ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން އަންދަމުންދާތީ، އެ ގަބުރުތައް ރާއްޖެ ގެނެސް ވަޅުލެވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ލަންކާ ސަރުކާރުގެ އެދުމުގެ މަތިން ދިވެހި ސަރުކާރުން ކުރަމުން އަންނަނިކޮށް "ދަ އިސްލަމިކް ރިޕަބްލިކް އޮފް ގަބުރުސްތާން" ޖައްސަވާފައި، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ކުރެއްވި ޓްވީޓު ވަރަށް ފުރިހަމަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

Well said Dr Munavvar!
— Maumoon Abdul Gayoom (@maumoonagayoom) December 15, 2020
"ވަރަށް ރަނގަޅަށް ތިޔަ ވިދާޅުވީ ޑރ. މުނައްވަރު!" ރައީސް މައުމޫން ވިދާޅުވިއެވެ.
ރޭ ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވަނީ، ކޮވިޑް ޖެހިގެން އެހެން ގައުމެއްގައި މަރުވާ އެއްވެސް މީހެެއްގެ ގަބުރު ރާއްޖެ ގެންނަން ތާއީދު ނުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި މިއަދި ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ "ކޯވިޑްގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން އަޅުގަނޑުމެން ކޮށްދޭންޖެހޭނެ ކަމެއް ނޫން" ކަމަށާއި އަދި "އެކަން ކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް" ކަމުގައި ވިދާޅުވެފައެވެ.
ކޯވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާމުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން އަޅުގަނޑުމެން ކޮށްދޭންޖެހޭނެކަމެއްނޫން. އަދިއެކަންކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާގޮތަށްކުރެވޭތާއީދަކަށް.
— Maumoon Abdul Gayoom (@maumoonagayoom) December 15, 2020
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.
"އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ." އެ ބަޔާނުގައި ވެއެވެ.
މިކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލީޝަން ސަރުކާރުގެ ބައިވެރިއެއް ކަމުގައިވާ ރައީސް މައުމޫން މިހާތަނަށް ފާހަގަކުރެވިފައި ވަނީ މި ސަރުކާރުން ކުރާ އަދި ކުރަން އުޅޭ ކަންކަމަށް ފާޑުވިދާޅުނުވެ، ހަނުހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
ލަންކާ އިން މިދިޔަ އެޕްރީލްގައި ހަމަޖައްސައިފައި ވަނީ ކޮވިޑްގައި މަރުވާ ކޮންމެ ދީނެއްގެ މީހެއް ކަމަށް ވިޔަސް، އަންދާލާ ގޮތަށެވެ. އެގޮތަށް ހަމަޖެއްސީ، ކޮވިޑް ގަބުރުތައް ވަޅުމުން ފެނުގެ ޒަރީޔާއިން ކޮވިޑް ފެތުރޭނެ ކަމަށް އާބާދީ ބޮޑު ސިންހަލަ ބުޑިސްޓު ޖަމާއަތްތަކުން ބުނަމުން ދަނިކޮށެވެ. އެހެންކަމުން، އާބާދީ ކުޑަ މުސްލިމުންގެ މެދުގައި އެކަމުގެ ހިތްހަމަނުޖެހުން ވަނީ ވަރަށް ބޮޑުވެފައެވެ.
ޖުމްލަ 21 މިލިއަން މީހުން އުޅޭ ލަންކާގެ އާބާދީގައި މުސްލިމުން ހިމެނެނީ އެންމެ 10 ޕަސަންޓެވެ.
ކޮވިޑް ޖެހިގެން މަރުވެފައިވާ 19 މުސްލިމެއްގެ ހަށިގަނޑު އަންދާލަންޖެހޭތީ މޯޗަރީން ނުގެންގޮސް ގިނަ ދުވަސްތަކެއް ވުމުން، އެ ގަބުރުތައް އަންދާލުމަށް ލަންކާގެ ބަންޑާރަ ނައިބު އަމުރެއް ނެރުމުން، 15 ގަބުރެއް މިދިޔަ ހަފުތާގައި ވަނީ އަންދާލައިފައެވެ. އެއާއެކު ލަންކާގެ މުސްލިމުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
ލަންކާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ އޮކްޓޯބަރުން ފެށިގެން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގައުމުގައި މިހާތަނަށް 32،790 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 152 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑްގައި ރާއްޖޭގައި މިހާތަނަށް މަރުވި 48 މީހުން ވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހިނެވުމަށްފަހު ވަޅުލާފައި ވަނީ، ހުޅުމާލޭ ގަބުރުސްތާނުގެ، ވަކި ސަރަހައްދެއްގައެވެ.
ކޮވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ އެހީތެރިކަމަށް ލަންކާ ސަރުކާރުން އެދުމުން، ލަންކާގެ އިދިކޮޅު ފަރާތްތަކުން ދަނީ އެއީ ބޮޑު ލަދުވެތިކަމެއް ކަމަށް ބުނެ ރާޖަޕަކްސަ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ޓްވީޓެއްގެ ފޮޓޯއާއެކު، ލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ ގައުމުގެ ރައްޔިތުން މަރުވުމުން ޖަނާޒާގެ ކަންތައް ކުރިއަށް ގެންގޮސްދޭން އަވަށްޓެރި ގައުމެއްގައި އެދުން އެއީ ލަދުވެތިކަމެއް ކަމަށެވެ.



advertisment