Support Us

ޢިބްރަތް: ކެތްތެރިވެ ޙައްޤުގެ މަގުގައި ޘާބިތުވަމާ!~

ހިޖްރައިން 19 ވަނަ އަހަރު މުސްލިމުންގެ ޚަލީފާ ޢުމަރުގެފާނުގެ (رضي اللّه عنه) ޚިލާފަތުގައި، އެކަލޭގެފާނު ރޫމީންނާއި ހަނގުރާމަ ކުރުމަށް ފޮނުއްވި މުސްލިމުންގެ ލަޝްކަރުގައި ޢަބްދުﷲ ބްނު ޙުޛާފަތުގެފާނު (رضي اللَّه عنه) ވެސް ވިއެވެ. އޭރު މުސްލިމުންގެ ލަޝްކަރުގެ ޚަބަރު ވަނީ ރޫމީންގެ ރަސްގެފާނަށް ލިބިފައެވެ.

ދެ ލަޝްކަރު ދެމެދު ކުރެވުނު ހަނގުރާމަ ދިގުލައިގެން ދިޔައެވެ. މުސްލިމުންގެ ހިތްވަރުގަދަ ކަމާއި، ކެތްތެރިކަމާއި އަދި އެމީހުން ﷲ ގެ މަގުގައި ފިދާވާން ހުރި ޖޯޝާއި ފޯރި ހުރި ވަރު ފެނި ރޫމީންގެ ރަސްގެފާނު ޢަޖައިބުވިއެވެ. އަދި މުސްލިމުންގެ ތެރެއިން ހައްޔަރު ކުރެވޭ އަސީރެއް އިމްތިޙާނު ކުރުމަށް ގެނެސްދިނުމަށް އޭނަގެ ސިފައިންނަށް އަމުރުކުރި އެވެ.

ކޮންމެއަކަސް ﷲ، އެކަލޭގެފާނު ރޫމީންގެ އަތްދަށުވުމަށް އިރާދަކުރެއްވިއެވެ. އެކަލޭގެފާނާއި އެހެން މުސްލިމު އަސީރުން ގެނެވުނެވެ. ދެއަތާއި ފައިގައި ޗޭނުޖަހައިގެން އެކަލޭގެފާނު ރަސްގެފާނު ކުރިމައްޗަށް ޙާޟިރުކުރެވުނެވެ. އެކަލޭގެފާނާއި ވާހަކަ ދެއްކުމަށް ފަހު އެކަލޭގެފާނުގެ ވިސްނުންފުޅު ތޫނުކަން ފެނި ރަސްގެފާނު ހައިރާންވިއެވެ. އަދި ގިނައިރެއް ވަންދެން ޢަބުދު ﷲ ބްނު ޙުޛާފަތުގެފާނަށް ބަލަން ހުރެފައި ރަސްގެފާނު ބުންޏެވެ.

"އަހަރެން ތިބާއަށް ހުށަހެޅުމެއް، ހުށައަޅާނަމެއެވެ!"

ޢަބްދުﷲގެފާނު ވިދާޅުވިއެވެ. "އެއީ ކޮން ކަމެއްހެއްޔެވެ؟"

ރަސްގެފާނު ބުންޏެވެ. "ތިބާ ނަޞާރާ ދީނަށް ވަދެއްޖެކަމުގައި ވަނީނަމަ އަހަރެން ތިބާ ދޫކޮށްލައި އަދި ހެޔޮ ޙާލުގައި ބަހައްޓައިދޭހުށީމެވެ!"

އެކަލޭގެފާނު ބުންޏެވެ. "އަހަރެންގެ ގާތުގައި 1000 ފަހަރަށް މަރުވުންވެސް ތިބާ ތި ހުށަހެޅި ކަމަށްވުރެއް ހެޔޮކަން ބޮޑެވެ.!!!"

ރަސްގެފާނު ބުންޏެވެ. "ތިބާ އަކީ ބޯ ހަރު މީހެއްކަން އެނގިއްޖެއެވެ، އެކަމަކު އަހަރެން ހުށަހެޅުން ޤަބޫލު ކޮށްފިކަމުގައި ވަނީނަމަ، އަހަރެންގެ ވެރިކަމުގެ އެއްބައި ތިބާއަށްދީ އަދި އަހަރެން ކައިރީގައި ހެޔޮ ސަލާމަތުގައި ތިބާ ވާނެއެވެ."

މުޅި އަތާއި ފައިގައި ޗޭނުޖެހިފައިވި އަސީރު ހީލިއެވެ. އަދި ބުންޏެވެ.

"ﷲ ގަންދީ ބުނަމެވެ. ތިބާގެ މިލްކުގައި ވާހާ އެއްޗަކާއި ހުރިހާ ޢަރަބީންގެ މިލްކުގައި ވާހާ އެއްޗެއް ދިން ކަމުގައި ވިޔަސް މުޙައްމަދު ﷺ ގެ ދީން ދޫކޮށެއް ނުލާނެމެވެ."

ރަސްގެފާނު ބުންޏެވެ. "އެހެންވެއްޖެނަމަ އަހަރެން ތިބާ ޤަތްލުކުރާ ހުށީމެވެ."

"ތިބާއަށް ފެނުނު ގޮތަކަށް ކަންކުރާށެވެ." ޞަޙާބީ ބުންޏެވެ.

ލަކުޑިން ޞަލީބެއް ހަދައި އޭގައި ޢަބްދު ﷲ ގެފާނު ބެހެއްޓުމަށް ފަހު، އެކަލޭގެފާނާ ދިމާލަށް ލޮންސި އުކުމަށް، އަދި ފުރަތަމަ އެކަލޭގެފާނުގެ އަތް ކައިރިއަށް ދެން ފައިގެކައިރިއަށް ލޮންސި އުކުމަށް ރަސްގެފާނު އަމުރު ކުރިއެވެ. މިދަނޑިވަޅުގައި ވެސް އެކަލޭގެފާނުގެ ދީން ދޫކޮށް ނަޞާރާ ދީނަށް ވަނުމަށް ނުވަތަ އިސްލާމް ދީން ދޫކޮށްލުމަށް އެކަލޭގެފާނަށް ބުނެވުމުން ދިޔައެވެ. އެކަމުވެސް ތަކުރާރުކޮށް އެކަމަށް އިންކާރު ކުރަމުންދިޔަ އެވެ.

އެއަށްފަހު އެކަލޭގެފާނު ޞަލީބުން ނަގައި ފިސާރި ވަރުގަދަކޮށް ހަދާފަ ހުރި ބޮޑު ދަގަނޑު ތެއްޔެް ގެނެސް އޭގެ ފުރާ ތެޔޮ އަޅައި އޭގެ ދަށުގައި ބޮޑު އަލިފާންގަނޑެއް ޖަހައި ކައްކަން ފެށިއެވެ. ޢަބްދުﷲ ބްނު ޙުޛާފަތުގެފާނާއި އެކުގައި އަސީރުންގެ ގޮތުގައި ގެނެވުނު ދެ މުސްލިމަކުވިޔެވެ. އޭގެ ތެރެއިން އެކަކު ރަސްގެފާނުގެ އަމުރަށް އެ ކެކިކެކި ހުރި ތެޔޮގަނޑަށް އެއްލާލެވުނެވެ. މަސްތައް ކައްޓާއި ވަކިވެގެން ދިޔަތަން ބަލަން ހުރެ ރަސްގެފާނު ޢަބްދުﷲގެފާނާ ދިމާލަށް އެނބުރި އަނެއްކާވެސް ނަޞާރާ ދީނަށް ދަޢުވަތު ދިނެވެ.

މިކަން ވެގެންދިޔައީ ޢަބްދުﷲ ބްނު ޙުޛާފަތުގެފާނާއި މިހާތަނަށް ދިމާވި އެންމެ ބޮޑު އިމްތިޙާނެއްގެ ގޮތުގައެވެ. ނަމަވެސް ފަރުބަދައެއްހެން ޘާބިތުކަންމަތީ ހުންނެވިއެވެ. އެކަލޭގެފާނުގެ އީމާންތެރިކަމާއި ހިތްވަރަށް ކުޑަވެސް ހީނަރު ކަމެއްނަޔެވެ. ވަގުތުން ރަސްގެފާނު، އެކަލޭގެފާނު ވެސް ތެޔޮގަނޑަށް އެއްލާލުމަށް އަމުރުކުރިއެވެ. އެކަލޭގެފާނު ގެންދަވަނިކޮށް ލޮލުން ކަރުނަ އަޅައި ކީރިތި ކުރައްވަން ފެށްޓެވިއެވެ.

ރަސްގެފާނަށް އެކަލޭގެފާނުގެ ޢަޒުމުފުޅު ފުނޑު ފުނޑު ކޮއްލެވުނު ކަމަށް ހީކޮށް އަލުން އަނބުރައި އެކަލޭގެފާނު ގެނައެވެ. ވަރަށް އުފަލުން ގޮސް އަނެއްކާވެސް ނަޞާރާ ދީނަށް ވަނުމަށް ދަޢުވަތު ދިނެވެ.!!!

ރަސްގެފާނު ހައިރާންކަން އިތުރުވީ އަނެއްކާވެސް ޢަބްދުﷲ ބްނު ޙުޛާފަތުގެފާނު ޖަވާބަކަށް ނޫނެކޭ ބުނުމުންނެވެ. ރުޅިއައިސް ރަތްވެ ރަސްގެފާނު ހަޅޭލަވައިގަތެވެ.!

"ތިބާއަށް ހަލާކުހުއްޓެވެ! ދެންމެ ރުއީ ފަހެ ކީއްވެހެއްޔެވެ!!؟؟

ޢަބްދުﷲ ގެފާނު ބުންޏެވެ. "އަހަރެން ރުއީ އަހަރެންނަށް ލިބިފައިވަނީ އެންމެ ފުރާނައެއްކަމުގައި ވާތިއެވެ. އެފުރާނަ މިތެޔޮގަނޑު ތެރެއަށް އެއްލާލެވޭނެއެވެ. އަދި އެއަށްފަހު ހަށިގަނޑާ ވަކިވެގެންދާނެތެވެ! އަހަރެންގެ ހިތް އެދެނީ، އަހަރެންގެ މުޅި ހަށިގަނޑުގައި ވީހައި އިސްތަށްޓެއްގެ އަދަދަށް ފުރާނަ އަހަރެންނަށް ލިބިގެންވުމެވެ. އަދި އެހުރިހާ ފުރާނަ އެއްވެސް ﷲ سبحانه وتعالى ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި މިތެޔޮގަނޑު ތެރެއަށް އެއްލާލެވި މިމަރުން މަރުވުމެވެ.!!!"

ރަސްގެފާނު ޢަޖައިބުވެ އަންތަރީސްވިއެވެ. އަދި ބުނެލި އެވެ.

"ތިބާ އަހަރެންގެ ބޮލަށް ބޮސް ދީފާނަންތޯއެވެ؟ ތިބާ ދޫކޮށްލަދޭނަމެވެ!"

ޢަބްދުﷲ ގެފާނު ހުރިހާ މުސްލިމު އަސީރުން ވެސް ދޫކޮށްލަދިނުމަށް ޝަރުޠު ކުރިއެވެ.

ރަސްގެފާނު މިކަމަށް އެއްބަސްވިއެވެ. ޢަބްދުﷲ ގެފާނު އަމިއްލަ ނަފްސަށް ބުނެލި އެވެ. "ﷲ تعاليގެ ޢަދުއްވެކެވެ. އެހެނަސް އޭނާގެ ބޮލަށް ބޮސް ދިނުމުން ހުރިހާ މުސްލިމުންނާއި އަހަރެން ދޫކޮށްލަދޭން އެއްބަސްވުމުން މިކަމުގައި ގޯހެއް ނުވާނެއެވެ."

ދެން އެކަލޭގެފާނު ރަސްގެފާނުގެ ބޮލަށް ބޮސްދެއްވައި އެންމެ ފަހުން މުސްލިމުންނައިގެން ޢުމަރުގެފާނުގެ އަރިހަށް ގޮސް ކަން ހިނގި ގޮތް ކިޔައިދިނުމުން ޢުމަރުގެފާނު އެކަމާ އުފާ ކުރައްވައި އަސީރުވި ބޭކަލުންނަށް ބައްލަވައި ވިދާޅުވި އެވެ.

"ޢަބްދުﷲ ބްނު ޙުޛާފަތުގެފާނުގެ އިސްތަށިފުޅަށް ބޮސް ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ޙައްޤެކެވެ. އަދި ތިމަންކަލޭގެފާނު އިސްވެ ފައްޓަވަމެވެ."

އެހެން ވިދާޅުވެ ތެދުވެވަޑައިގެން ޢަބްދުﷲ ގެފާނުގެ އިސްތަށިފުޅަށް ބޮސް ދެއްވިއެވެ.

*****

ﷲ އަޅަމެންނަށް ކުރިމަތިވާ އިމްތިޙާނުތަކަށް ކެއްތެރިވުމުގެ ހެޔޮތައުފީޤު މިންވަރު ކުރައްވާށި! އަދި އިސްލާމްދީނުގައި ސާބިތުކޮށްދެއްވާށި!

آمين

 

  • މައުލޫމާތު ނަގައިފައިވަނީ: ޢަބްދުލްވާޙިދު ޙާމިދު ލިޔުއްވާފައިވާ "ނަބިއްޔާގެ އަޞްޙާބުން" ވޮލިއުމް 1
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *