އަދި އެއް ކަރުނަތިކި އެބަ އިނޭ، ގޮތް ހުސްވެފައިވި މި ދެ ލޮލުގައި
ކުދިކުދިވެފައިވާ ހިތުގެ ރަތް ލޭން ކަޅިވެފައިވާ ޙާލުގައި
ހަނގުރާމައެއްގައި ޒަޚްމުވީ ކުޑަކުޑަ ޅަކުއްޖަކުހެން ބިރުން،
ލެނގިގެން ކަނެއްގައި އެބަ އިނޭ ފޭލިގެތެރޭގައި ނިވަލުގައި
އޭނާގެ ސީދާ ކުރިމަތީ އަނިޔާގެ ކަނޑި ތަކުރާރުކޮށް،
މޭގައި މި އޮތް ނާޒުކު ހިތަށް ޙަމަލާ ދިނީ ކުރި ޤަތުލުގައި
ބިރުވެރި އެ ވޭނީ މަންޒަރާ ހިތި އަސަރުގައި ކެތްނުވެވިގެން،
ހުރިހައި ކަރުނަހެން ބޭރުވީ ހުރި ގޮތްހެ މީ ބުނެ އަޒަލުގައި
ލޮލަކީ މިއަދު ލޭކޯރެކޭ ބަންޑުންވެ ހިކިފައި އޮތް މުޅިން،
ދުލަކުން ބުނާނެ ބަހެއް ނެތޭ ޝަކުވާޔަކަށް، އަދި ޖަދަލުގައި
ޚާލިޞްހިތަށް ލޯބީގެ ކޫޒުން ދުނިޔެވީ ބާޒާރުގައި
މާމުއިކަމަށް ޒަހަރޭ ދިނީ، ޒާލިމުގެ ދެ އަތުން ބަދަލުގައި
އޭ ކަރުނަ ތިއްކާ އޭ ތިބާ ވެސް ދެން ނިކުންނާށޭ ރޮމުން
ވޭނާ ގިލަން ނޫނީ ނެތޭ އަދު ބޭވަފާތެރި މި ޖަލުގައި