Support Us

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ރާއްޖޭން ފުރިހަމަ އެއްބާރުލުން ދޭނަން: ރައީސް

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ތަހަންމަލުކުރަންޖެހޭނެ ފަދަ ނާޒުކު ފައްތަރެއްގައިވާ ޤައުމަކަށް ވުމާއެކު، ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއް ކުރާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ޕެރިސް އެއްބަސްވުމަށް ފަސް އަހަރު ފުރުން ފާހަގަކުރުމަށް އ.ދ އިން އޮންލައިންކޮށް ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަމިޓަކީ މޫސުމީ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމުގެ ގޮތުން، ޤައުމުތަކުން ނިންމަވާފައިވާ މުހިންމު ނިންމެވުންތަކާއި އަދި މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ މުސްތަޤްބަލުގެ ތަސައްވުރުތައް އެއް ތަނެއްގައި ޙިއްޞާކުރުމަށް ފުރުޞަތު ފަހިވެގެންދާނެ ސަމިޓެކެވެ. އަދި މި ސަމިޓަކީ އިނގިރޭސިވާލާތާއި ފްރާންސް އަދި އ.ދ. އިން އިސްނަގައިގެން ޗިލީ އަދި އިޓަލީގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ސަމިޓެކެވެ. މި ސަމިޓް މަގުފަހިވެގެންދާނީ ޔޫ.އެން ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އިން 2021 ވަނަ އަހަރުގެ ނޮވެންބަރު 1-12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދި ކޮންފަރެންސް އޮފް ދަ ޕަރޓީސް (ސީ.އޯ.ޕީ) ގެ 26 ވަނަ ސެޝަނަށެވެ.

މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން އޮތީ މޫސުމީ ކަންކަމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަން ކުޑަކުރުމަށް ކުރާ މަސައްކަތުގައި ކުރިމަތިވާނެ ދަތިތަކާއި ކުރިމަތިލުމަށް ފުރިހަމަ ތައްޔާރުވެގެން ކަމުގައި ވިދާޅުވެފައެވެ. އަދި އެހެން ޤައުމުތަކާ ހިލާފަށް ރާއްޖެއަކީ މިހާރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުންދާ ޤައުމަކަށް ވާތީ އެކަންކަން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަށް ރާއްޖެއަށް ވަނީ މަޖުބޫވެފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި، ރާއްޖޭގައި މިހާރު ހުރި ވަޞީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރުގެ ނިޔަލަށް ނައްތާލެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ރަނގަޅު ފެށުމެއް ކަމުގައި ދެކިގެން މުސްތަޤްބަލުގައި މިއަށްވުރެ ބޮޑު ތަސައްވަރަކާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" އާ ހަމައަށް ވާޞިލުވެވިދާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ލަނޑުދަނޑިއެއް ޙާޞިލުކުރާއިރު ބޭރުގެ ފަރާތްތަކުން މީގެ ކުރިން ރާއްޖެ ފަދަ ޤައުމުތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފަންނީ އަދި މާލީ އެހީތެރިކަން ބޭނުންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ރާއްޖެއިން ކުރެވެން ހުރި މަސައްކަތްތައް ކުރަމުގެންދާނެކަން ހާމަކުރައްވައި އެހެން ޤައުމުތަކުންވެސް މިކަމުގައި އެ ޤައުމުތަކުން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތްކޮށްގެން ނޫނީ ދުނިޔެ ހޫނުވަމުންދާ މިންވަރު މައްޗަށް ނުގޮސް ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ނުހިފެހެއްޓޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *