މަލެއްގައި ވަސްބަލާހެން ބޮސްދެމުން ފިރުމައި ހަދަންވާނޭ
ވަށައިގެން ހުންނަ ނަލަ ފިޔަތަށް ނޮޅައި ޗިސްކޮށް ހަލާކުނުކޮށް
ޙަޔާތަށް ގިނަދުވަހު ވަނދުނުވެ އިނދޭތޯވެސް ބަލަންވާނޭ
އަރިސްކޮށްގެން ވަރަށް ލޯބިން ވަރަށް އޯގާތެރިވެ ދީގެން
ތަނޑިން ވަކިކޮށްނުލައި ވޭތޯ ވަރަށް ވިސްނައި އުޅެންވާނޭ
ނަގައި ފެންތައްޓަކަށް ލައިގެން ވިޔަސް ހިކިގެން ނުދާގޮތަކަށް،
ހަދައިގެން ވަސްބަލައި ފިރުމައި ރަނގަޅު ފަރުވާ ދެވެންވާނޭ
ގަހުން ފިނިފެންމަލުގެ ކަށިތައް ފަޅައި ހަތިޔާރަކަށް ވިޔަކަސް،
މަލުން އެލިބޭ ތަޞައްލީއަށްޓަކައިވެސް ހެޔޮ އެދެންވާނޭ
އެކީ އެކި ބާވަތުގެ މާތައް ފޮޅޭ ގުލްޝަންތަކެއް ފެނުނަސް،
އެއީ ފިނިފެންމަލެއް ނޫންކަން ވަހާ ކުލައިން އެނގެންވާނޭ
ބަލާއިރު ކަރުގަނޑެއް ނެތްކަން އެއީވެސް ސިއްރެކޭ އެ މަލަށް،
ވަހާ ފަރި ނަލަ ކަމާ ޤުދްރަތުގެ ހަދިޔާއެއް ކަމަށް ވާނޭ
މަލެއްކަމުގައި ބަލައިގެން ގެންގުޅޭ އަނތްބެއްކަމަށް ވަންޏާ،
މަލެއްހެން ނަލަވެފައި އިނުމުން ހިތަށް ފިނިކަން ލިބެންވާނޭ
