ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން އަންދަމުންދާތީ، އެ ގަބުރުތައް ރާއްޖެ ގެނެސް ވަޅުލެވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ލަންކާ ސަރުކާރުގެ އެދުމުގެ މަތިން ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފައި ކަމަށެވެ.
On special request from Sri Lankan President @GotabayaR, President @ibusolih is consulting stakeholder authorities of the Government of Maldives to assist Sri Lanka in facilitating Islamic funeral rites in the Maldives for Sri Lankan Muslims succumbing to COVID19 pandemic. pic.twitter.com/EPj6TCCLLp
— Abdulla Shahid (@abdulla_shahid) December 14, 2020
"އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ." އެ ބަޔާނުގައި ވެއެވެ.
ލަންކާ އިން މިދިޔަ އެޕްރީލްގައި ހަމަޖައްސައިފައި ވަނީ ކޮވިޑްގައި މަރުވާ ކޮންމެ ދީނެއްގެ މީހެއް ކަމަށް ވިޔަސް، އަންދާލާ ގޮތަށެވެ. އެގޮތަށް ހަމަޖެއްސީ، ކޮވިޑް ގަބުރުތައް ވަޅުމުން ފެނުގެ ޒަރީޔާއިން ކޮވިޑް ފެތުރޭނެ ކަމަށް އާބާދީ ބޮޑު ސިންހަލަ ބުދިސްޓު ޖަމާއަތްތަކުން ބުނަމުން ދަނިކޮށެވެ. އެހެންކަމުން، އާބާދީ ކުޑަ މުސްލިމުންގެ މެދުގައި އެކަމުގެ ހިތްހަމަނުޖެހުން ވަނީ ވަރަށް ބޮޑުވެފައެވެ.
ޖުމްލަ 21 މިލިއަން މީހުން އުޅޭ ލަންކާގެ އާބާދީގައި މުސްލިމުން ހިމެނެނީ އެންމެ 10 ޕަސަންޓެެވެ.
ކޮވިޑް ޖެހިގެން މަރުވެފައިވާ 19 މުސްލިމެއްގެ ހަށިގަނޑު އަންދާލަންޖެހޭތީ މޯޗަރީން ނުގެންގޮސް ގިނަ ދުވަސްތަކެއް ވުމުން، އެ ގަބުރުތައް އަންދާލުމަށް ލަންކާގެ ބަންޑާރަ ނައިބު އަމުރެއް ނެރުމުން، 15 ގަބުރެއް މިދިޔަ ހަފުތާގައި ވަނީ އަންދާލައިފައެވެ. އެއާއެކު ލަންކާގެ މުސްލިމުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
ލަންކާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ އޮކްޓޯބަރުން ފެށިގެން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގައުމުގައި މިހާތަނަށް 32،790 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 152 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑްގައި ރާއްޖޭގައި މިހާތަނަށް މަރުވި 48 މީހުން ވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހިނެވުމަށްފަހު ވަޅުލާފައި ވަނީ، ހުޅުމާލޭ ގަބުރުސްތާނުގެ، ވަކި ސަރަހައްދެއްގައެވެ.
ކޮވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ އެހީތެރިކަމަށް ލަންކާ ސަރުކާރުން އެދުމުން، ލަންކާގެ އިދިކޮޅު ފަރާތްތަކުން ދަނީ އެއީ ބޮޑު ލަދުވެތިކަމެއް ކަމަށް ބުނެ ރާޖަޕަކްސަ ސަރުކާރަށް ފާޑުކިޔަމުންނެވެ.



advertisment