Support Us

އެއް ލަފުޒެއް- އެތައް މާނައެއް

ރާޅާއެޅުން މީ މާކުރީއްސުރެ ފޫހިފިލުވަން ކޮށް އުޅޭ-
ވާޅާ އެކީ ހިތްހަމަޖެހުން ލިބިދޭ ކަމެއް (މީ ކޮށް އުޅޭ)

އެޅުމުގެ ވަރަށް ގިނަ މާނަތައް ފެންނަން ރަދީފުން ހުންނައިރު
މި ޅެމުން ބަޔާން ކޮށްދޭނެނީ ތަފުޞީލުތައް ބަސްބުނެ އުޅޭ

އެއްޗެއްގެ ތެރެއަށް އޮއްސުމަށް އެއްޗެއް، މިހެން ބޭނުންކުރޭ
އެއްޗެއް ތެރޭ އެއްޗެއް ބެހެއްޓުން ވެސް ވަނީ ކަމަށޭ އެޅޭ

ހުސްތައްޓަކަށް ބަތް، ރިހައެޅުން މީވެސް މިސާލެއް މިކަމުގައި
އުސް ރުއްރުކުން ކުރުނބާ ގަބުޅި ފަދަ ތަކެތި އަޅައި އުޅޭ

ކުރުމަށް ތިމާއަށް ދީނުގައި ވާޖިބު ވެދާ އަޅުކަންތަކުން
ދުރުހެލިވެގެން ހުރުމީ އެއީ ވެސް އެޅުމެކޭ ހަމަ ބުނެ އުޅޭ

އެއްޗެއް ނުވަތަ ދޭއްޗެއް އެހެން އެއްޗެއްތެރަށް ވަދެ ފުށުއަރައި
އެއްޗެއް މިހެން ފޮރުވިއްޖެނަމަ އެޅުނީ ކަމަށް ވެސް ބުނެއުޅޭ

އުޅަނދެއް ދަތުރުކޮށްފައި ނުދާއިރު ބޯސަލުން ހައްޔަރުކުރަން
ކުޅަދާނަ ދަންޑެހެލުން އަޅައި އުޅެޔޭ އެމީހުން ހަމަ މޮޅޭ

އެކި ގަސްގަހުން ވަސްމީރުހާ މާތައް، ފަހުން މޭވާތަކާ
ދެކިލާށެވީ އެ ނުކުންނަ ގޮތް މޭވާ އަޅައި މާތައް ފޮޅޭ

މުންޑާ ގަމީސް ފަޓުލޫނުވެސް ހެޔޮވަރު ގަޔަށް ކޮށް، ރީތިކޮށް-
ހުންނާނެހެން ނަލަކަންމަތީ އެކިއެކި ހެދުން މެ އަޅައި އުޅޭ

ބޮލުގައި 'ބަހައްޓާ' ތާކިހާ އަދި ތެޔޮ ރުމާ ވެސް ބޮލުފޮށާ
ލޮލުގައި 'ބަހައްޓާ' އައިނުވެސް އަޅަނީ ކަމަށް ހަމަ ބުނެއުޅޭ

ފުނަލުން ބޮލުގެ އިސްތަށިގަނޑާ މަތިމަސް ތުނބުޅި އޮމާންކުރަން
ފުނަލޭ އަޅާ ކަމުގައިވަނީ، ބުރުހުން މިކަން ކުރިޔަސް އެޅޭ

ގަހަނާތަކާ ގަޑިޔާ އުޅާ ފަދަ އެންމެހާ ޒޭވަރުތަކާ
އަހަމުން މިއެއްޗެހި ރީތިހޭ، ގައިގައި ތަކެތި މެ އަޅައި އުޅޭ

ރިޔަލުން ދުވާހެން އޮޑިފަހަރު، އިންޖީނު ނާޅާ ހިނދު އޭރުގައި
ރިޔަލަށް އައިސް ވައި ހަރުލުމީވެސް އެޅުމެކޭ ހަމަ ބުނެއުޅޭ

ދެކިލާށެ އަދިވެސް މާނަތައް އެބަހުރި އެޅުން ބޭނުންކުރާ
އެކި ބަލިބަލީގެ ޝިފާއަކަށް ބޭސްފަދަ ތަކެތިމެ އަޅައި އުޅޭ

ކުޑަކުޑަ ކުދިން ނަލަކޮށް ހަދާއިރު ޚާއްޞަކޮށް އޭރުގެ މައިން
ކުޑަކޮށް ލޮލުގެރަވަ ކަޅުކުރަން ގަލަދުން(އަނދުން)މެ އަޅައި އުޅޭ

އަދި ވަންހަނާ ސިއްރެއް ގޮތުން ޢަމަލެއް ބައެއް މީހުން ކުރާ
ހަޑިކަން އޮތީމާ އެ ގޮތުގައި ސިއްރެއް ކަމަށް ވެސް ބުނެ އުޅޭ

ކަމަކާ ޙަވާލު ތިމާ ވިޔަސް ޚިދުމަތް އަދާކުރުމަށްޓަކައި
ކަމަކަށް  އެކަން ހަމަ ވާނެނީ ޒިންމާއަކަށް ބޮލުގައި އެޅޭ

"ޖެއްސުން" ކިޔައިގެން ވާނެހޭ، ރާޅާއެޅުން ނުކިޔާންވެގެން
އަޞްލަށް ބަލައި ވިސްނައިފިނަމަ "ރާޅާއެޅުން" ހަމަ ކަމުފޮޅޭ

އެޅުމުގެ ވަރަށް ގިނަ މާނަތައް އެބަހުރި މިހެން ބުނެ ލިޔެލުމަށް
މި ޅެމުން މި މިންވަރު ފުއްދަމުން ނިންމައިލަނީ "މާޒީ" އަޅޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *