ޣާފިލު ދެ ލޯ މަރައި އެ ލީ ޖާހިލުވި ތަންމަތީ ގައި
ހާސިލު ކުރަން އަމާޒު ތައް ދަނިކޮންނެ މަގުމަތީ ގައި
ނުފުދޭ ކަމަށް އެ އުފުލި ބަހަނާ ގެ އަޑު ކުރަކި ވިހާ
ދަފުނާ ކުރާށަ ކެރި ނިކަން ދަނިކޮންނެ ބިންމަތީ ގައި
އަގުތައް ލިބޭނެ މަގު ބަލައި ވަގުތެއް ހިލޭ ނަގައިނުލައި
މަގުތައް ކޮށައިދެމުން ރިވެތި ދަނިކޮންނެ ކުރިމަތީ ގައި
ފާގަތިކަމާ އެކީ ދިރުން ދާ ލިބި ތަފާތު ކުރިއެރުން
ހައިބަތު މިތާގެ ދައްކަމުން ދަނިކޮންނެ ލޯމަތީ ގައި
ހަތިޔާރުތައް ނަގައި ހުތުރު ބިރުދައްކަމުން އެ ދިޔަ އިރު
ކަސިޔާރު މަގު ނުކޮށް ދަތުރު ދަނިކޮންނެ ކަނޑުމަތީ ގައި
މައިމަގުތަކާއި ގޯޅިތައް ހައިވޭ ގެ ބިޔަ ގުޅުންތައް
ހައިރާން ވެދާ ބިނާވަމުން ދަނިކޮންނެ ފަސްމަތީ ގައި
މުރިނގަށް ދެ އަލި ވިދާނޭ މުޅި ދުނިޔެ ލޯ ދެކޭނޭ
ކުރިބޯށިތައް އުފުއްލަމުން ދަނިކޮންނެ ރަށްމަތީ ގައި
އަތުރާލި އުސް ބިނާތަކުން ހަތުރެއް ތަފާތު ނެތް ގޮތުން
ފަތުރައިދެމުން ގެވެހި ހިޔާ ދަނިކޮންނެ ބޯމަތީ ގައި
