Support Us

ޢިބްރަތް: ބޭރުފުށަށް ބަލައި ޙުކުމް ނުކުރާށެވެ.

ހެދުން އެއްޗެހި ފަހާ މުސްކުޅި ބޭބެއެއް ވަރަށް ކުޑަ ސަހަރެއްގައި ދިރިއުޅެމުން ގެންދިޔައެވެ. ވަރަށް ވެސް ރީތި ހެދުން ފަހައި ވަރަށް ރަނގަޅު އަގުގައި ވިއްކަމުން އެބޭބެ ގެންދިޔައެވެ.

އެއް ދުވަހެއްގައި ރަށްފުށުގެ ފަޤީރަކު އައިސް އެ ބޭބެއަށް ބުންޏެވެ.

"ތިބާއަށް ތިހާ ގިނައިން ލާރި ލިބޭ ހިނދު ރަށުގެ ފަޤީރުންނަށް އެހީތެރި ނުވަނީ ކީއްވެގެން ހެއްޔެވެ؟ ނިކަން ބަކަރި އެއްޗެތި ކަތިލާ މީހާ އަށް ބަލާށެވެ! އޭނާއަށް އެހާ ގިނައިން ލާރި ނުލިބޭ ހިނދު ވެސް އޭނާ ކޮންމެ ދުވަހަކު ފަޤީރުންނަށް ހިލޭ ބަކަރި މަސް ޞަދަޤާތްކޮށް އުޅެއެވެ!"

އެއްވެސް ބަހެއް ނުބުނެ މަޑުމަޑުން އެބޭބެ ހިނިތުންވެލިއެވެ.

ކޮންމެ އަކަސް އެފަޤީރު މީހާ އެތަނުން ގޮސް ރަށުތެރޭގައި އެބޭބެ އަކީ މުއްސަނދި ނަމަވެސް ބަޚީލު، ދަހި މީހެއް ކަމަށް ޚަބަރު ފަތުރަމުން ދިޔައެވެ. އެހެންވެ ރަށުގެ އަހްލުވެރިން އެބޭބެއާ ދޭތެރޭ ދެކޭ ގޮތް ގޯސްވިއެވެ. ދުވަސްތަޢޤ ފާއިތުވަމުންދިޔައެވެ. ބޭބެ ބަލިވެ އެނދުމަތިވިއެވެ. ބޭބެއާ މެދު ގޯސްކޮށް ދެކިފައިވާތީވެ އެއްވެސް މީހެއް ބޭބެއަކަށް އަޅައެއްނުލައެވެ. އެކަނިމައިއެކަނި އޮވެ މިފަނާވަނިވި ދުނިޔެއާ ވަކިވެގެން ދިޔައެވެ. إنّا للّه وإنّا إليه راجعون.

އެތަކެއް ދުވަސް ތަކެއް ފާއިތުވެއްޖެއެވެ. ބަކަރި ކަތިލާ މީހާގެ ފަރާތުން ފަޤީރުންނަށް އެއްވެސް މަހެއް ނުލިބި ގިނަ ދުވަސްތަކެއް ހިނގައްޖެއެވެ.

އެކަމާ ކަންބޮޑުވު، ބަކަރި ކަތިލާ މީހާގެ ކައިރިއަށް ގޮސް ސަބަބަކީ ކޮބައިތޯ ސުއާލު ކުރުމުން ޖަވާބުގައި އޭނާ ބުންޏެވެ.

"އަހަރެންނަށް ކޮންމެ މަހަކުވެސް ފަޤީރުންނަށް ޞަދަޤާތް ކުރުމަށް ފައިސާދީ އުޅުނީ އެއްކަލަ މުސްކުޅި ބޭބެއެވެ. އެބޭބެ ނިޔާވުމުން އެ ފައިސާ ވެސް މެދުކެނޑިގެން ދިޔައީއެވެ."

ސުބްޙާނަﷲ،

ބައެއް މީހުން ތިބާއާ މެދު ވަރަށް ގޯސްކޮށް ދެކިދާނެއެވެ. އަދި އަނެއްބައި މީހުން ތިބާއާ މެދު ވަރަށް ވެސް ހެޔޮކޮށް ދެކިދާނެއެވެ. ނަމަވެސް އެކަމުން އެމީހުންނަކަށް ތިބާ އަށް ފައިދާއެއް ވެސް އަދި ގެއްލުމެއް ވެސް ނުދެވޭނެތެވެ.

އަޞްލު ޙަޤީޤަތުގައިވެސް އެންމެ މުހިއްމީ ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާއާ މެދު ދެކިވޮޑިގަންނަވާ ގޮތެވެ. އެ އިލާހު ރުއްސެވުން އެދިގެން ނޫނީ އެއްވެސް ޢަމަލެއް ނުކުރާށެވެ!

އަދި އެއްވެސް މީހަކަށް ބޭރުފުށަށް ބަލައި ޙުކުމް ނުކުރާށެވެ! ފަހަރެއްގައި އޭނާގެ ޙަޔާތުގައި ތިބާއަށް އެކަމެއް އެނގިއްޖެނަމަ ތިބާގެ އެ ވިސްނުން ބަދަލުވެދާނެ ކަންކަން ހުރެދާނެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *