ކުލަރީތި ހަރުފައެއް މިދަނީ ލޮލުގެ ކުރިމަތީ
ދުލަކުން ބަޔާން ނުވާ ވިހަގަދަ އޭގެ ގޮތްމަތީ
ބޮލުގައި އެވާއިރަށް ހުޅިގަނޑު ރީތި ވިހުރިލާ
ލޮލުގައި ވަނީ ވިދާ ކުލަ ޔާގޫތު މާ މަތީ
އޮފުދާރުކަން ހިތަށް ކުރުވާ އަސަރު ހުވަފެނީ
ދެކެފާ ދެލޯ ނިދަން އެދެނީ އޭގެ މޭމަތީ
ޖެހުމުން ވިހައިގެ އަސަރުން މުޅި ނަފުސު މަޅިއަރައި
ކެހިތައް ލިބޭ މަގޭ ހިފެނީ ދެން މި ބިންމަތީ
ޢީސާގެ ރީތި ޒާހިދު ސޮފުހާ ނުވެސް ކިޔައި
ކީސާ ޖަމާކުރުން ކަމަކީ އޮންނަ ހިތް މަތީ
ތޫނުން ހެރޭ ކަށީގެ ޒަޚަމް މޭ ހިތާ ވެފައި
ހޫނުން އަރާ ނުވެސް ނިދެއޭ ރީތި ތަންމަތީ
ކުލައިން ވިދާ ޖަރީ ވިޔަކަސް ބޭރުފުށް ލިބާސް
ކުލަ އޮއްސެނީ ތިމާ އަބުރުން އޮންނަ ނަންމަތީ
އަތްފައި ގެ ބާރު ނެތިވެ ފިލާ ވިހަވެ ލޭ ފަހުން
ރަތްތާކިހާ އެޅޭ ނުއެޅެންވާނެ ބޯމަތީ
އަތުރާލެވޭ ޚިޔާލުގެ ހުސް އުސް މަޙައްލުތައް
ފަތުރާލެވޭ ބިނާ ފަދައޭ ކަނޑުގެ ފެންމަތީ
