Support Us

ޝާޢިރެއްގެ ފަތިސް

ޝާޢިރެއްގެ ޝުޢޫރުތައް ގުގުމާލިޔޭ އާފާޤުގާ
ޢާލަމަށް ފުރަ މެންދަމަކު ދިން ހަނދުވަރުގެ ޖަޒުބާތުގާ

މެދު އުޑުން ދައްކާލި ދަރުބާރެއްގެ ހުރި މޫރިތިކަމުން،
ނިދި ފިލައި އޭނާގެ ދޫ ވީއްލިއްޖެޔޭ ތާރީފުގާ

[ވޮޑިގަތީމާ] ރޭގަނޑުގެ ރާނީ ޝަރަފުވެރި ތަޚުތުގައި
އުޑުތަކާ މުޅި ބިމުގެ ލޯ ހުއްޓިއްޖެޔޭ ތަޢުޡީމުގާ

ދޯދިތައް ރިހި ރަނުގެ އޮހޮރާ ކައުނު ފެންވަރުވައިފިޔޭ
ލޯބި ފިޠުރަތުގައި ވި ހޭލައި އޭގެ ސިޙުރީ ބާރުގާ

ތަރިތަކާއޭ ޝުކުރުވެރި ވާށޭ ނަސީބުގެ ހެޔޮ ކަމުން،
ފަރިކަމުގެ ވެރި ސާހިބާޔާ އެކު ވެވޭތީ އަރިހުގާ

އޭ މި ތިބަ ޝައްފާފު ޝަބުނަމް ތިކިތަކާއޭ ބުނެދެމޭ
ދޭހުގާ ތިޔަ ވީ، އެ މަލިކާ ވީކަމުން ނޭ ފަލަކުގާ

މާމެލާމެލި، ގަސްގަހާގެހި، ދޫނިސޫފާސޫފި ވެސް،
ހާމަ ވާ ޖާދޫގެ އަސަރުން ޝޯޚުވެއްޖޭ މަސްތުގާ

މަދަޙަޔާ މި ޣަޒަލްތަކާ މެދު ފަޚުރުވެރި ހަނދު އެބަ ވެޔޭ
ބަދަލު ވާކަން ނޭނގި ރޭގަނޑު ގޮސް ދުވާލަށް އަޒަލުގާ

ލަސްތަކެއް ނުވެ އިރު އަރައި ފައްސައިލިޔޭ ރޭނގަޑު އެކަށް،
ހުސްވެ ތަރިތައް ނެތި މުޅިން ހަނދު އެކަނިވެރި ވާ ޙާލުގާ

އަލިކަމެއް ކުޑަ ވެސް ނެތޭ ފެންނާކަށެއް އަލި މޫނުގައި،
އަލިކަމުގެ އަސްލަށް ބެލީ ޝާޢިރު، ދެނޭ މި މަޤަމުގާ

އިރުގެ ދޯދިންނޭ ހަނދަށް ކުރުވީ މި ހަދިޔާ އޭގެ ނޫރު،
ބިރު ލަދެއް ނެތި ކީއްވެ ހޭ އެ ބަލައި ގަތީ، އޮތް އެދުމުގާ

ޝާޢިރަށް ވިސްނިއްޖެޔޭ ތާރީފު ޙައްޤު ފަރާތް މިހާރު
ހާދަހާ ބޮޑު ޢިބްރަތޭ ލިބުނީ މި ތާޒާ ފަތިހުގާ

ޙައްޤު ވާ ތާރީފު ނުލިބޭ، ޙައްޤު ނޫން ހެޔޮ ބަސް އޮހޭ،
ލައްކަ މީހުން ވާނެ ތާއޭ ދުނިޔެ ދިން މި މިސާލުގާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. "ޙައްޤު ވާ ތާރީފު ނުލިބޭ، ޙައްޤު ނޫން ހެޔޮ ބަސް އޮހޭ،
    ލައްކަ މީހުން ވާނެ ތާއޭ ދުނިޔެ ދިން މި މިސާލުގާ" މި ބައިތުގައި މިވާ ވާހަކަ އާދަން ވާނީ ވަރަށް ބޮޑަށް ތަޖުރިބާކުރައްވައިކަމަށް ފެނޭ. މިއީ ހަގީގަތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *