Support Us

2020ގެ އެންމެ މޮޅު އީޖާދުތައް

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

"މުހުތާދުވެރިކަމަކީ އީޖާދުގެ މަންމަ" ކަމަށް ޙިކްމަތްތެރި ހަރުބަހެއް ބުނެއެވެ. އަޅުގަނޑުމެން އަލްވަދާޢު ކިޔަމުން މިދާ 2020 ވަނަ އަހަރަކީ ކޯވިޑް- 19 ނަމަކަށް މި ކިޔާ ޢާލަމީ ވަބާގެ ތެރޭގައި ބިރާސް ދުވަސްތަކެއް ހޭދަކުރަން ޖެހުނު ދިގު އަހަރެކެވެ. މި ވަބާއަކީ އިންސާނިއްޔަތަށް ބޮޑެތި އަގުތަކެއް ދައްކަން ޖެއްސި ބަލިމަޑުކަމެކެވެ. އެހެނަސް މި ވަބާގެ ސަބަބުން އައު އީޖާދުތަކެއް ވުޖޫދުވިއެވެ. ވިހިވިހީގެ އައު އީޖާދުތަކަކީ ކޯވިޑް- 19އާ ހެދި އިންސާނުންނަށް ތަޙައްމުލުކުރަން ޖެހުނު ބުރަތަކަށް ލުޔެއް ހޯދާދެވޭތޯ ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެކެވެ. ގޭތެރޭގައްޔާއި ގެއިން ބޭރުގައި އަރާމު ދިރިއުޅުމެއް ތަނަވަސްކޮށް ދެވޭތޯ ކުރެވުނު މަސައްކަތްތަކެއްގެ ކާމިޔާބީތަކެކެވެ.

އަޅުގަނޑު މި ލިޔުމުގައި ފާހަގަކޮށްލާނީ 2020 ގައި އުފަންކުރެވުނު 11 އައު އީޖާދެއްގެ ކުރު މަޢުލޫމާތުކޮޅެކެވެ.

1. ވައިން ފެން އުފެއްދުން

 

މޫސުމަށް އަންނަމުންދާ އަވަސް ބަދަލުތަކާއެކު އެންމެ އަގު ބޮޑު އެއްޗެއް ކަމުގައި ވެފައި ވަނީ ފެނެވެ. އަޅުގަނޑުމެން ފަދަ ފެނުގެ ދަތިކަން ކުޑަ ބަޔަކަށް މި ކަން މަސްއަލައަކަށް ނުވިއަސް ފެނާ ހިސާބަށް ވާޞިލުވުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ހިސާބުހިސާބުގައި ދިރިއުޅޭ މީހުންނަށް ފެންފޮދަކީ ވަރަށް އަގު ބޮޑު އެއްޗެކެވެ. ކޯވިޑްގެ ތެރޭގައި ފުރަބަންދުގައި ތިބޭއިރު ފެންފޮދެއް ހޯދުމަށް ބޭރަށް ނުނުކުމެވޭ ވަގުތުގައި ފެނުގެ ނިޢުމަތުގެ އަގު މާ ބޮޑަށް ވަޒަން ކުރެވިގެން ދެއެވެ. ފެނުގެ ތަފާތު މަޞްދަރުތައް ބޭނުންކޮށްގެންނާއި ކަނޑުގެ ލޮނު ފެން މީރުކޮށްގެންނާއި ކިލަނބުވެ ވިސަޑުވެފައިވާ ފެނުން ފައިދާ ލިބިގަނެގެން ސާފު ރައްކައުތެރި ފެން ހޯދުމަށް އިންސާނުން މަސައްކަތް ކުރަމުން އަންނަތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ވިހިވިހީގައި އިންސާނާ ވަނީ ކުރިން އެކަމާމެދު ވިސްނާފައިނުވާ މަސްދަރަކުން (ވައިން) ފެން ހޯދުމަށް ޓަކައި ފެން އުފައްދާ މެޝިނެއް ނުވަތަ ޖެނެރޭޓަރެއް އީޖާދުކޮށްފައެވެ. މި ޖެނެރޭޓަރު ބޭނުންކޮށްގެން ފެން އުފައްދަނީ ގަސްގަހުގެ ތޮށިތަކާއި ރުކުގެ ބޮނބިތައްފަދަ ކުނިބުނިގޮތުގައި އުކާލެވޭ އެއްޗެހި މި ޖެނެރޭޓަރަށް އަޅައި ހޫނުކޮށްގެންނެވެ. މި ކަމަށް ބޭނުންކުރަނީ WEDEW ޓެކްނޮލޮޖީއެވެ. ނުވަތަ wood- to- energy deployed water އެވެ. މި ކަމަށް ބޭނުންވާނީ 40ހަކަށް ފޫޓުގެ ކުޑަ ތަންކޮޅެކެވެ. ޔުގެންޑާގައި ރެފިޔުޖީންގެ ފޭލިގެތަކުގައި ފެން އުފެއްދުމަށް މި ޖެނެރޭޓަރު މިހާރުދަނީ ބޭނުންކުރަމުންނެވެ.

2- ތިމާވެށްޓާ ރަޙްމަތްތެރި ދުވާ ފައިވާން

އެންމެ އަވަހަށް ހަލާކުވާ އަދި އެންމެ އަވަހަށް ބަދަލު ކުރަން ޖެހިފައިވާ އެއްޗެހީގެތެރޭގައި ދުވާ ފައިވާން ވެއެވެ. 2020ގައި Allbirds ކުންފުނިން ޠަބީޢީ އެއްޗެހި (ރޯ މާއްދާ) ބޭނުންކޮށްގެން ދުވާ ފައިވާނެއް އީޖާދު ކުރިއެވެ. އޯލްބަރޑްސް ކުންފުނިން މި ފައިވާން އުފެއްދުމަށް ބޭނުންކޮށްފައި ވަނީ އިޔުކަލިޕްޓަސް ގަހުގެ ތޮށްޓާއި މެރިނިޔޯ ކެހެރިއާއި އާމަނަކަ ތެލާއި އުއްދަނޑި ކުނޑިއެވެ. އިޔުކަލިޕްޓޮސްގެ ތޮށްޓަކީ ފައިވާން ފިނިކޮށްދޭނެ އެއްޗެކެވެ. ކެހެރިއަކީ ފައިވާނުގެ ހޫނުކަން ދަމަހައްޓާދޭނެ އެއްޗެކެވެ. އުއްދަނޑިއަކީ ފައި ގޮނދަޑިކޮށްދޭނެ އެއްޗެކެވެ. މި ފައިވާނުގެ ނަމަކީ Tree Dasher އެވެ. މިއީ މަރަތަން ފަދަ ދިގު ރާސްތާ ދުވުންތަކަށް ބޭނުންކުރުމަށް ރަނގަޅު ފައިވާނެއް ނޫނެވެ. އެހެނަސް ކޮންމެ ދުވަހަކު ކަސްރަތު ކުރުމަށް ޓަކައި ދުވާއިރު މިއީ ވަރަށް ރަނގަޅު ފައިވާނެކެވެ.

3- ނިޔަފަތި ރަތްކުރާ ދަވާދު

ޢާއްމު ގޮތެއްގައި ނިޔަފަތި ރަތްކުރާ ދަވާދު ދިގު މުއްދަތަކަށް ނުފިލައި ހުންނަ އެއްޗަކަށް ވާންޖެހޭނެއެވެ. ބޭރުގެ ބަހާތަކުގެ ސަބަބުން ކުލަ މަރުވަމުން ނުދާ އެއްޗަކަށް ވެސް ވާން ޖެހޭނެއެވެ. މި ކަމަށް ޓަކައި އަންހެން ބޭފުޅުންނަށް ބިޔުޓީ ސެލޫންތަކުގައި އެތައް ގަޑިއިރެއް ހޭދަކުރައްވަން ޖެހިވަޑައިގަންނަވައެވެ. ކޮވިޑް -19އާ ވިދިގެން ކުރިމަތިވި ފުރަބަންދުގެ ސަބަބުން އެބޭފުޅުންނަށް ބޭރަށް ނުކުމެވަޑައިނުގެންނެވި ދުވަސްތަކެއް ދިޔައެވެ. ManiMe. ކުންފުނިން ވަނީ އެބޭފުޅުންނަށް ގޭގައި ތިއްބަވައިގެން ނަލަވެ ވަޑައިގެންނެވޭނެ އީޖާދެއް މި އަހަރު ކޮށްފައެވެ. އެބޭފުޅުންނަށް ޖެހިވަޑައިގަންނަވާނީ މި ކުންފުނީގެ ޖާލު ޞަފްޙާއަށް ވަދެވަޑައިގެން އިނގިލިފުޅުތަކުގެ ފޮޓޯއެއް ފޮނުއްވާށެވެ. އެހިނދު އެ ކުންފުނިން އެ އިނގިލިތަކާ އެއްގޮތަށް ތައްގަނޑެއް ތައްޔާރުކުރާނެއެވެ. މި ތައްގަނޑު އިނގިލިތައް މަތީ ބާއްވާފައި އޭގެ މަތީގައިވާ ދުލިފަށް ދަމައިގަތުމުން އިނގިލިތަކުގައި ކުލަ ޖެހިގެންދާނެއެވެ. ނިޔަފަތިން ބޭރުގައި ހުންނަ އެތިކޮޅުތައް މަޑުމަޑުން ކަހައިލުމުން ނެއްޓިގެންދާނެއެވެ. މި މެނީކީރު ދެ ހަފުތާވަންދެން ދެމި ހުންނާނެތެވެ. އަގަކީ އެންމެ 15 ޑޮލަރެވެ.

4-  މޫނު މަތީގައި އަޅާ މާސްކު   

ކޮރޯނާ ވަބާއިން ރައްކައުތެރިވުމަށް ލިބިފައިވާ އެންމެ ފަސޭހަ ވަސީލަތަކީ މާސްކެވެ. މާސްކަކީ ނޭވާލާއިރު ނުކުންނަ ތެތް ވައި ވައިގެތެރެއަށް ނުކުތުން މަނާކޮށްދޭ އެއްޗެކެވެ. ކިބިހި އެޅޭއިރު ނުވަތަ އާފުރޭއިރު ނުކުންނަ ޖަރާސީމުތަކާ ވައިރަސްތައް އެހެން މީހުންނާ ހަމައަށް ވާޞިލުވުމަށް ހުރަސްއަޅާ ދޭނެއެވެ. މާސްކުގެ ބާވަތްތައް ގިނަ ނަމަވެސް ތިން ބާވަތެއް ފާހަގަކުރެވެއެވެ. ފުރަތަމަ ބާވަތަކީ B2 Mask އެވެ. އެއީ ރަބަރުކޮޅެއް ފަދަ ދެމޭ ފޮތިކޮޅެކެވެ. މި މާސްކުގައި ދެ ފިލްޓަރު ވެއެވެ. މި ދެ ފިލްޓަރުގެ ސަބަބުން ހަށިގަނޑުން ބޭރުވާ ޖަރާސީމުތަކާއި ވައިރަސްތަކުގެ 99.6 އިންސައްތަ ސާފުވެގެންދެއެވެ. މި މާސްކަކީ ދޮވެވޭ ބާވަތުގެ މާސްކެކެވެ.

ދެވަނަ ބާވަތަކީ Petit Pli އެވެ. މި މާސްކުގައި ބޭނުންކުރާ ފޮތިކޮޅު ހަދާފައި ވަނީ ޕްލާސްޓިކް ބިއްލޫރިންނެވެ. މިއީ ކޮންމެ ވައްތަރެއްގެ މޫނަކަށް ވެސް ހެޔޮވަރު ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މާސްކެކެވެ.

ތިންވަނަ ބާވަތަކީ RunMask އެވެ. މިއީ ކުޅިވަރު ކުޅޭ މީހުންނަށް ޓަކައި އީޖާދުކޮށްފައިވާ މާސްކެކެވެ. ކަސްރަތު ކުރާއިރު މި މާސްކު ހޫނުނުވެ ފިނިކަންމަތީގައި ދެމި އޮންނާނެއެވެ.

5- ސެމްސުންގް އޮލަނބު ޓީވީ

ސެމްސުންގް ކުންފުނިން އުފައްދާފައިވާ Sero  ޓީވީއަކީ އެހެން ޓީވީތަކާ ޚިލާފު ބައްޓަމަކަށް އުފައްދާފައިވާ ޓީވީއެކެވެ. މިއީ 43 އިންޗީގެ ޓީވީއެކެވެ. މި ޓީވީއަކީ ދުރުން ކޮންޓްރޯލްކޮށްގެން އޮލަނބުކޮށްލެވޭ ޓީވީއެކެވެ. މި ޓީވީގައި ފުރޮޅުލައިފާ ހުރުމުން ގޭތެރޭގެ ކޮންމެ ހިސާބަކަށް ވެސް މި ޓީވީ ފަސޭހައިން ގެންދެވޭނެއެވެ. ސެމުސުންގް ޓީވީން ބަލަމުންދާ ކޮންމެ އެއްޗެއް (މީސް މީޑިޔާގެ ވަސީލަތްތައް) މި ޓީވީން ބަލައިލެވޭނެއެވެ.

6- އަތަކަށް ބޭނުން ނުވާ ދަތްއުނގުޅާ ބުރުސް

މި ބުރުހުގެ ނަމަކީ Willo އެވެ. މިއީ ކަރަންޓުން މަސައްކަތް ކުރާ ބުރުހެކެވެ. މި ބުރުސް އީޖާދު ކުރެއްވީ ފަރަންސޭސިވިލާތުގެ ދަތުގެ ޑަކްޓަރެކެވެ. މި ބުރުސް ތިބާގެ އަނގަތެރެއަށް ލައިފާ އަނގަ ލައްޕާލުމުން ދަތްއުނގުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެއެވެ. ތިބާއަށް ކޯ ދޮންނާކަށް ވެސް ނުޖެހޭނެއެވެ. މި ބުރުހުގައި ބޭނުންކުރުމަށް ޚާއްޞަ ދަތްއުނގުޅާ ބޭހެއްވެސް ވަނީ އުފައްދާފައެވެ. މި ބުރުސް ބާޒާރަށް ނުކުންނާނީ 2021ގައެވެ. ލަފާކުރެވޭ އަގަކީ 199 ޑޮލަރެވެ.

7- ކުޑަކުދީންގެ ވިސްނުންތޫނު އެނދު

6 މަސްނުފުރޭ ކުޑަކުދީންގެތެރެއިން 60 އިންސައްތަ ކުދީންނަކީ ރޭގަނޑު އިރުއިރުކޮޅުން ހޭލާ ނުނިދާ އުޅޭ ކުދީންތަކެކެވެ. މި ކަމުގެ ސަބަބުން މައިންނަށް ރޭގަނޑު ނިދަން ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އިރުއިރުކޮޅުން އެ ކުއްޖާ އުދޯންޏަށް ލައި ހެއްލާދޭން ޖެހެއެވެ.ނާނަ ކިޔަންޖެހެއެވެ. Cradlewise ނަމަކަށް ކިޔާ އެނދަކީ ކުޑަ ކުއްޖާއަށް ބޭނުންވާ ހެއްލުން އަމިއްލައަށް ހެއްލާދޭ އެނދެކެވެ. ވިސްނުން ތޫނު އެހެން އެނދުތަކާ ޚިލާފަށް މި އެނދަކީ ކުޑަ ކުއްޖާގެ ޙަރަކާތަށް ބަލައި ރޯންފެށުމުގެ ކުރިން ހެއްލަން ފަށާ އެނދެކެވެ. މީގެ އިތުރަށް މި އެނދު ޕްރޮގުރާމުކޮށްގެން އެކި ގަޑިގަޑީގައި ހެއްލުވިދާނެއެވެ.

8- އެހީއަށް ބޭނުންވާކަން އަންގައިދޭ އަލި އުޅާ

މި އުޅަލުގެ ނަމަކީ Flare އެވެ. މިއީ މި އުޅާ އަޅައިމީހުން ނުރައްކާތަކުން ރައްކައުތެރިކޮށްދިނުމަށް ބޭނުންވާ އިޝާރަތް ފޮނުވާލައި އުޅަލެކެވެ. ބްލޫޓޫތު ބޭނުންކޮށްގެން މަސައްކަތްކުރާ މި އުޅަލަށް ފޯނެއް ބޭނުމެއް ނުވާނެއެވެ. އެއްވެސް ނުރައްކަލެއް ތިބާއާ ކުރިމަތިވެއްޖެނަ، މި އުޅާ ބޭނުންކޮށް މެސެޖެއް ފޮނުވޭނެއެވެ. އަދި ތިބާ ހުރިތަން މި މެސެޖުން އެނގިގެންދާނެއެވެ.

 

9- ހަމަށް ބޭނުންވާ ކުރީމެއް އީޖާދު ކުރުން

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ޓަކައި ބޭނުންވާ ކުރީމަކީ އެންމެންނާ ގުޅޭ އެއްޗެއް ނޫނެވެ. އެކި މީހުންނާ ގުޅޭނީ އެކި ބާވަތުގެ ކުރީމެވެ. އެހެނަސް ފަރަންސޭސިވިލާތުގެ ލޮރިޔާލް ކުންފުނިން ވަނީ Perso ނަމަކަށް ކިޔާ ކުރީމެއް އުފައްދައިފައެވެ. އެއީ ހަމުގެ ރީތިކަމާއި ދުޅަހެޔޮކަން ދަމަހައްޓައިދޭ ކުރީމެކެވެ. މި ކުރީމަށް ބޭނުންވާ މީހާއަށް ޖެހޭނީ މި ކުންފުނީގެ ޖާލު ޞަފްޙާއަށް ވަދެ އޭނާގެ ހަމުގެ ފޮޓޯއެއް އެ ޞަފްޙާއަށް ލާށެވެ. އެ ކުންފުނިން ހަދާފައިވާ ކޮމްޕިޔުޓަރު ޕްރޮގްރާމުގެ ދަށުން  އޭނާގެ ހަމުގެ މަސްއަލަތައް ދިރާސާކޮށް އެ ހަމާ ގުޅޭ ކުރީމެއް އުފައްދާދޭނެތެވެ. މި ޕްރޮގުރާމުން އެމީހާ ދިރިއުޅޭ މާޙައުލުގެ ޙާލަތުތައް ވެސް (ފިނިހޫނުމިން، ވައިގެ ތެތްކަން، އަވިދޭ ވަރުފަދަ) ދިރާސާކުރާނެތެވެ. ވިހިވިހީގައި މި އާލަތް ބާޒާރަށް ނެރެވޭނެއެވެ. ލަފާކުރެވޭއަގަކީ 200 ޑޮލަރާއި 300 ޑޮލަރާ ދެމެދުގެ މިންވަރެކެވެ.

10- އަނގައިން ސުންކު ނަގައިގެން ކޯވިޑަށް ޓެސްޓް ކުރުން

ކޯވިޑަށް ފައްސިވެފައިވޭތޯ ބެލުމަށް ޓަކައި ނަގަންޖެހޭ ސުންކު ކްލިނިކަށް ނުވަތަ ހަސްފަތާލަށް ނުގޮސް ކުރެވޭނެ އީޖާދެއް މިހާރުވަނީ ކޮށްފައެވެ. އޭނާއަށް ޖެހޭނީ އަނގައިން ކުޅުފޮދެއް ނަގާފައި ލެބަށް ފޮނުވާށެވެ. OraSure ނަމަކަށް ކިޔާ ތަޙްލީލުގެ ތެރެއިން އޭނާގެ ޙާލަތު ދެ ދުވަހެއްގެ ތެރޭގައި ދެނެގަނެވޭނެއެވެ.

11- އާދައިގެ ބައިސްކަލެއް ކަރަންޓު ބައިސްކަލަކަށް ބަދަލުކޮށްލައިދޭ ދައްޗެއް

ތިބާ ދުއްވާ ބައިސްކަލު އެއްލާނުލައި އެ ބައިސްކަލު އިލެކްޓްރޯނިކް ބައިސްކަލަކަށް ބަދަލުކޮށްލައިދޭނެ ދައްޗެއް (ބެޓެރީއެއް) މި އަހަރު ވަނީ އީޖާދުކޮށްފައެވެ. މި ދަތި ހަރުކޮށްލަން ޖެހެނީ ކުރީ ފުރޮޅުގައެވެ. މި ދަތީގެ ބަރުދަނަކީ 10 ރާތަލެވެ. މި ބެޓެރީގެ ސަބަބުން ބައިސްކަލުގެ ދުވެލި ގަޑިއަކު 15 މޭލަށް ބާރުވެގެން ދާނެއެވެ. މި ބެޓެރީ އަލުން ޗާޖުނުކޮށް 15 ވަރަކަށް މޭލަށް ދަތުރު ކުރުމަށް ބޭނުން ކުރެވޭނެއެވެ. މި ދައްޗަކީ ބޭނުންއިރަކު ނައްޓާލައި ބަދަލުކޮށްލެވޭ އެއްޗަކަށް ވާތީ ދުރު ހިސާބުހިސާބަށް ދަތުރު ކުރުމަށް ވެސް މި ބެޓެރީ ބޭނުން ކުރެވިދާނެއެވެ.