މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ދުވުންތެރިޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސްޓާފް ސާޖަންޓް ނަޞްރުﷲ އަޙްމަދުގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެދުންކޮށްފިއެވެ. މި މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުންކުރީ މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ނަޞްރުﷲ އަޙްމަދަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާގެ ރެކޯޑް ހާސިލުކޮށްފައިވާ ދުވުންތެރިޔާއެވެ. އޭނާގެ 60 ވަނަ މެރެތަންއަކީ 2020 ވަނަ އަހަރު ބޭއްވި ނިއުޔޯކް ލިބަޓީ ރަންއެވެ. އޭގެ ފަހުން ވެސް އިތުރު ފަސް މެރެތަން ނިންމައި ނަޞްރުﷲ ވަނީ ޖުމްލަ 65 މެރެތަންގައި ދުވެފައެވެ.
ނަޞްރުﷲ އަޙްމަދާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަޞްރުﷲ ހޯދައިފައިވާ ކާމިޔާބީ ފާހަގަކުރައްވައި އެ ކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ނަޞްރުﷲގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަޙައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރުދެއްވިއެވެ. މީގެ އިތުރުން، މެރެތަން މުބާރާތްތަކަށް ތައްޔާރުވުމުގައި އަމަލުކުރާ ގޮތާއި، ކުރިމަތިވާ ދަތިތަކުގެ މަޢުލޫމާތު ސާފު ކުރައްވައި، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތްކުރުމުގައި ދެމިހުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
އެވްރެޖުކޮށް ހަތަރު ގަޑިއިރުގެ ތެރޭގައި މެރެތަން ފުރިހަމަކުރާ ނަޞްރުﷲގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2019 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ފަސްވަނަ ހިންދުސްތާން މެރެތަންއެވެ. މި މެރެތަން އެއްވަނަ މަޤާމުގައި އޭނާ ނިންމައިފައި ވަނީ ތިން ގަޑިއިރާއި 29 މިނެޓު 38 ސިކުންތުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މެރެތަންތަކުގައި ދުވުމުގެ އިތުރުން، ނަޞްރުﷲ އަކީ މި ދާއިރާއިން މީހުން ބިނާކުރުމުގައި ވެސް މަސައްކަތް ކުރާ މީހެކެވެ. މިގޮތުން، މެރެތަންއާއި ލޯންގް ރަން ފަދަ މުބާރާތްތަކަށް ދިވެހި ދުވުންތެރިން ތަމްރީނު ކުރުމުގައި ނަޞްރުﷲ މުހިންމު ދައުރެއް އަދާކުރެއެވެ. މި ގޮތުން ރާއްޖޭގެ ފުލް-މެރެތަން އަދި ހާފް-މެރެތަންގެ ރިކޯޑު ހާސިލުކޮށްފައިވާ ޝިފާޒު މުޙައްމަދާއި، ފަސް ކިލޯމީޓަރުގެ ރެކޯޑު ހާސިލުކޮށްފައިވާ މުޙައްމަދު ރަޝީދު، އެ ކާމިޔާބީތައް ހޯދައިފައި ވަނީ ނަޞްރުﷲ އެހީތެރިކަމާއެކު ކަމުގައި ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެއެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.



advertisment
One Response
ތިކުރެވުނީ ތާކުންތާކު ނުޖެހޭކަމެއް. ތިދާނީ ކުނިކޮށްޓަށް. ތިޔަށްވުރެ މާރީތިވީސް ދާރުލްއާސާރަށް ހަދިޔާކުރިނަމަ.