Support Us

ވަޤުފުކޮށްދޭށޭ މަށަށް ނިމުމެއް ނުވާ ގިނަ ޤަރުނުތައް

ވަގުތު ގާތު ބުނީމެ އަހަރެން އޮހޮރަމުން ހިތި ކަރުނުތައް
ވަޤުފުކޮށްދޭށޭ މަށަށް ނިމުމެއް ނުވާ ގިނަ ޤަރުނުތައް

ހިތް މަގޭ އެ އަމާޒަކަށް ދީލައިލި ލައިލާ ކުރިމަތީ
އިންތިހާ ޖަޒުބާތުގައި ދެ ނަޒަރު ގުޅުނު ފިޔަވަޅުމަތީ
ހިތްހިތާ ގުޅެމުން އެ ދާ ސިގްނަލްތަކުގެ ޝައުޤުގެމަތީ
ވަޤުފުކޮށްދޭށޭ މަށަށް ނިމުމެއް ނުވާ ގިނަ ޤަރުނުތައް

އެކުއެކީ މި ދެރޫޙު ޢިޝްޤުގެ ގުލްޝަނަށް ގޮސް ވަދެލިރޭ
އެކިމަލާ ބުލްބުލް ނަށައި ފޮނި ފޮނި ސުވާސްތީ އިއްވިރޭ
ހެކިވަމުން ތަރިހަނދު އެ މަންޒަރުތައް ބަލައި ހިނިތުންވިރޭ
ވަޤުފުކޮށްދޭށޭ މަށަށް ނިމުމެއް ނުވާ ގިނަ ޤަރުނުތައް

ދާއިމީ ފުންގުޅުމަކަށް ވިންދާއި ވިންދު ގުޅާލި ހިނދު
ސާޙިލަށް ލޯބީގެ ނާ ގޮސް ގާތްވެ މަންޒިލްކޮށްލި ހިނދު
ރާޙަތާ ޙުރުމަތުގެ ނިޔަނެތި އާ ޙަޔާތެއް ފެށުނު ހިނދު
ވަޤުފުކޮށްދޭށޭ މަށަށް ނިމުމެއް ނުވާ ގިނަ ޤަރުނުތައް

ވަގުތު؛ ރަނގަޅަށް އަޑު އަހައިފިމޭ ތިބާގެ ޝުޢޫރުތައް
ޢަޤުލު ކުރިޔަށް ނެރެ އެހުން އެދެމޭ އަނާގެ ޖަވާބުތައް
މި ގޮތުގައި އެއްބަސްވެވޭ ނަމަ އަދި ބުނާށެ އެ ކަލިމަތައް
ވަޤުފުކޮށްދޭށޭ މަށަށް ނިމުމެއް ނުވާ ގިނަ ޤަރުނުތައް

އެންމެ ހިނދުކޮޅަކީ ތިބާޔަށް ދޫކުރާ – ވަގުތާ ޒަމާން
އަންނަ ބޮޑު ކަންފަތިވުމެއް ނޫންހެއްޔެ ޖިސްމަށް ތިޔަ އޮމާން
ތިން ޤަރުނު ދިން ނަމަ ހިތަށް ސިފަވޭހެ ވާނޭ ގޮތް… ބުނާން
ވަޤުފުކޮށްދޭށޭ މަށަށް ނިމުމެއް ނުވާ ގިނަ ޤަރުނުތައް

ލޯގަނޑާ ގޮސް ކޮށްބަލާށެ މަ ހުށަހަޅާ މި ސުވާލުތައް
ލޯމަރަން ގައިމޭ ޖެހޭނެ އިވިއްޖެ ހިނދަކު ޖަވާބުތައް
ގޯހެކޭ ވިސްނޭނެ އޭރުން ތިޔަ ކުރާ ފަރިޔާދުތައް
ވަޤުފުކޮށްދޭށޭ މަށަށް ނިމުމެއް ނުވާ ގިނަ ޤަރުނުތައް

އެންމެ ނުރައެއް ފެނި ވަރަށް ސިއްރުން އެ ލުއްސައިނުލަމުހޭ؟
އެންމެ ރުލަކާ ހެދި ކިހައި ހޭނުންތަކެއް ހޭނީމު ހޭ؟
ކޮންމެ ވަގުތަކު މި ފަދަ އާދޭހައި އެކީ ބަލަ ބުނަމު ހޭ؟
ވަޤުފުކޮށްދޭށޭ މަށަށް ނިމުމެއް ނުވާ ގިނަ ޤަރުނުތައް

ކޮންކަހަލަ ފިކުރެއް ޟަމީރެއް ބުއްދިޔެއްހޭ އޮންނަނީ؟
ކޮންމެ އެދުމެއް ކުރިމަތީ މަންމަންވެ ބީރުވެ ކަނުވަނީ؟
ބިން މަތީ އުދުހޭ ބޮޑެތި މަޖުނޫނުނޭ ގޮވަމުން ދަނީ
ވަޤުފުކޮށްދޭށޭ މަށަށް ނިމުމެއް ނުވާ ގިނަ ޤަރުނުތައް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *